މުޙައްމަދު އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 7 އޮގަސްޓު 1978 ގައެވެ. ދައުލަތުގެ ޚިދުމަތުން މިހާރު ރިޓަޔަރ ކުރައްވައިފައިވާ މުޙައްމަދު އިބްރާހީމަކީ، ދިވެހި ދައުލަތަށް 44 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މުޙައްމަދު އިބްރާހީމް އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޓޫރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓުގެ 2 ނަންބަރު ކާތިބު ކަމާއި، އޯޑިޓް އޮފީހުގެ އެސިސްޓެންޓް އެކައުންޓެންޓް ކަމާއި، އޯޑިޓް އެކައުންޓެންޓް ކަމާއި، އަދި އެ އޮފީހުގެ ސީނިއަރ އޯޑިޓް އެކައުންޓެންޓް ކަމާއި، އެންޓި-ކޮރަޕްޝަން ބޯޑުގެ ސީނިއަރ ސެކްރެޓެރީ ކަމާއި، އެ ބޯޑުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެ ޑިޕާޓްމަންޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ. އަދި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެ ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރައްވައިފައި ވެއެވެ. މުޙައްމަދު އިބްރާހީމް، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައި ވަނީ 5 ޖަނަވަރީ 2023 ގައެވެ.
މުޙައްމަދު އިބްރާހީމް ވަޒީފާ އަދާކުރެއްވި ދިގު މުއްދަތުގައި ކުރައްވައިފައި ވަނީ، ފައިސާއާއި، ފައިސާގެ ހިސާބު ބެލެހެއްޓެވުމުގެ މަސައްކަތެވެ. މިގޮތުން، އޯޑިޓް އޮފީހުގައި ވަޒީފާ އަދާކުރެއްވިއިރު، ދައުލަތުގެ އާމްދަނީ ބެލެހެއްޓެވުމުގެ މަސައްކަތާއި، އޯޑިޓް އެކައުންޓެންޓެއްގެ ގޮތުން، ދައުލަތުގެ އޮފީސްތައް އޮޑިޓް ކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. އޭގެފަހުން ބަދަލުވެވަޑައިގެންނެވި އޮފީސްތަކުގައި ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބަޖެޓް ބެލެހެއްޓެވުމާއި، ހިސާބުތައް ޗެކް ކުރެއްވުމާއި، ފައިސާއާ ގުޅޭ ކަންކަމުގައި މުވައްޒަފުންނަށް އިރުޝާދު ދެއްވުމާއި، އޮޑިޓް ސެކްޝަންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުން ހިމެނެއެވެ.
މުޙައްމަދު އިބްރާހީމް ކުރެއްވި ކޮންމެ މަސައްކަތަކީވެސް، އިޚުލާޞްތެރިކަމާ އެކުގައި ކުރެއްވި މަސައްކަތްތަކެކެވެ. އަދި މުޙައްމަދު އިބްރާހީމަކީ، ޢަމަލީގޮތުން މަސައްކަތުގައި އުޅުއްވައި، އެހެން މުވައްޒަފުންނަށް ނަމޫނާ ދެއްކެވި ބޭފުޅެކެވެ.