އަލްފާޟިލް އިސްމާޢީލް ނަޞީރު
މަތިހާ/ބ.އޭދަފުށި

 

ނޫސްވެރިކަމުގެ ދާއިރާއަށް އިސްމާޢީލް ނަޞީރުގެ ހިތްޕުޅުގައި ޝައުޤުވެރިކަން އުފެދުނީ، ތަޢުލީމު ޙާޞިލު ކުރައްވަން އުޅުއްވި ދުވަސްވަރުގައެވެ. އޭރު އިސްމާޢީލް ނަޞީރު ބޮޑަށް ފެނިގެންދިޔައީ، މުނިފޫހިފިލުވުމުގެ ދާއިރާއަށް ޚާއްޞަ ލިޔުންތެރިއެއްގެ ގޮތުންނެވެ. 1994ވަނަ އަހަރާއި، 1995 ވަނަ އަހަރު ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ޚާއްޞަކޮށްގެން، ހަމައެކަނި ނެރެމުން އައި [ގުރަހެލި]ގެ އެންމެ ހީވާގި އެއް ނޫސްވެރިއަކީ، އިސްމާޢީލް ނަޞީރެވެ. މިއީ ނޫސްވެރިކަމުގެ ފެށުމެވެ.
 
 1996 ވަނަ އަހަރު [އާފަތިސް] ނޫހުގެ ރިޕޯޓަރެއްގެ ވަޒީފާ އަދާކުރައްވަން ފެށްޓެވިއެވެ. އާފަތިހުގައި، އިސްމާޢީލް ނަޞީރު ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، މުނިފޫހިފިލުވުމުގެ ހުރިހާ ދާއިރާއަކަށް ޚާއްޞަ ކުރައްވައިގެން، އެކިއެކި ލިޔުންތައް ލިޔުއްވަމުން ގެންދެވިއެވެ. މީގެއިތުރުން، ރާއްޖޭގެ އިޖްތިމާޢީ ދާއިރާގެ މައްސަލަތަކަށްވެސް އިސްމާޢީލް ނަޞީރު ވިސްނުން ގެންދަވަން ފެށްޓެވިއެވެ. އިޖްތިމާޢީ ދާއިރާއިން އިސްމާޢީލް ނަޞީރުގެ ލިޔުއްވަންތައް ޢާންމުކޮށް ފެންނަން ފެށީ، އާފަތިސް ނޫހުގައި މަސައްކަތް ކުރެއްވުމަށްފަހު، 1998 ވަނަ އަހަރު [ހަވީރު] ނޫހާ ގުޅިވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ.
 
ހަވީރު ނޫހުގައި ފުރަތަމަ ލިޔުއްވަން ފެށްޓެވީ، ރާއްޖޭގެ ފިލްމީ ދާއިރާއާބެހޭ ޚާއްޞަ ލިޔުންތެރިއެއްގެ ގޮތުންނެވެ. އޭގެފަހުން 2000 ވަނަ އަހަރުގެ ކުރީކޮޅު، މަސްވެރިކަމާބެހޭ ތަފާތު ލިޔުންތައް ލިޔުއްވަން ފެށްޓެވިއެވެ. މިހާރު ލިޔުއްވުންތައް ބޮޑަށް އަމާޒު ކުރެވިފައިވަނީ، އިޖްތިމާޢީ ދާއިރާގެ އެކި މައްސަލަތަކަށެވެ. މީގެއިތުރުން، ސިޔާސީ ބައެއް ލިޔުއްވުންތައްވެސް އިސްމާޢީލް ނަޞީރު ލިޔުއްވަމުން ގެންދަވައެވެ.
 
އިސްމާޢީލް ނަޞީރަކީ ނޫސްވެރިކަމުގެ ދާއިރާގެ އިތުރުން، ޓީ.ވީ.މޯލްޑިވްސްގެ އެކި ޕްރޮގްރާމްތަކަށް ސްކްރިޕްޓްވެސް ލިޔުއްވައިދެއްވާފައިވާ ލިޔުންތެރިއެކެވެ. މިގޮތުން، ޓީ.ވީ.މޯލްޑިވްސްގެ އެކި ޕްރޮގްރާމްތަކަށް، އިޖްތިމާޢީ، ސިޔާސީ އަދި މުނިފޫހިފިލުވުމުގެ ތަފާތު އެތައް ރިޕޯޓެއް ހައްދަވައިދެއްވާފައެވެ. މަޝްހޫރު [ހޭޔަންބޯ] ޕްރޮގްރާމަށް ދެއަހަރެއްހާ ދުވަސް ވަންދެން އިޖްތިމާޢީ ރިޕޯޓްތައް ހައްދަވައިދެއްވާފައިވާއިރު، ތިން އަހަރެއްހާ ދުވަހު [ފިލްމީ އުދަރެސް]ގެ ހުރިހާ ޕްރޮގްރާމަކަށް ސްކްރިޕްޓްވެސް ތައްޔާރުކޮށްދެއްވާފައިވެއެވެ.
 
ރާއްޖޭގައި އަލަށް ހަދާ ބައެއް ނިއުސް ވެބްސައިޓްތަކުގެ ނޫސްވެރިން ތަމްރީނު ކުރެއްވުމަށްޓަކައިވެސް އިސްމާޢީލް ނަޞީރުވަނީ ކުރު މުއްދަތުގެ ކޯސްތައް ހިންގަވައި، މަޢްލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ ބައްދަލުވުންތައް ބާއްވަވާފައެވެ. އެގޮތުން، ދާދިފަހުން [ދި އިސްލާމް] އަދި [ރޭޑިޔޯ އެޓޮލް] ގެ ނޫސްވެރިންނަށާއި، ދީނީ ބައެއް ވެބްސައިޓްތަކަށް ލިޔަން ބޭނުންވާ މީހުންނަށް، އެކަމުގެ އަސާސީ މަޢުލޫމާތުތަކާބެހޭ ކުރު މުއްދަތުގެ ކޯހެއްވެސްވަނީ، ހިންގަވައިދެއްވާފައެވެ.
 
މިވޭތުވެދިޔަ 14 ވަރަކަށް އަހަރުގެ ތެރޭގައި، ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ހުރިހާ ޙާދިޘާތަކެއްހެން ޢާންމުންނާ ހަމައަށް ގެނެސްދެއްވުމުގައި، އިސްމާޢީލް ނަޞީރުވަނީ، ނޫސްވެރިއެއްގެ ގޮތުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އޭނާގެ އުފަން ރަށް ބ.އޭދަފުށްޓަށާއި، އެއަތޮޅަށް އަމާޒު ކުރައްވައިގެން، އިންފޮމޭޝަން ޑިޕާޓްމަންޓްގައި ރަޖިސްޓަރީ ކުރައްވައިގެން، ކޮންމެ ދުވަހަކު ނެރުއްވާ އޮންލައިން ނޫސް [އޭދަފުށީ ޓައިމްސް]ގެ ފައުންޑަރަކީވެސް، އިސްމާޢީލް ނަޞީރެވެ. މީގެއިތުރުން އިސްމާޢީލް ނަޞީރަކީ، ރާއްޖޭގެ ނޫސްވެރިންގެ ޙައްޤުތައް ޙިމާޔަތްކޮށް، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ބޭއްވުމަށްޓަކައި ޤާނޫނަކުން ކަނޑައަޅާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބޯޑުގެ މެންބަރެކެވެ. އަދި އޭނާއަކީ، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެވެސް މެންބަރެކެވެ.
 
މިވަގުތު [ހަވީރު] ނޫހުގެ ލޯކަލް އެޑިޓަރެއްގެގޮތުގައި ހުންނެވި އިސްމާޢީލް ނަޞީރު، ހަވީރުގެ ރިޕޯޓަރުން ލިޔާ ލިޔުންތައް އެޑިޓް ކުރެއްވުމުގެ އިތުރުން، ނޫހުގެ ކޮލަމާއި، ރިޕޯޓާއި އަދި ޕްރޮފައިލްފަދަ މުހިންމު ލިޔުންތައް ލިޔުއްވަމުން ގެންދަވައެވެ. އަދި ރާއްޖޭގެ އެންމެބޮޑު އެއް ވެބްސައިޓް ކަމަށްވާ [ހަވީރު އޮންލައިން] ވަގުތުންވަގުތަށް އަޕްޑޭޓް ކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވެވަޑައިގަންނަވައެވެ.