އަލްފާޟިލާ އާމިނަތު ތައުފީޤާ
މއ. އެވަރބްރައިޓް

އާމިނަތު ތައުފީޤާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ގަވަރންމަންޓް ހޮސްޕިޓަލްގެ ނަރސް އެއިޑެއްގެ މަގާމުގައި 16 ނޮވެންބަރު 1967 ގައެވެ. 44 އަހަރަށްވުރެ ގިނަދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ 20 މޭ 2021 ގައެވެ.

އާމިނަތު ތައުފީޤާ ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ގަވަރންމަންޓް ހޮސްޕިޓަލްގެ ނަރސް އެއިޑް ކަމާއި، ސީނިއަރ ނަރސް އެއިޑް ކަމާއި، ސެންޓްރަލް ހޮސްޕިޓަލްގެ ސީނިއަރ ނަރސް އެއިޑް ކަމާއި، ސީނިއަރ އެސިސްޓެންޓް ނަރސް ކަމާއި، ސީނިއަރ ނަރސް ކަމާއި އަދި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ ނަރސް ކަމާއި، ޕްރެކްޓިކަލް ނަރސް ކަމާއި، އެންރޯލްޑް ނަރސްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އެންރޯލްޑް ނަރސްގެ މަގާމުގައެވެ. އޭރު ޚިދުމަތް ކުރައްވަމުން ގެންދެވީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ.

އާމިނަތު ތައުފީޤާ ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވީ، ބަލިމީހުން ބެލެހެއްޓެވުމާއި، އެ މީހުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމާއި، ގަޑިން ގަޑިއަށް ބޭސް ދެއްވުމާއި، އެ މީހުންނަށް ޞިއްޙީ ގޮތުން ކުރިމަތިވާ އުނދަގޫތައް، ޑޮކްޓަރުންނާ ހިއްސާ ކުރެއްވުމުގެ މަސައްކަތެވެ.

އާމިނަތު ތައުފީޤާ ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ބަލިމީހުންގެ ހާލަތު ބެއްލެވުމުގެ އިތުރުން، ސެންޓްރަލް ސަޕްލައި ސްޓެރިލައިޒޭޝަން ޑިޕާޓްމަންޓްގައި ސްޓާފް މެނޭޖްމަންޓާ ބެހޭ މަސައްކަތްތަކާއި، ހޮސްޕިޓަލްގެ ސާރޖަރީތަކަށާއި، އެހެން ބޭނުންތަކަށް ބޭނުންވާ ތަކެތި ސްޓެރެލައިޒް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި އަނިޔާވި މީހުންނަށް، އާމިނަތު ތައުފީޤާ ފަރުވާ ދެއްވައި، އެހީތެރިވެ ދެއްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގައި ޒަޚަމްވި މީހުންނަށް، އެ ނުރައްކާތެރި މާޙައުލުގައި، ހޮސްޕިޓަލުގެ ޑިއުޓީގައި ހުންނަވައިގެން، ޞިއްޙީ ފަރުވާ ފޯރުކޮށްދެއްވައިފައިވާތީ، ކޮށްދެއްވި ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އާމިނަތު ތައުފީޤާއަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ 3 ނޮވެންބަރު 1991 ގައި، ޝަރަފުގެ ހަނދާނީ ލިޔުމެއް އަރުވައިފައެވެ. އަދި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 20 އަހަރުގެ ޚިދުމަތުގެ މެޑެއްޔާއި، ހަނދާނީ ލިޔުމާއި، 40 އަހަރުގެ ޚިދުމަތް ފާހަގަކުރައްވައި، ދެއްވި ހަނދާނީ ފިލާވެސް އާމިނަތު ތައުފީޤާއަށް ލިބިވަޑައިގެންފައި ވެއެވެ.