އަލްފާޟިލް ޢައްބާސް މުޙައްމަދު
ހ. މާރިކިލް

ޢައްބާސް މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އިލެކްޓްރިކް ޑިޕާޓްމަންޓުގެ އެޕްރެންޓިސްގެ މަގާމުގައި 7 މާރިޗު 1971 ގައެވެ. 44 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ، 14 މޭ 2016 ގައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ރީޖަނަލް އެއަރޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.

ޢައްބާސް މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އިލެކްޓްރިކް ޑިޕާޓްމަންޓުގެ އިންޖިނިއަރސް އެސިސްޓެންޓުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ އިންޖިނިއަރސް އެސިސްޓެންޓުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ އިންޖިނިއަރސް އެސިސްޓެންޓް (އިންޖިން ރޫމް)ގެ މަގާމާއި، އިންޖިނިއަރސް އެސިސްޓެންޓް މެއިންޓެނަންސްގެ މަގާމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އިންޖިނިއަރސް އެސިސްޓެންޓް މެއިންޓެނަންސްގެ މަގާމާއި، އިންޖިނިއަރިންގ އިންޗާރޖުގެ މަގާމު ހިމެނެއެވެ. މި ދެންނެވި މަގާމުތަކުގެ ހައިސިއްޔަތުން ޢައްބާސް މުޙައްމަދު ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އިންޖިން ރޫމުގެ މަސައްކަތްތައް ރޭވުމާއި، ޕަވަރހައުސްގެ ޖަނަރޭޓަރތަކުގެ ރޫޓިންގ މެއިންޓެނަންސްގެ މަސައްކަތްތަކާއި، އިންޖީނުތައް އޯވަރހޯލްކޮށް ބެލެހެއްޓެވުމުގެ މަސައްކަތްތައް، ޝެޑިއުލާ އެއްގޮތަށް ކުރެއްވުން ހިމެނެއެވެ. މީގެއިތުރަށް، މުވައްޒަފުން ތަމްރީނު ކުރެއްވުމާއި، ޕަވަރހައުސްގެ ޑިއުޓީގެ ކަންތައް ބެލެހެއްޓެވުން ހިމެނެއެވެ.

23 އެޕްރީލް 1992 ގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއަށް ޢައްބާސް މުޙައްމަދު ބަދަލުވެވަޑައިގެން، ސީނިއަރ އިންޖިނޭރުގެ މަގާމާއި، ޗީފް އިންޖިނޭރުގެ މަގާމުގައި ހުންނަވައިގެން ޚިދުމަތް ކުރައްވައިފައި ވެއެވެ. މަގާމުގެ މަސައްކަތްތަކުގެ ތެރޭގައި، އެއަރޕޯޓުގެ ޕަވަރ ޖަނަރޭޝަން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، އިލެކްޓްރިކް ޔުނިޓާއި، އެއަރ ކޮންޑިޝަން އަދި ރެފްރިޖަރޭޝަން ޔުނިޓް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރެއްވުން ހިމެނެއެވެ. 18 އޮކްޓޫބަރު 1998 ގައި ރީޖަނަލް އެއަރޕޯޓްސް އަށް ވަޒީފާ ބަދަލުކުރެއްވުމުން، އެތާނގައި ޗީފް އިންޖިނޭރުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރގެ މަގާމާއި، ޑިރެކްޓަރގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާކުރެއްވިއެވެ.

ރީޖަނަލް އެއަރޕޯޓްސްގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ކާޑެއްދޫ އެއަރޕޯޓާއި، ކައްދޫ އެއަރޕޯޓް އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޕަވަރ ޖަނަރޭޝަން ސިސްޓަމް އަޕްގްރޭޑް ކުރެއްވުމާއި، ރަންވޭ ލައިޓިންގ ސިސްޓަމްގެ ބެކަޕް ޕަވަރ ޖަނަރޭޓަރުތައް އިންސްޓޯލް ކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، އެއަރޕޯޓުތަކުގެ މެނޭޖަރުންގެ ބަދަލުގައި، އެކިފަހަރު މަތިން އެއަރޕޯޓުތަކުގައި ޢައްބާސް މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ރީޖަނަލް އެއަރޕޯޓްސް ހިންގުމުގެ ބައެއް މަސްއޫލިއްޔަތުތައްވެސް އަދާކުރައްވައިފައި ވެއެވެ.

ޢައްބާސް މުޙައްމަދު ވަޒީފާ އަދާކުރެއްވި މުއްދަތުގެ ތެރޭގައި، ލިބިވަޑައިގެންފައިވާ ކާމިޔާބީގެ ތެރޭގައި، ރީޖަނަލް އެއަރޕޯޓްސްގައި 10 އަހަރު އެންމެ ރަނގަޅަށް ވަޒީފާ އަދާކުރެއްވި މުވައްޒަފެއްގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ސެޓުފިކެޓް ލިބިވަޑައިގަތުމާއި، 1988ވަނަ އަހަރުގެ ނޮވެންބަރު 3ވަނަ ދުވަހު ކޮށްދެއްވި ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، ސަރުކާރުން ދެއްވި ޝަރަފުގެ ހަނދާނީ ލިޔުން ލިބިވަޑައިގަތުން ހިމެނެއެވެ.