މުޙައްމަދު ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނ. ހޮޅުދޫ ކުޑަކަތީބު ކަމުގެ މަގާމުގައި 23 ސެޕްޓެންބަރު 1963 ގައެވެ. 44 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ 1 މޭ 2008 ގައެވެ.
މުޙައްމަދު ޙަސަން، ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ހޮޅުދޫ ކުޑަކަތީބު ކަމާއި، ކަތީބު ކަމާއި، ހޮޅުދޫ އޮފީހުގެ ކަތީބު ކަމާއި، ބޮޑުކަތީބުކަން ކުރައްވައިފައި ވެއެވެ. އަދި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ރާއްޖެތެރޭގެ ވަކީލު ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ރާއްޖެތެރޭގެ ވަކީލު ކަމުގެ މަގާމުގައެވެ.
މުޙައްމަދު ޙަސަން، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެންނެވިއިރު، މަގާމުގެ ހައިސިއްޔަތުން މައިގަނޑު ގޮތެއްގައި ކުރެއްވި މަސައްކަތްތަކަކީ، އޮފީހުގެ ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމާއި، އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރެއްވުމާއި، ރިޕޯޓުތައް ލިޔުއްވައި ނިންމަވައި، އަތޮޅުއޮފީހަށް ފޮނުވަންޖެހޭ މައްސަލަތައް ފޮނުއްވުމާއި، ރަށުއޮފީހުން ނިންމަންޖެހޭ މައްސަލަތައް ނިންމެވުމެވެ. އަދި ރަށުގެ މަގުތައް، ސަމުގާ ބަހައްޓައިގެން ނަނުދަމައި، ތެދުކޮށް ހެދުމުގެ މަސައްކަތް ކުރުވުމާއި، ރައްޔިތުންގެ އެއްބާރުލުމާއެކު، ރަށުގެ ގޯތިތަކުގެ މަގުމަތީ ފާރުތަކާއި، އިންފާރުތައް ރޭނުމުގެ މަސައްކަތްތައް ކުރެއްވިއެވެ. އަދި ރަށުގެ ތަރައްޤީއަށް ބޭނުންވާ އިމާރާތްތައް ކުރުވުމުގެ މަސައްކަތްތައްވެސް ކުރެއްވިއެވެ.
ހަމައެހެންމެ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ އިތުރުން، ހޮޅުދޫ ރައްޔިތުންގެ މަދަރުސާއާއި، ހޮޅުދޫ ހުޅަނގު އަވަށާއި، އިރުމަތީ އަވަށުގެ ކުޑަކުދިންނަށް ކިޔަވައިދޭ ދެ މަދަރުސާއަށް މުދައްރިސުން ހޯއްދެވުމާއި، އެ މަދަރުސާތައް ހިންގުމަށް ބޭނުންވާ މުވައްޒަފުންނަށް ޚަރަދު ކުރުމަށް ބޭނުންވާ ފައިސާ، ކިޔަވާކުދިންގެ ބެލެނިވެރިންނާ ވާހަކަ ދައްކަވައިގެން ހޯއްދެވުމަށް މަސައްކަތް ކުރައްވައިފައި ވެއެވެ.
މުޙައްމަދު ޙަސަން ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ރާއްޖެތެރޭގެ ވަކީލެއްގެ ހައިސިއްޔަތުން ނ. އަތޮޅުގެ އެހެނިހެން ރަށްރަށުގެ ރަށުއޮފީސްތައް ހިންގެވުން ހިމެނެއެވެ. އަދި ހޮޅުދުއާއި، އަތޮޅުގެ ބައެއް ރަށްރަށުގައި ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރެއްވުމުގައި، އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، ހޮޅުދޫ މޭނާ ސްކޫލްގައި ހިލޭސާބަހަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ ތެރޭގައި، 1967ވަނަ އަހަރުން ފެށިގެން މުދައްރިސެއްގެ ގޮތުން ޚިދުމަތް ކުރައްވައި، 1975 ން ފެށިގެން އެ ސްކޫލްގެ ނާޒިރުކަން ކުރައްވަން ފަށްޓަވައި، މޭނާ ސްކޫލަކީ، ސަރުކާރުން ހިންގާ ސްކޫލެއްގެ ގޮތުގައި، 1992ވަނަ އަހަރު ހަމަޖެއްސެވުމާ ހަމައަށް، އެ ސްކޫލްގެ ނާޒިރުކަން ކުރައްވައިފައި ވެއެވެ.
މުޙައްމަދު ޙަސަން، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ކޮށްދެއްވައިފައިވާ މަސައްކަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 1996ވަނަ އަހަރު ވަނީ ތަޢުލީމަށް ޚިދުމަތް ކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން ދެއްވައިފައެވެ. އަދި 2008ވަނަ އަހަރު މުޙައްމަދު ޙަސަނަށް 65 އަހަރުވުމާ ގުޅިގެން، ސަރުކާރުން ރިޓަޔަރ ކުރެއްވުމުން، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ހަނދާނީ ލިޔުން ދެއްވައިފައެވެ.
މުޙައްމަދު ޙަސަނަކީ، 1963ވަނަ އަހަރު ކުޑަކަތީބުކަން ލިބިވަޑައިގަތުމާ ހަމައިން ފެށިގެން ރައްޔިތުންނަށް ތަފާތު ޚިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން، ރާއްޖެތެރޭގެ ސްކޫލެއްގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވި މަދު ބޭފުޅުންކޮޅެއްގެ ތެރެއިން އެންމެ އިސްކޮށް ފާހަގަކުރެވުނު ތެދުވެރި، އިޚުލާޞްތެރި ޚިދުމަތްތެރިއެކެވެ.