އަލްފާޟިލް ޙުސައިން އާދަމްކަލޭފާނު
ނަރުގިސްވިލާ ރ. ރަސްމާދޫ

ޙުސައިން އާދަމްކަލޭފާނު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 23 ފެބުރުވަރީ 1960 ގައި ރަސްމާދޫ ވަގުތީ ކުޑަކަތީބު ކަމުގެ މަގާމުގައެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވަނިކޮށް، ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެއްވީ، 1 މޭ 2008 ގައެވެ. އޭރު ވަނީ، 44 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.

ޙުސައިން އާދަމްކަލޭފާނު ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ރަސްމާދޫ ވަގުތީ ކުޑަކަތީބު ކަމާއި، ރަސްމާދޫ ކަތީބު ކަމާއި، ރ. އަތޮޅު އަތޮޅުއޮފީހުގެ އިންވެސްޓިގޭޓަރ ކަމާއި، ރ. އަތޮޅު އަތޮޅުއޮފީހުގެ އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ ކަމުގެ މަގާމާއި، ރ. އަތޮޅު އަތޮޅުއޮފީހުގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ ކަމުގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅި ކުރައްވައި، ވަޒީފާއިން ވަކިކުރެއްވިއިރު ހުންނެވީ، ރ. އަތޮޅު އަތޮޅުއޮފީހުގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ ކަމުގެ މަގާމުގައެވެ. އޭރު ހުންނެވީ، ރ. މީދޫ އޮފީސް ހިންގެވުމާ ޙަވާލުވެވަޑައިގެންނެވެ.

ޙުސައިން އާދަމްކަލޭފާނު ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން، މަގާމުގެ ހައިސިއްޔަތުން ފުރަތަމަވެސް ކުރެއްވީ، ރަސްމާދޫ އާދަމް ކަލޭފާނު ރަސްމާދޫގައި ހިންގެވި ރަސްމާދޫ މަދަރުސާ ހިންގެވުމާއި، ރަސްމާދޫ އޮފީހަށް އެކި ގޮތްގޮތުން ލިބޭ ފައިސާ ބެލެހެއްޓެވުމާއި، ސަރުކާރުގެ އެކި އޮފީސްތަކަށް ފޮނުވާ ސިޓީފަދަ ތަކެތި ލިޔުއްވުމުގެ މަސައްކަތެވެ.

މީގެއިތުރުން، ރަސްމާދޫ ވަގުތީ ކުޑަކަތީބު ކަމުގައި ހުންނަވައިގެން، އޭރު ރ. އަތޮޅު އަތޮޅުއޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މައިޒާން މުޙައްމަދުމަނިކުގެ އެދިވަޑައިގަތުމުގެ މަތިން އަތޮޅުއޮފީހުގައި މަސައްކަތް ކުރެއްވިއެވެ. އަދި އަތޮޅުއޮފީހުގެ އިންވެސްޓިގޭޓަރ ކަމުގެ މަގާމުގައި ހުންނަވައިގެން، އަތޮޅުގެ އެކި ރަށްރަށުގައި ދިމާވާ މައްސަލަތައް ތަޙުޤީޤު ކުރެއްވުމާއި، މާލެއިން އަންނަ ސަރުކާރުގެ އެކި ފަންތީގެ އެކިއެކި ޓީމުތަކާ އެކުގައި މަސައްކަތް ކުރެއްވުމާއި، ޚާއްޞަކޮށް، މަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމް އަރިހުގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ މުހިންމު މަސައްކަތުގައި ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. ހަމަ މިއާއެކު، ޤައުމީ ފެންވަރުގައި އަތޮޅުގައި ފާހަގަކުރެވޭ މުނާސަބަތުތަކާއި، ދުވަސްތައް ފާހަގަކުރުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވުމާއި، މުޅި ރާއްޖެއަށް ހުޅުވައިލެވިގެން ބޭއްވެވި އަތްތެރި މަސައްކަތާއި އަތުމަސައްކަތުގެ މައުރަޒަށް އަތޮޅުގެ އެކި ރަށްރަށުން ތަކެތި ހޯއްދަވައިގެން، މައުރަޒުގައި ތަކެތި ބައިވެރިކޮށް، ރ. އަތޮޅު ތަމްސީލު ކުރުމަށް ގިނަ އަހަރުތަކެއްގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޙުސައިން އާދަމްކަލޭފާނު ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ޙުސައިން އާދަމް ކަލޭފާނުގެ ބައްޕަ، މަރްޙޫމް އާދަމް ކަލޭފާނުގެ ފަރާތުން ފެށިގެން ހިންގަމުން އައި ރަސްމާދޫ މަދަރުސާ ހިންގެވުމާއި، މަދްރަސަތުލް ޖިހާދުގެ ނަމުގައި ރަސްމާދޫ ރައްޔިތުންގެ މަދަރުސާއެއް ބިނާކޮށް، އެ މަދަރުސާގައި ކިޔަވައިދެއްވުމާއި، އެ މަދަރުސާއަށް ކިޔަވައިދެއްވުމަށް ނ. މިލަދޫ އަދި ޅ. ނައިފަރުން މުދައްރިސުން ގެންނަވައިގެން، އެ މީހުންގެ ޚަރަދުތައް އަމިއްލަފުޅަށް ހަމަޖައްސަވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ޙުސައިން އާދަމްކަލޭފާނަކީ އިޚުލާޞްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ކަމަށްކަމޭހިއްތެވުމާ އެކުގައި، ދައުލަތަށް ޚިދުމަތް ކޮށްދެއްވި، މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދެވި ހިތްހެޔޮ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.