ޘުރައްޔާ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ސެޕްޓެންބަރު 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޕަބްލިކް ހެލްތު ޑިވިޜަންގެ ފެމިލީ ހެލްތު ވަރކަރު ކަމުގެ ވަޒީފާއެވެ. 29 ޑިސެންބަރު 1980ގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ފެމިލީ ހެލްތު ވަރކަރ ކަމުގެ ވަޒީފާއަށް ބަދަލުވެވަޑައިގަތުމަށްފަހު، 22 އެޕްރީލް 1982ގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ އާއިލާގެ އެހީތެރިޔާގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. ޘުރައްޔާ އިބްރާހީމް، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސް ގައްޔާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ގައްޔާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް ގައްޔާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގައްޔާއި، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ، ތ. ކިނބިދޫ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމުގައެވެ. ޘުރައްޔާ އިބްރާހީމް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 44 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ޘުރައްޔާ އިބްރާހީމް ކުރެއްވި މައިގަނޑު މަސައްކަތްތަކަކީ، ޞިއްޙީ ގޮތުން އާންމުން ހޭލުންތެރި ކުރުވުމާއި، ގައިންގަޔަށް އަރާ ބަލިތަކާއި، ރަށުތެރޭގައި ފެތުރޭ، އެކިކަހަލަ މޫސުމީ ރޯގާތައް ކޮންޓްރޯލްކޮށް، ރައްޔިތުންނަށް އޭރުގެ ފެންވަރުގައި ދެވެންހުރި ހުރިހާ ފަރުވާއެއް ދެއްވުމާއި، މެލޭރިއާ އާއި، ފައިލޭރިއާ އާއި އަދި ޓީ.ބީ. ފަދަ ނުރައްކާތެރި ބަލިތަކަށް ފަރުވާ ދެއްވުމާއި، ސާމްޕަލް ނަންގަވައި، ތަހުލީލު ކުރުމަށް ފޮނުއްވުމެވެ. އަދި ޓީ.ބީ. ބަލީގެ ޢަލާމާތް ހުންނަ މީހުންގެ ކުޅުނަގައި ޓެސްޓް ކުރަން ފޮނުއްވުމާއި، އެ ބަލި ޖެހޭ މީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމުގެ ކަންކަން ކުރެއްވުމެވެ.
ހަމަ އެއާއެކު، ރަށުގެ އާބާދީއާއި، ވިހާ މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓެވުމާއި، ބަލިބަލިން ރައްކާތެރިވުމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން، ކޮންމެ ދުވަހަކުވެސް ރަށުގެ އެކި ގޭގެއަށް ޒިޔާރަތް ކުރެއްވުމާއި، ގޭގޭގެ އާންމު ސާފުތާހިރުކަން ބައްލަވައި، އެ ގެއެއްގައި ދިރިއުޅޭ އެންމެންނަށް މައުލޫމާތު ފޯރުކޮށްދެއްވުމެވެ. އަދި، މަދިރިފަނި އާލާވާފަދަ ތަންތަން ހުރިތޯ ބައްލަވައި، ޗެކް ކުރައްވައި، އެ ތަންތަން ނައްތައިލެއްވުމާއި، ތުއްތުކުދިންގެ ހެދިބޮޑުވުން ބެލެހެއްޓެވުމާއި، އެ ކުދިންނަށް ދެވޭނެ ފައިދާހުރި ކާނާ ތަޢާރުފު ކުރުމާއި، ޅަ އުމުރުގައި ޖެހޭ ބަލިތަކުން ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ އެކިކަހަލަ މައުލޫމާތު، މައިންނަށް ފޯރުކޮށްދީ، ހޭލުންތެރި ކުރުވުންވެސް ހިމެނެއެވެ. މީގެއިތުރުން، މާބަނޑު މީހުން ގަވާއިދުން ބެލެހެއްޓުމުގެ އިތުރުން، އެ މީހުން ވިއްސުމާއި، ހައިރިސްކް މީހުން އިތުރު ފަރުވާއަށް ރީޖަނަލް ހޮސްޕިޓަލަށް ފޮނުއްވުމުގެ މަސައްކަތާއި، މާބަނޑު ދުވަސްވަރު ދިމާވެދާނެ ކަންކަމަށް ހޭލުންތެރި ކުރުވުމުގެ ޕުރޮގުރާމުތައްވެސް ޘުރައްޔާ އިބްރާހީމް ވަނީ ހިންގަވައިފައެވެ.
ޘުރައްޔާ އިބްރާހީމް ވަނީ، ވެކްސިން ދިނުމާ ގުޅުންހުރި މަސައްކަތްތަކާއި، ސްކޫލް ހެލްތު ޕުރޮގުރާމުގެ ދަށުން ސްކޫލް ކުދިން ޞިއްޙީ ގޮތުން ހޭލުންތެރި ކުރައްވައި، ވިޓަމިން އޭ އާއި، ފަނީބޭސް ދެއްވައި، ހެލްތު ސްކްރީނިންގ ޕުރޮގުރާމުތައް ހިންގަވައިފައެވެ. މީގެ އިތުރުން، އާއިލާ ރޭވުމުގެ ޕުރޮގުރާމުތަކާއި، ހޮޓާ، ކެފޭ، ރެސްޓޯރަންޓުތަކާއި، ފިހާރަތަކުގެ އިންސްޕެކްޝަން މަސައްކަތްވެސް މަހަކު އެއްފަހަރު ކުރައްވައިފައި ވެއެވެ.
ޘުރައްޔާ އިބްރާހިމް، މި މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާ ދިގު މުއްދަތެއް ވެފައިވާއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ހަމައެއާއެކު، އެކިއެކި ކަންކަމުގައި އޮފީހަށް އަންނަ ފަރާތްތަކަށްވެސް އެކަންކަމުގައި ޢަމަލުކުރެވެން އޮންނަ ގޮތް އޮޅުންފިލުއްވައި ދެއްވައި، ކުރިއަށްދާންވީ ގޮތުގެ އިރުޝާދު ދެއްވަމުން ގެންދަވައެވެ.
ޘުރައްޔާ އިބްރާހީމަކީ، ޕަބްލިކް ހެލްތުގެ އެންމެހައި ކަންކަން، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބެލެހެއްޓެވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ، އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެކެވެ.
15 ޖުލައި 2013 އިން ފެށިގެން ޘުރައްޔާ އިބްރާހީމް އަދާކުރައްވަމުން ގެންދަވަނީ، ތ. ކިނބިދޫ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރ ކަމުގެ މަގާމެވެ.