އަލްފާޟިލް ޢަލީ ޔޫސުފްފުޅު
ހ. ފެއަރީޕެލަސް

ޢަލީ ޔޫސުފްފުޅު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 27 މޭ 1965 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ވުޒާރަތުއް ދާޚިލިއްޔާގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއެވެ. 19 މޭ 2010 ގައި ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

ޢަލީ ޔޫސުފްފުޅު، ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި 44 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ދައުލަތުގެ ތަފާތު މަގާމުތައް ވަނީ ފުރުއްވައިފައެވެ. އެ މަގާމުތަކުގެ ތެރޭގައި، އެޓޮލްސް ޑިވިޜަންގެ 1 ނަންބަރު ކާތިބު ކަމާއި، ސެކްރެޓެރީ ކަމާއި، ސެންޓްރަލް ގުރޫޕުގެ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސެކްރެޓެރީކަން ހިމެނެއެވެ.

ޢަލީ ޔޫސުފްފުޅު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ ރާއްޖެތެރެއާ ބެހޭ ވުޒާރާގައެވެ. އެ ވުޒާރާގެ ވަރަށް އިސް މަގާމުތަކެއްވެސް ވަނީ ފުރުއްވައިފައެވެ. އެގޮތުން، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ އޮފް ޕްރޮޖެކްޓްސް ކަމުގެ މަގާމާއި، ސީނިއަރ އަންޑަރ ސެކްރެޓެރީ ކަމުގެ މަގާމާއި، ޑިރެކްޓަރ، ސްޕެޝަލް ޕްރޮޖެކްޓްސް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ. މި މަގާމުތަކުގައި ހުންނަވައިގެން، ރާއްޖޭގެ އަތޮޅުތަކުގެ ތަރައްޤީއަށް ސަރުކާރުން ހިންގެވި އެކިއެކި މުހިންމު މަޝްރޫޢުތައް ހިންގެވުމުގެ ގޮތުން، ރަށްރަށަށް ވަޑައިގެން، އެ މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ޢަމަލީގޮތުން ބައްލަވައި، އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކުގައި ކުރިއަށް ގެންދެވުމުގައި، ޢަލީ ޔޫސުފްފުޅު އަދާކުރެއްވި ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން، ރާއްޖޭގެ އަތޮޅުތަކުގެ ރަށުއޮފީސްތަކާއި، އަތޮޅުއޮފީސްތަކާއި، އަތޮޅުގެތަކާއި، މިސްކިތްތައް އިމާރާތް ކުރުމުގެ މަސައްކަތްތަކާއި، ހުކުރު ހަމަނުވާ ރަށްރަށުން އާބާދީ ބޮޑު ރަށްރަށަށް މީހުން ބަދަލުކުރުމުގެ މަސައްކަތްތަކުގައިވެސް ޢަލީ ޔޫސުފްފުޅު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ރަށްރަށަށް ދަތުރުކުރުމުގައި އޭރު ހުރި ދަތިތަކާއި، ހުރަސްތަކާއި، ކުރިމަތިވި ގޮންޖެހުންތަކާއެކުގައިވެސް ޢަލީ ޔޫސުފްފުޅު އެ ކުރެއްވި މަސައްކަތްޕުޅުތަކަކީ ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ.

ޢަލީ ޔޫސުފްފުޅަކީ، ތިން އަތޮޅެއްގެ އަތޮޅުވެރިކަންވެސް ކުރެއްވި ބޭފުޅެކެވެ. އެ ދުވަސްވަރު އަތޮޅުވެރިކަމަށް ބޭފުޅުން ޢައްޔަން ކުރައްވަނީ، އިޢުލާނު ކުރައްވައިގެން ކަމަށްވާތީ،ލ. އަތޮޅު އަތޮޅުވެރިކަމަށް އިޢުލާނު ކުރެއްވިއިރު، އެކަމަށް ކުރިމަތިލެއްވީ، އަތޮޅުވެރިކަން ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައެއް ނޫނެވެ. އެހެންނަމަވެސް، އެކަމަށް ކުރިމަތިލެއްވުމާ ގުޅިގެން، 19 ފެބުރުވަރީ 1977 ގައި އަތޮޅުވެރިކަން ލިބިވަޑައިގެންނެވުން އެއީ، ޢަލީ ޔޫސުފްފުޅަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފާފުޅަކަށްވިއެވެ. ލ. އަތޮޅު އަތޮޅުވެރިކަމުގެ މަގާމު ފުރުއްވަމުން ގެންދެވި ދުވަސްވަރަކީ، މުވާޞަލާތީ ގޮތުންވެސް ވަރަށްދަތި ދުވަސްވަރަކަށް ވުމާއެކު، އޭރު ދިމާވި އެކި ކަންކަން ހައްލުކުރެއްވުމުގައި ޚާއްޞަކޮށް، ކޮލެރާ ރޯގާގެ ދުވަސްވަރު، އެ ވަބާއިން ރައްޔިތުން ރައްކާތެރިކުރެއްވުމަށް ވިސްނުންތެރިކަމާ އެކުގައި ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. އޭގެފަހުން، ވ. އަތޮޅު އަތޮޅުވެރިކަމާއި، ގއ. އަތޮޅު އަތޮޅުވެރިކަން، ޢަލީ ޔޫސުފްފުޅު ވަނީ ކުރައްވައިފައެވެ.

ޢަލީ ޔޫސުފްފުޅަކީ، މިނިސްޓްރީ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލްކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. 

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައި ޢަލީ ޔޫސުފްފުޅު ހުންނެވިއިރު، ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތަކީ، 2008ވަނަ އަހަރު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް މުބާރާތް ބޭއްވުމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމުޢިއްޔާ، ފީފާ ގަބޫލުކުރާ ފެންވަރަށް ގަލޮޅު ރަސްމީ ދަނޑު ތައްޔާރުކުރެއްވުމުގެ މަސައްކަތެވެ. އޭރު އެ މަސައްކަތާ ޢަލީ ޔޫސުފްފުޅު ހަވާލުވެވަޑައިގަތީ، އޭރު ހުރި ގޮންޖެހުންތަކާއެކުގައިވެސް، އެކަން ކާމިޔާބު ކުރެއްވުމުގެ މަތިވެރި ޢަޒުމުގައެވެ. އަދި އޭރުގެ ވަޒީރު ޙުސައިން ޙިލްމީއަށް، އެކަން ކުރެއްވޭނެ ކަމުގެ ޔަޤީންކަން އަރުވައި، އެ މަސައްކަތް ފުރިހަމަކުރެއްވުމަށް ކަނޑައެޅި ތާރީޚަށް ނިންމަވައިލެއްވީ، ފީފާއިން ގަބޫލުކުރާ ފެންވަރަށް ދަނޑު ތައްޔާރުކުރެއްވުމަށް ފަހުގައެވެ. މިއީ، ޢަލީ ޔޫސުފްފުޅުގެ ޚިދުމަތުގެ ކާމިޔާބީގެ ތެރޭގައި ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކާމިޔާބީއެކެވެ.

ދިވެހި ދައުލަތަށް 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރެއްވި ޚިދުމަތުގެ އަގު، ސަރުކާރުން ވަޒަންކުރައްވައި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މިއަދު ދެއްވިކަން އެއީ، ޢަލީ ޔޫސުފްފުޅަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ޝަރަފަކާއި އުފަލެކެވެ.