ޤަމަރުއްނިސާ ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މ. މަޑިފުށީ ކޯޓުގެ ކާތިބާ ކަމުގެ ވަޒީފާގައި 23 އޮކްޓޫބަރު 1979 ގައެވެ. 26 ޑިސެންބަރު 2004 ގައި، ސުނާމީ ކާރިސާގައި މަޑިފުށްޓަށް ލިބުނު ގެއްލުމުގެ ސަބަބުން، މަޑިފުށީގެ ރައްޔިތުން އދ. މާމިގިއްޔަށް ދިރިއުޅުން ބަދަލުކުރެއްވުމާ ގުޅިގެން، އޭރުއްސުރެ ޤަމަރުއްނިސާ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، މާމިގިލީ މެޖިސްޓްރޭޓް ކޯޓުގައެވެ.
ސަރުކާރުގެ ޚިދުމަތުގައި، ޤަމަރުއްނިސާ ޙަސަން ހޭދަކުރެއްވި 44 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މަޑިފުށީ ކޯޓުގެ ކާތިބާ ކަމާއި، ސީނިއަރ ކުލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި އަދި މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ކުރައްވައިފައި ވެއެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ، މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ވަޒީފާއެވެ.
ޤަމަރުއްނިސާ ޙަސަން ވަޒީފާ އަދާކުރައްވަން ފެށްޓެވިއިރު، ކޯޓުގައި ހިނގަމުންދިޔަ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ފަދަ ލިޔުންތައް ފަރުވާތެރިކަމާ އެކުގައި، އަތުން ލިޔުއްވައިފައި ވެއެވެ. އަދި، އެކިއެކި މައްސަލަތަކުގައި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށްޓަކައި ޗިޓު ހައްދަވައިގެން، އަމިއްލަފުޅަށް ގޭގެއަށް ވަޑައިގެން، ޗިޓު ރައްދުކުރުން ފަދަ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ.
މ. މަޑިފުށީ ކޯޓާއި، އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ފައިސާއާބެހޭ އެންމެހައި ކަންތައްތަކާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދިނުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ފަދަ މަސައްކަތްތައްވެސް ޤަމަރުއްނިސާ ޙަސަން ކުރެއްވިއެވެ. ހަމަ އެއާއެކު، ރަށަށް ޒިޔާރަތް ކުރާ ޝަރުޢީ ވަފުދުތަކާ ގުޅިގެން ކުރައްވަން ޖެހުނު ކަންކަންވެސް ވަރަށް ފަރުވާތެރިކަމާ އެކުގައި ކުރައްވައިފައި ވެއެވެ. ދިގު މުއްދަތެއް ވަންދެން މި މަސައްކަތްތައް ކުރެއްވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ޤަމަރުއްނިސާ ޙަސަނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައިފައި ވެއެވެ. އަދި އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވައި، ކައިރި ރަށްރަށުގެ ކޯޓުތަކުގައި ދިމާވާ އިދާރީ މައްސަލަތަކާއި، ފައިސާގެ މައްސަލަތައް ހައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވައި، މަސައްކަތުގެ ތަޖުރިބާ ހޯދަން ކޯޓަށް ޒިޔާރަތްކުރާ ސްކޫލުގެ ދަރިވަރުންނަށް ކަންކަން ކުރަންވީ ގޮތާއި، ކަންކަން ހިންގަމުން ގެންދާގޮތް އޮޅުންފިލުއްވައި ދެއްވައިފައި ވެއެވެ.
މީގެއިތުރުން، 1980ގެ އަހަރުތަކުގެ ތެރޭގައި ހިންގެވި، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ވޮލަންޓިއަރެއްގެ ގޮތުގައި، މަޑިފުށީގައި، ޤަމުރުއްނިސާ ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި މަޑިފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ސެކްރެޓެރީ ކަމާއި، ޚަޒާންދާރުގެ ގޮތުގައި، މެދުނުކެނޑި 22 އަހަރު ޚިދުމަތް ކުރައްވައި، 26 ސެޕްޓެންބަރު 1990ން ފެށިގެން ދެ އަހަރެއްހާ ދުވަހު، މުލަކަތޮޅު އަތޮޅު ކޮމިޓީގެ މެންބަރުކަންވެސް ޤަމަރުއްނިސާ ޙަސަން ކުރައްވައިފައި ވެއެވެ.
އދ. އަތޮޅުގެ ޖުޑީޝަލް ދާއިރާއަށް 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވި ހަނދާނީ ރިހިފިލާ، ޤަމަރުއްނިސާ ޙަސަނަށް 2021ވަނަ އަހަރު ލިބިވަޑައިގެންފައި ވެއެވެ. އަދި ޖުޑީޝަލް ދާއިރާގައި 42 އަހަރަށްވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި ޚިދުމަތް ކޮށްދެއްވައިފައިވާތީ، ޤަމަރުއްނިސާ ޙަސަނަށް 2023ވަނަ އަހަރު ހަނދާނީ ފިލާ ލިބިވަޑައިގެންފައި ވެއެވެ.