އަލްފާޟިލާ ޙަފްޞާ އާދަމް
މ. ރަފީޤުގެ

ޙަފްޞާ އާދަމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 19 އެޕްރީލް 1979 ގައެވެ. ދިވެހި ދައުލަތަށް 44 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޙަފްޞާ އާދަމް ވަނީ، ގަވަރންމަންޓް ހޮސްޕިޓަލްގައްޔާއި، ފަހުން ސެންޓްރަލް ހޮސްޕިޓަލްގައި އަދި މިހާރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައިވެސް ތަފާތު އެކި މަގާމުތައް ފުރުއްވައިފައެވެ.

ޙަފްޞާ އާދަމް ދައުލަތަށް ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި، ނާރސްއެއިޑްގެ މަގާމާއި، 1 ނަންބަރު ނަރުސް ކަމުގެ މަގާމާއި، ސީނިއަރ ނަރުހެއްގެ މަގާމާއި، އޮގްޒިލަރީ ނަރސް މިޑްވައިފްގެ އިތުރުން، އެސިސްޓެންޓް ނަރސް މިޑްވައިފްގެ މަގާމާއި، ޕްރެކްޓިކަލް ނަރސްގެ މަގާމާއި، އެންރޯލްޑް ނަރސް އަދި އެންރޯލްޑް ނަރސް މިޑްވައިފްގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ޙަފްޞާ އާދަމް، ވަޒީފާއާ ގުޅިވަޑައިގެން، މަގާމުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އެޑްމިޓް ކޮށްފައި ތިބޭ ބަލިމީހުންނަށް ފަރުވާދެއްވުމާއި، އޯ.ޕީ.ޑީ. އަށް އަންނަ ބަލިމީހުންނަށް އިންޖެކްޝަން ޖަހައިދިނުމާއި، ބޭސްއެޅުއްވުން ހިމެނެއެވެ. އޭގެ އިތުރުން، ވާރޑްތަކުގައި ޑޮކްޓަރުން ބަލިމީހުން ބައްލަވަމުން ގެންދަވާ ވަގުތުތަކުގައި ޑޮކްޓަރުންނަށް އެހީތެރިވެދެއްވުމާއި، އޯ.ޕީ.ޑީ.ގައި ޑޮކްޓަރުން ކުރައްވާ އެކިއެކި ކަންތައްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަކީވެސް ޙަފްޞާ އާދަމް ކުރައްވައިފައިވާ މަސައްކަތެކެވެ. އަދި ހޮސްޕިޓަލްގެ ވާރޑުގައި ބަލިމީހާއަށް ޚިދުމަތް ދެވޭނެހެން ވާރޑުގެ ކަންތައްތައް ތަރުތީބު ކުރައްވައި ބެލެހެއްޓެވުމާއި، ވާރޑް ތައްޔާރުކުރެއްވުމަކީވެސް ވަރަށް ޝައުޤުވެރިކަމާ އެކުގައި ޙަފްޞާ ކުރައްވާ މަސައްކަތްތަކެވެ.

ޙަފްޞާ އާދަމް ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، މާބަނޑު މީހުން ވިއްސުމާއި، ވިހެއުމުގެ ކުރިންނާއި، ވިހެއުމަށްފަހު ބަލިމީހާއަށާއި ތުއްތު ދަރިފުޅަށް ދޭންޖެހޭ ޚާއްޞަ ފަރުވާތައް ދެއްވުން ހިމެނެއެވެ. މީގެއިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގުނު ޞިއްޙީ ދާއިރާއާ ގުޅޭ އެކިއެކި ޓްރޭނިންގތަކާއި، ވާރކްޝޮޕްތަކާއި، ސެމިނާރތަކުގައި ޙަފްޞާ ބައިވެރިވެވަޑައިގެން، ޢަމަލީ ތަޖުރިބާ ހޯއްދަވައިފައި ވެއެވެ.

ޙަފްޞާ އާދަމް ނަރުހެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާތާ މިހާ ދިގު މުއްދަތެއް ވެފައިވާއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައިނުވާކަން ފާހަގަކޮށްލެވެއެވެ. ހަމަ އެއާއެކު، ހޮސްޕިޓަލަށް އަންނަ ބަލިމީހުންނަށް އޯގާތެރިކަމާއެކުގައި ޚިދުމަތް ދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމާއި، ހެދިފައިވާ ޕްރޮޓޮކޯލްތަކާ އެއްގޮތަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެއްވުމަށް އިސްކަން ދެއްވައެވެ. ޙަފްޞާ އާދަމަކީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކުގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވައި، ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެކެވެ. އަދި މަސައްކަތުގެ މާޙައުލުގައި، އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ގާތް ގުޅުމެއް ބާއްވަވާ ހިތްހެޔޮ ބޭފުޅެކެވެ.

1 އޮގަސްޓު 2018 އިން ފެށިގެން ޙަފްޞާ އާދަމް އަދާކުރައްވަމުން ގެންދަވަނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އެންރޯލްޑް ނަރުހެއްގެ މަގާމެވެ.