މަރްޔަމް ވަޙީދާ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް ހެލްތުގެ 2 ނަންބަރު ކާތިބާގެ މަގާމުގައި 14 މޭ 1979 ގައެވެ. ދިވެހި ދައުލަތަށް 44 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ މަރިޔަމް ވަޙީދާ އިބްރާހީމް ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އެ މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން ޑިވިޜަންގެ ޑިރެކްޓަރގެ މަގާމުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، މަރްޔަމް ވަޙީދާ އިބްރާހީމް، މިނިސްޓްރީ އޮފް ހެލްތުގެ 2 ނަންބަރު ކާތިބާ ކަމުގެ އިތުރުން، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
މަރްޔަމް ވަޙީދާ އިބްރާހީމް، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވީ، އެކިއެކި އޮފީސްތަކަށް ފޮނުވާ ސިޓީ ލިޔުއްވުމާއި، އަހަރު ރިޕޯޓު ލިޔުއްވުމާއި، މުވައްޒަފުން ހޯދުމުގެ މަސައްކަތާއި، އޮފީހުގެ ވަޒީފާއަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ މަސައްކަތްތަކެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ އެޑްމިނިސްޓްރޭޝަން ޑިވިޜަން ހިންގެވުމުގެ އިތުރުން، ޕްރޮކިއުމަންޓް ސެކްޝަންގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. މިގޮތުން، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގާ އޮފީސްތަކަށާއި، ޞިއްޙީ ޚިދުމަތް ދޭ ތަންތަނަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް، އިސްވެ ހުންނަވައިގެން ބަލަހައްޓަވައިފައި ވެއެވެ.
މީގެއިތުރުން، ޞިއްޙީ ދާއިރާއިން ފާހަގަކުރާ ޚާއްޞަ ދުވަސްތަކާ ގުޅިގެން ބާއްވާ ޙަފުލާތަކާ ގުޅޭ މަސައްކަތްތައް ކުރެއްވުމުގައިވެސް މަރްޔަމް ވަޙީދާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
އޮފީހުގައި 25 އަހަރަށްވުރެ ގިނަދުވަހު އެންމެ ރަނގަޅަށް ވަޒީފާ އަދާކުރެއްވި މުވައްޒަފުންނަށް ޚިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ދެއްވި ހަނދާނީ ލިޔުން މަރްޔަމް ވަޙީދާ އިބްރާހީމަށް ވަނީ ލިބިވަޑައިގެންފައެވެ.