އަލްފާޟިލް އިބްރާހީމް އާދަމް
ވ. ބްލޫނިޔާއާގެ

އިބްރާހީމް އާދަމް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 13 ފެބުރުވަރީ 1979 ގައެވެ. އުމުރުން 65 އަހަރު ވެގެން، 24 ޖުލައި 2023 ގައި ރިޓަޔަރ ކުރެއްވިއިރު، 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.

އިބްރާހީމް އާދަމް ފުރަތަމަ އަދާކުރެއްވީ، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވަރކްސް ޑިޕާޓްމަންޓުގެ ގޮނޑުދޮށް ހަދާ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރގެ ސުޕަވައިޒަރ ގްރޭޑް 3 ކަމާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ ސުޕަވައިޒަރު ކަމާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ކޮންސްޓްރަކްޝަންގެ ސުޕަވައިޒަރު ކަމާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ ސުޕަވައިޒަރު ކަމާއި، ސީނިއަރ ސުޕަވައިޒަރު ކަމާއި، މާލޭ މުނިސިޕަލްޓީގެ ސީނިއަރ ސުޕަވައިޒަރު ކަމާއި، މާލޭސިޓީ ކައުންސިލްގެ އިދާރާގެ ސީނިއަރ ސުޕަވައިޒަރު ކަމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް ޑިވެލޮޕްމަންޓުގެ ސީނިއަރ ސުޕަވައިޒަރުކަން ކުރައްވައިފައި ވެއެވެ. ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މާލޭސިޓީ ކައުންސިލްގެ އިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމުގައެވެ.

ގޮނޑުދޮށް ހަދާ މަސައްކަތު މީހެއްގެ ވަޒީފާއަށް އިބްރާހީމް އާދަމް ފުރަތަމަ ވެދެވަޑައިގަތީ، އެކަމަށް ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. އެއީ، ބުރަ، އުނދަގޫ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެންޖެހޭ ވަޒީފާއެއް ކަމުގައިވިޔަސް، އިބްރާހީމް އާދަމް، ވަޒީފާ އަދާކުރައްވަމުން ގެންދެވީ، ކަމަށް ކަމޭހިއްތަވައިގެން، އިޚުލާޞްތެރިކަމާ އެކުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އިބްރާހީމް އާދަމަށް މަގާމުގެ ކުރިއެރުން ލިބިވަޑައިގެން، ސުޕަވައިޒަރުގެ މަގާމަށް ބަދަލުވެ، އަދި ފަހުން ސީނިއަރ ސުޕަވައިޒަރެއްގެ މަގާމަށް ބަދަލުކުރެއްވިކަން އެއީ، ވަޒީފާ އަދާކުރެއްވި އޮފީސް އޮފީހުން އިބްރާހީމް އާދަމްގެ ޚިދުމަތުގެ އަގު ވަޒަންކުރައްވަމުން ގެންދެވި ކަމުގެ ހެއްކެކެވެ.

ހުޅުލެއާއި މާލެ ހިއްކުމުގެ މަސައްކަތުގައްޔާއި، ހުރަވީ ބިލްޑިންގއާއި، ޣާޒީ ބިލްޑިންގ އަދި ޖަމާލުއްދީން ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތުގައިވެސް އިބްރާހީމް އާދަމް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިބްރާހީމް އާދަމަކީ، ހަވާލުކުރި ކޮންމެ ކަމެއްވެސް ވަރަށް ފަރުވާތެރިކަމާއި ހީވާގިކަމާއެކުގައި ކުރެއްވި ބޭފުޅެކެވެ. އަދި މަސައްކަތުގައި އެހެން މުވައްޒަފުންނަށް ރީތި ނަމޫނާއެއް ދެއްކެވި ޚިދުމަތްތެރިއެއްވެސް މެއެވެ.