އަލްފާޟިލް އަޙްމަދު ލަޠީފް
ފަރެސްއަވަށް. އަލަދަނޑުގެ، ގދ. ފަރެސްމާތޮޑާ

އަޙްމަދު ލަޠީފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 މޭ 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޕަބްލިކް ހެލްތު ޑިވިޜަންގެ ފެމިލީ ހެލްތު ވަރކަރ ކަމުގެ ވަޒީފާއެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާ ކަމާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ ޢާއިލާގެ އެހީތެރިޔާ ކަމާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ފެމިލީ ހެލްތު އޮފިސަރުކަން ކުރައްވައިފައި ވެއެވެ. އަދި ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ ފެމިލީ ހެލްތު އޮފިސަރު ކަމާއި، ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާގެ ފެމިލީ ހެލްތު އޮފިސަރު ކަމާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފެމިލީ ހެލްތު އޮފިސަރުކަން ކުރައްވައިފައި ވެއެވެ.

އަޙްމަދު ލަޠީފް ޚިދުމަތް ކުރައްވަން ފެށްޓެވި ދުވަސްވަރަކީ، ޞިއްޙީ މަރުކަޒު ވަކިން ޤާއިމުކޮށްފައިވާ ދުވަސްވަރަކަށް ނުވާތީ، އޭރު ޚިދުމަތް ކުރެއްވީ، ރަށު އޮފީހުގައެވެ. ޚިދުމަތް ދެއްވުމުގައި، އޭރު ގިނަ ދަތިތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، އާންމު ޞިއްޙަތު ކުރިއެރުވުމަށް އެ ވަގުތަކު ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އަޙްމަދު ލަޠީފް ކުރެއްވިއެވެ. މިގޮތުން، ގޭގެއަށް ޒިޔާރަތް ކުރައްވައި، ބަލިމީހުން ބައްލަވައި، ބޭސް ދެއްވައި، އާންމު ޞިއްޙަތާ ބެހޭގޮތުންނާއި، އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު، ރައްޔިތުންނަށް ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް އަޙްމަދު ލަޠީފް ކުރައްވައިފައި ވެއެވެ.

މީގެއިތުރުން، ރަށުގައި ހިންގާ ވެކްސިން ޕުރޮގުރާމުތައް ހިންގެވުމާއި، ގައިންގަޔަށް އަރާ ބަލިތައް ނައްތައިލުމަށްޓަކައި، އަތޮޅު ފެންވަރުގައި ހިންގާ ޕުރޮގުރާމުތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމާއި، ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނުން ޞިއްޙީ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ގެންދޭތޯ ބައްލަވައި، ކަށަވަރު ކުރެއްވުމާއި، މަދިރި މަދުކުރުމުގެ ޕުރޮގުރާމުތައްވެސް ހިންގަވައި ދެއްވުން ހިމެނެއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާގައި އެންމެ ރަނގަޅަށް ޚިދުމަތް ކުރެއްވި ހަތަރު ބޭފުޅުންގެ ތެރޭގައި، އަޙްމަދު ލަޠީފް ހިމެނިވަޑައިގެން، ހދ. ނެއްލައިދުއާއި، ހދ. ފިނޭގައި މަސައްކަތްކުރާ ސަރުކާރުގެ ހުރިހާ މުވައްޒަފުންނާ އެކީގައި، އެ ރަށްރަށުގެ ސްކޫލްތަކުގެ މަތީ ގުރޭޑުތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ޞިއްޙީ މައުލޫމާތު ދެއްވުމަށް، 2003ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ހެލްތުން އެ ރަށްރަށަށް އަޙްމަދު ލަޠީފް ފޮނުއްވުމުން، އެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރައްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ޢާއިލާގެ އެހީތެރިއެއްގެ ގޮތުން ޚިދުމަތް ކުރައްވަން ފެށްޓެވުމުގެ ކުރިން އަޙްމަދު ލަޠީފް ވަނީ، ބްރީޗް އޮފް ލޯ އެންޑް ޕޮލިޓިކަލް ޓްރައިލްސް ޑިވިޜަނާއި، ތެފްޓް ޓްރައިލްސް ޑިވިޜަނުގައިވެސް ޚިދުމަތް ކުރައްވައިފައެވެ.

އަޙްމަދު ލަޠީފަކީ، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އިޚުލާޞްތެރިކަމާ އެކުގައި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި ރައްޔިތުންގެ މަޤުބޫލުކަން ހޯއްދަވައިފައިވާ ނަމޫނާ ޚިދުމަތްތެރިއެކެވެ.

އަޙްމަދު ލަޠީފް، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 44 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.