އަލްފާޟިލް ޢަބްދުލްވައްހާބު ޙަސަން
ވިނަވި ރ. ކިނޮޅަސް

ޢަބްދުލްވައްހާބު ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 އޮކްޓޫބަރު 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ކިނޮޅަހު ކޯޓުގެ ކާތިބެއްގެ ވަޒީފާއެވެ. ދިވެހި ދައުލަތަށް މިހާތަނަށް 44 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޢަބްދުލްވައްހާބު ޙަސަން މިހާރު ހުންނެވީ، ކިނޮޅަހު މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ވަޒީފާގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ކިނޮޅަހު ކޯޓުގެ ކާތިބުކަމާއި، ސީނިއަރ ކުލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ކިނޮޅަހު ކޯޓުގައި ހިނގަމުންދާ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގެ ގޮތުގެ ރިޕޯޓު ފަދަ ލިޔުންތައް، ޢަބްދުލްވައްހާބު ޙަސަން ފަރުވާތެރިކަމާ އެކުގައި އަތުން ލިޔުއްވައިފައި ވެއެވެ. ފަހުން ޓައިޕް ކުރައްވައިގެންވެސް ކޯޓުގެ އެންމެހައި ލިޔެކިޔުންތައް ލިޔުއްވައި، ބަލަހައްޓަވައިފައި ވެއެވެ. އެކިއެކި މައްސަލަތަކުގައި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ޗިޓު ހައްދަވައިގެން، އަމިއްލަފުޅަށް ގޭގެއަށް ވަޑައިގެން، ޗިޓު ރައްދުކުރުން ފަދަ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ.

ކިނޮޅަހު މެޖިސްޓްރޭޓް ކޯޓުގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދިނުމާއި، އިންވެންޓްރީ ބެލެހެއްޓެވުން ފަދަ މަސައްކަތްތައްވެސް ޢަބްދުލްވައްހާބު ޙަސަން ކުރެއްވިއެވެ. ހަމައެއާއެކު، ރަށަށް ޒިޔާރަތް ކުރާ ޝަރުޢީ ވަފުދުތަކާ ގުޅިގެން ކުރައްވަން ޖެހުނު ކަންކަންވެސް، ވަރަށް ފަރުވާތެރިކަމާ އެކުގައި ކުރައްވައިފައި ވެއެވެ.

ޢަބްދުލްވައްހާބު ޙަސަނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައިފައި ވެއެވެ. އަދި އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވައި، މަސައްކަތުގެ ތަޖުރިބާ ހޯދަން ކޯޓަށް ޒިޔާރަތް ކުރާ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ކަންކަން ކުރަންވީ ގޮތާއި، ކަންކަން ހިންގަމުން ގެންދާ ގޮތް އޮޅުންފިލުއްވައި ދެއްވައިފައި ވެއެވެ.

ދިވެހި ދައުލަތަށް އަދި ޝަރުޢީ ދާއިރާއަށް 44 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާތީ، އެކަމުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެވޯޑާއި ހަނދާނީ ފިލާ، 2023ވަނަ އަހަރު ފާހަގަކުރި ޤަޟާއީ އަހަރުގައި ޢަބްދުލްވައްހާބު ޙަސަނަށް އަރުވައިފައި ވެއެވެ. އަދި ދިގު މުއްދަތަށް ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާތީ، 2023ވަނަ އަހަރު ކިނޮޅަހު ކައުންސިލުންވެސް އެވޯޑާއި ހަނދާނީ ފިލާ އަރުވައިފައި ވެއެވެ.