އަލްފާޟިލް މޫސާ ޢަލީދީދީ
ދަފްތަރު. ނަންބަރު ރސ 2485، މާލެ

މޫސާ ޢަލީދީދީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 10 ޖޫން 1978 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޕިޔޯނު ކަމުގެ ވަޒީފާއެވެ. 6 ނޮވެންބަރު 1980 ގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއަށް ބަދަލުވެވަޑައިގަތުމަށްފަހު، 6 އެޕްރީލް 1981 ގައި ވަކިވެވަޑައިގެން، 23 އެޕްރީލް 1981 ގައި ދެވަނަ ފަހަރަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއަށް ވެދެވަޑައިގެންނެވިއެވެ. 15 އޮގަސްޓު 1995 ގައި، އެންޓި-ކޮރަޕްޝަން ބޯޑަށް ބަދަލުވެވަޑައިގަތުމާ ހަމައަށް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ތަފާތު މަގާމުތަކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އެގޮތުން، އެ އޮފީހުގެ ކާތިބު ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް އަންޑަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އެ އޮފީހުގެ މުދަލާއި ފައިސާއާ ބެހޭ މަސައްކަތްތަކާއި، މުވައްޒަފުންނާ ބެހޭ އިދާރީ މަސައްކަތްތަކާއި، ރަށުކޯޓުތަކަށް ހުށަހަޅާ މައްސަލަތަކާ ގުޅޭ އިދާރީ މަސައްކަތްތައް ހިމެނެއެވެ.

މި މަސައްކަތް ކުރެއްވިއިރު، ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، މައްސަލަތަކާ ގުޅިގެން ރަށުކޯޓުތަކުން ލިބެންޖެހޭ މައުލޫމާތު ހޯދުމަށް އަމިއްލައަށް އިސްނަންގަވައިގެން ފެށްޓެވި މަސައްކަތް ފާހަގަކޮށްލެވެއެވެ. އެގޮތުން، ކޯޓުތަކަށް ސިޓީ ފޮނުވުމުގެ އިތުރުން، ބައެއް ރަށުކޯޓުތަކަށް ވަޑައިގެން، ކޯޓުތަކުގެ ރެކޯޑުތައް ޗެކް ކުރައްވައި، މައްސަލަތަކުގެ މައުލޫމާތު ހޯއްދެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ކާޑުފޮށިތަކުގައި ރައްކާކުރެވިފައި ހުރި ގިނަދުވަސްވީ ލިޔުންތައް ފަސޭހައިން ފެންނާނެ ގޮތް ހެދުމަށްޓަކައި ބޮކްސް ފައިލުގައި ލިޔުންތައް ފައިލުކޮށް، ފިހުރިސްތެއް ހައްދަވައި، ފައިލްހުރި ތަން ފަސޭހައިން ފެންނާނެ ގޮތް ހެދުމުގެ މަސައްކަތް ކުރި ޓީމުގައި ހިމެނިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. މި މަސައްކަތް،އެ ޓީމުން ކޮށްފައި ވަނީ، ރަސްމީ ގަޑި ނިމުމުންނެވެ. މިގޮތުން، ބައެއް ރޭރޭ ދަންވަރު 3، 4 ޖަހަންދެން މަސައްކަތް ކުރައްވައިފައިވާއިރު، އެ ދުވަސްވަރަކީ، މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ހަމަޖެހިފައި އޮންނަ ދުވަސްވަރެއް ނޫންކަން ފާހަގަކޮށްލަން ޖެހެއެވެ.

މޫސާ ޢަލީދީދީ، އެންޓި-ކޮރަޕްޝަން ބޯޑުގެ އެކި މަގާމުތައް އަދާކުރައްވައި، ބޯޑުގެ މެންބަރުކަންވެސް ކުރައްވައިފައި ވެއެވެ. އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ބޯޑުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން، ބޯޑުގެ އިންޓަރނަލް ކޮންޓްރޯލް ޔުނިޓުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. 16 އޮކްޓޫބަރު 2008ގައި އެންޓި-ކޮރަޕްޝަން ބޯޑު އުވާލައްވައި، އެންޓި-ކޮރަޕްޝަން ކޮމިޝަން އުފެއްދެވުމުން، އެ ކޮމިޝަނަށް ބަދަލުވެވަޑައިގެން، 16 ފެބުރުވަރީ 2023 ގައި ރިޓަޔަރ ކުރެއްވުމާ ހަމަޔަށް، ކޮމިޝަނުގެ ތަފާތު މަގާމުތަކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އެގޮތުން، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ސީނިއަރ އިންވެސްޓިގޭޓަރ ކަމާއި، އެސިސްޓެންޓް ސުޕުރިންޓެންޑެންޓް ކަމާއި، ޑެޕިއުޓީ ސުޕުރިންޓެންޑެންޓްކަން ކުރައްވައިފައި ވެއެވެ. މޫސާ ޢަލީދީދީ ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ސުޕުރިންޓެންޑެންޓް ކަމުގެ މަގާމުގައެވެ. 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.

އެންޓި-ކޮރަޕްޝަން ބޯޑުގައްޔާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި މޫސާ ޢަލީދީދީ ކުރެއްވި މައިގަނޑު މަސައްކަތަކީ، ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރެއްވުމުގެ މަސައްކަތެވެ. މީގެ އިތުރުން، އިދާރީ މަސައްކަތްތަކުގައްޔާއި، ޕްރިވެންޝަން މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. ޚާއްޞަ މަސައްކަތެއްގެ ގޮތުން ކޮމިޝަނުން ހިންގަވަމުން ގެންދަވާ ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުގެ މައުލޫމާތު ކަރުދާސް ތައްޔާރުކުރެއްވުމާއި، މައުލޫމާތު ދިނުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އިތުރުން، މައުލޫމާތު ހޯދަން ކޮމިޝަނަށް ގުޅާ ފަރާތްތަކަށް މައުލޫމާތު ދެއްވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. އަދި އެ ކޮމިޝަނުގެ މުރާޖަޢާ ކޮމިޓީގެ މުޤައްރިރު ކަމާއި، ކޮމިޝަނުގެ ރެކްރިއޭޝަން ކުލަބުގެ މުއައްސިސްކަންވެސް ކުރައްވައިފައި ވެއެވެ. އަދި ރެކްރިއޭޝަން ކުލަބުގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުންނާއި، އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މީގެ އިތުރުން، ކޮންމެ އަހަރަކު ފާހަގަކުރާ ދުނިޔޭގެ އެންޓި-ކޮރަޕްޝަން ދުވަހާއި، ކޮމިޝަނުގެ އަހަރީ ދުވަހުގެ އެކިއެކި ހަރަކާތްތަކުގައި މޫސާ ޢަލީދީދީ، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މޫސާ ޢަލީދީދީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި މަސައްކަތް ކުރެއްވިއިރު، ތަޙުޤީޤު ކުރުމުގެ ހުނަރާއި ތަޖުރިބާ، ރާއްޖެއިން ބޭރުންނާއި، ރާއްޖެއިން ހޯއްދަވައިފައި ވެއެވެ.

މޫސާ ޢަލީދީދީ ފާހަގަކުރެވިފައި ވަނީ، ހަވާލުކުރައްވާ މަސައްކަތް ފަސްޖެހުމެއްނެތި، ފަރުވާތެރިކަމާ އެކުގައި، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރައްވައި، މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވާ އަދި މުވައްޒަފުންގެ ކުރިއެރުމަށް ހިތްވަރު ދެއްވާ ވެރިއެއްގެ ގޮތުގައެވެ. އެގޮތުން، އެންޓި-ކޮރަޕްޝަން ބޯޑުން، މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވަން ތަޢާރުފު ކުރެއްވި އެވޯޑުތަކުގެ ތެރެއިން، ބޯޑުގެ ވެރިންގެ ތެރެއިން "މުވައްޒަފުންގެ ކުރިއެރުމަށް އެންމެ ބޮޑަށް ހިތްވަރުދީ، މުވައްޒަފުންނާ އެންމެ ގުޅުން ރަނގަޅު ވެރިޔާ"ގެ އެވޯޑާއި، "ވެރިންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ވެރިޔާ"ގެ އެވޯޑު، 2004ވަނަ އަހަރު، މޫސާ ޢަލީދީދީ އަށް ލިބިވަޑައިގެންފައި ވެއެވެ.

މޫސާ ޢަލީދީދީއަކީ، 1998 ގައި ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ގދ. އަތޮޅު މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.