އަލްފާޟިލާ ޒުލައިޚާ ޖަމީލް
މ. ދަރަވަންދޫގޭއުތުރުގެ

ޒުލައިޚާ ޖަމީލް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 20 ޖޫން 1961 ގައެވެ. 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ޚިދުމަތް ކުރެއްވީ، ރާއްޖޭގެ ޞިއްޙީ ދާއިރާގައެވެ. ޒުލައިޚާ ޖަމީލް ހިމެނިވަޑައިގަންނަވަނީ، ރާއްޖޭގައި ތަމްރީނު ލިބިގެން، ޚިދުމަތް ކުރަން ފެށި ފުރަތަމަ ނަރުހުންގެ ތެރޭގައެވެ.

ދިވެހިރާއްޖޭގައި ނަރުހުން ތަމްރީނު ކުރުމަށް ސަރުކާރުން ފުރަތަމަޔަށް ނިންމެވުމަށްފަހު، ނަރުހުންގެ އެހީތެރިންގެ ގޮތުގައި ބަޔަކު ތަމްރީނު ކުރުމަށް ދައުލަތުން ހަމަޖައްސަވައި، އެކަމަށް ކުދިން ހޯއްދެވުމަށް ކުރެއްވި އިޢުލާނާ ގުޅިގެން ޒުލައިޚާ އެކަމަށް ކުރިމަތިލެއްވީ، ބަލިމީހުންނަށް އެހީތެރިވެދެއްވުމަކީ ވަރަށް ބޮޑަށް ކުރައްވާހިތްޕުޅުވާ ކަމަކަށްވާތީއެވެ. އެކަމަށް ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމުގެ ބޮޑުކަމާއެކުގައި، ފުރަތަމަ ދުވަހުން ފެށިގެން ޢަޒުމް ކަނޑައެޅުއްވީ، މި ދާއިރާގައި ވީހާވެސް އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތް ކުރެއްވުމަށެވެ.

ނަރުހުންގެ އެހީތެރިން ތަމްރީނު ކުރެއްވުމަށް ސަރުކާރުން ފެށްޓެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް 1961ވަނަ އަހަރުގެ ޖޫން މަހު "ނަރުސްކަން ދަސްކުރާ" މި ނަމުގައި ސަރުކާރުން ވަޒީފާ ދެއްވުމާ ގުޅިގެން، ޚިދުމަތަށް ނުކުމެވަޑައިގަތުންވީ، ޒުލައިޚާ ޖަމީލަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފާފުޅަކަށެވެ.

ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް އެ ދުވަސްވަރު ހޮސްޕިޓަލަށް އަންނަނީ އެވްރެޖް ގޮތެއްގައި ދުވާލަކު ތިރީހަކަށް މީހުން ކަމަށްވިޔަސް، ޑޮކްޓަރަށް ދެއްކުމުގައި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ދެއްވައި، އިންޖެކްޝަން ޖެހުމާއި، ބޭސްއެޅުމުގެ ޚިދުމަތް ދިނުމުގައި އޭރު ތިބި މަދު ނަރުހުންނާއެކުގައި، ޒުލައިޚާވެސް މަސައްކަތް ކުރައްވަމުން ގެންދެވީ، ވަރަށް ހީވާގިކަމާ އެކުގައެވެ.

މި ދާއިރާގައި ޒުލައިޚާ ޖަމީލަށް ލިބިވަޑައިގެންނެވި އެންމެބޮޑު އުފާފުޅަކަށްވީ، ނަރުހުންގެ އެހީތެރިއެއްގެ ގޮތުގައި ފަސް އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު، ނަރސް އެއިޑް ކޯހުގެ ފަހު އިމްތިޙާނުން 1 ވަނަ ލިބިވަޑައިގެންނެވުމެވެ. ކޯހުގެ ނިމުން ފާހަގަކުރުމުގެ ޖަލްސާގައި ޒުލައިޚާ ޖަމީލަށް އިނާމާއި ސަނަދު ދެއްވީ، އޭރުގެ ވަޒީރުއްޞިއްޙާ އަލްމަރްޙޫމް އަޙްމަދު ޙިލްމީދީދީގެ އަތްޕުޅުންނެވެ.

ކޯހުން ފާސްވި ކުދިން، ނަރުހުންގެ ޚިދުމަތަށް ނުކުތުމާއެކު، އިމަރޖެންސީ އޮޕަރޭޝަންތައް ހޮސްޕިޓަލްގައި ފެށިގެންދިޔައެވެ. އަދި އެޑްމިޓް ކޮށްގެން ބަލިމީހުންނަށް ފަރުވާ ދިނުމުގެ ޚިދުމަތްވެސް ފެށުނެވެ. އޭގެއިތުރުން، ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް އަންނަ ބަލިމީހުންގެ ތެރޭގައި، ނަރުހުންގެ ޚިދުމަތަށް ބޭނުންވެފައިވާ މީހުންގެ އަދަދުވެސް، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދިޔައެވެ.

ދައުލަތުގެ ޚިދުމަތުގައި، ޒުލައިޚާ ޖަމީލް ހޭދަކުރެއްވި 44 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ގަވަރންމަންޓް ހޮސްޕިޓަލްގެ ނަރސް އެއިޑް ކަމާއި، މާލޭ ވޯޑް ނަރސް ކަމާއި، ސީނިއަރ އެއިޑް ނަރސް ކަމާއި، ސެންޓްރަލް ހޮސްޕިޓަލްގެ ސީނިއަރ ނަރސް ކަމާއި، ސީނިއަރ އެސިސްޓެންޓް ނަރސް ކަމާއި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ ނަރސްކަން ކުރައްވައިފައި ވެއެވެ. ޒުލައިޚާ ޖަމީލް، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ޕްރެކްޓިކަލް ނަރސްގެ މަގާމުގައެވެ.

ޒުލައިޚާ ޖަމީލް ދެކެވަޑައިގަންނަވާ ގޮތުގައި، ނަރުހުންގެ ވަޒީފާއަކީ، ވަރަށް މުހިންމު އަދި ވަރަށް ޒިންމާދާރުކަމާ އެކުގައި އަދާކުރަންޖެހޭ ވަޒީފާއެކެވެ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމަށްޓަކައި ލިބޭ ވަރަށް އަގުހުރި ފުރުޞަތެކެވެ. އެހެންކަމުން، ނަރުހުންގެ ޒިންމާއާ ހަވާލުވާ ކޮންމެ ނަރުހަކުވެސް މި ޒިންމާ ފުރިހަމައަށް އަދާކުރެއްވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، ކަމަށްކަމޭހިއްތަވައިގެން މަސައްކަތް ކުރެއްވުމަކީ ޞިއްޙީ ދާއިރާގައި މިއަދު ޚިދުމަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް ޒުލައިޚާ ދެއްވާ ނަސޭހަތެކެވެ.