އަލްފާޟިލް ޙުސައިން ޙަބީބު
ބުލްބުލާގެ ލ. ދަނބިދޫ

ޙުސައިން ޙަބީބު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 12 ސެޕްޓެންބަރު 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ދަނބިދޫ ކޯޓުގެ ކާތިބު ކަމެވެ. ދައުލަތުގެ ޚިދުމަތަށް ނުކުމެވަޑައިގަތީއްސުރެ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، ދަނބިދޫ ކޯޓުގައެވެ. މި ވޭތުވެދިޔަ 44 އަހަރަށްވުރެ ދިގު މުއްދަތުގައި، ދަނބިދޫ ކޯޓުގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީކަން ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށް ބަދަލުކުރައްވައިފައި ވަނީ 1 އޮކްޓޫބަރު 2015 ގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ދަނބިދޫ ކޯޓުގައި ހިނގަމުންދިޔަ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ފަދަ ލިޔުންތައް، ޙުސައިން ޙަބީބު ވަރަށް ފަރުވާތެރިކަމާ އެކުގައި ލިޔުއްވައިފައި ވެއެވެ. އަދި އެކިއެކި މައްސަލަތަކުގައި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރު ކުރުމަށް ޗިޓު ހައްދަވައިގެން ގޭގެއަށް ވަޑައިގެން، ޗިޓު ރައްދުކުރުން ފަދަ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ. ކޯޓުގެ ހިންގުން ހަރުދަނާ ކުރެއްވުމަށާއި، ކޯޓުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އިދާރީ މުވައްޒަފުންނަށް ހިންގާ ޕުރޮގުރާމުތަކުގައްޔާއި، ބައްދަލުވުންތަކުގައި ޙުސައިން ޙަބީބު ބައިވެރިވެވަޑައިގެން މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރައްވައިފައި ވެއެވެ.

ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ކޯޓުގެ ވަޒީފާއާ އަލަށް ގުޅޭ މުވައްޒަފުންނަށް، ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކާ ބެހޭ މައުލޫމާތު ޙުސައިން ޙަބީބް ދެއްވަމުން ގެންދަވައެވެ.

ޙުސައިން ޙަބީބަކީ، ދަނބިދޫ ރައްޔިތުންގެ އިންޖީނުގޭގެ ސުޕަވައިޒަރު ކަމާއި، ދަނބިދޫ ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރު ކަމާއި، އެ ކޮމިޓީގެ ސެކްރެޓެރީ ކަމާއި، އަދި އަތޮޅު ކޮމިޓީގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ޙުސައިން ޙަބީބު ވަނީ ރަށުގެ ތަރައްޤީއަށްޓަކައި އިޖުތިމާޢީ ގޮތުން ކުރެވިފައިވާ އެކި ކަންކަމުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އަސާސީ ތަޢުލީމުގެ ކުލާސްތަކަށް ވޮލަންޓިއަރެއްގެ ގޮތުން ކިޔަވައި ދެއްވައިފައިވެސް ވެއެވެ. މީގެއިތުރުން، އިލެކްޝަންސް ކޮމިޝަނުން ބާއްވަވާ އެކިއެކި އިންތިޚާބުތަކުގައި، ވޯޓު ގުނުމުގެ މަސައްކަތްތަކުގައިވެސް ޙުސައިން ޙަބީބު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޙުސައިން ޙަބީބަކީ، ލ. ދަނބިދޫ ރައްޔިތުންގެ ނަމުގައި ހުޅުވި އިސްޓޯރު ހިންގަވައިފައިވާ ބޭފުޅެކެވެ.