އާދަމް އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 24 ޖަނަވަރީ 1972 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މެރިޖް ރެޖިސްޓްރޭޝަންސް ޑިވިޜަންގެ ޕިޔޯނެއްގެ ވަޒީފާއެވެ. މި ވަޒީފާގައި 10 އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، 9 ސެޕްޓެންބަރު 1982ގައި ވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ދޭވާނީގެ ވަޒީފާއަށް ބަދަލުކުރައްވައިފައެވެ. މި ވަޒީފާގައި ޚިދުމަތް ކުރައްވަމުން ގެންދަވަނިކޮށް، މިނިސްޓްރީ އޮފް ޖަސްޓިސްގެ ސަރުދާރު ކަމަށް ބަދަލުކުރައްވައިފައި ވަނީ 23 އޮގަސްޓު 1987 ގައެވެ. ސަރުދާރެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތުމަށްފަހު، ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި، އާދަމް އިބްރާހީމް ވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ އަގު ކޮމިޓީގެ މެންބަރަކަށް 13 އޮކްޓޫބަރު 1987 ގައި ހަމަޖައްސަވައިފައެވެ. މިނިސްޓްރީގެ ނަމަށް ތަފާތު ބަދަލުތައް އައުމަށްފަހު، 7 އޮގަސްޓު 2008 ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އަގު ކޮމިޓީގެ މެންބަރެއްގެ ގޮތުގައެވެ. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން 6 އޮކްޓޫބަރު 2016ގައި ވަޒީފާއިން މުސްކުޅި ކުރައްވަންދެން، އާދަމް އިބްރާހީމް ވަޒީފާ އަދާކުރައްވަމުން ގެންދެވީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އަގު ކޮމިޓީގެ މެންބަރެއްގެ ގޮތުގައެވެ.
ވޭތުވެދިޔަ ދިގު މުއްދަތުގައި، އާދަމް އިބްރާހީމް ވަނީ، އަގު ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ވަރަށް އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. 44 އަހަރާއި 8 މަހަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކޮށްދެއްވައިފައިވާއިރު، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ތެރޭގައި، މައްސަލައެއް ޖެހިގެން، ނަސޭހަތް ދޭން ޖެހިފައި ނުވާކަމާއި، ވަޒީފާގައި މިވީ ދިގު މުއްދަތުގައި، އޮފީހަށް ގަޑިޖެހި އަދި އަޚުލާޤީ ގޮތުން އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
އާދަމް އިބްރާހީމަށް 3 ފެބުރުވަރީ 1992 ގައި ފުރަތަމަ ޕެންޝަން ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައި ސިޓީފުޅެއް ފޮނުއްވިއެވެ. އަދި ޢަދުލު އިންސާފުގެ ދާއިރާގައި މެދުނުކެނޑި 25 އަހަރު ޚިދުމަތް ކުރައްވައިފައިވާތީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ފަރާތުން އެކަން ފާހަގަކުރައްވައި، އާދަމް އިބްރާހީމަށް ހަނދާނީ ލިޔުމެއް ވަނީ އަރުވައިފައެވެ.
އާދަމް އިބްރާހީމަކީ، ގަވާއިދަށް ޙުރުމަތްތެރިކޮށް ހިއްތެވި، އަމާނާތްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވައިފައިވާ އަދި މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވައި ދެއްވައިފައިވާ ނަމޫނާ ބޭފުޅެކެވެ.