އަލްފާޟިލް ޢަބްދުއްސައްތާރު ޙަސަން
ދޫރެސް މ. ނާލާފުށި

ޢަބްދުއްސައްތާރު ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 އެޕްރީލް 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ނާލާފުށީ އޮފީހުގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، ނާލާފުށީ އޮފީހުގެ ވޯކީޓޯކީ އޮޕަރޭޓަރު ކަމާއި، ސީނިއަރ ވޯކީޓޯކީ އޮޕަރޭޓަރު ކަމާއި، ނާލާފުށީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ނާލާފުށީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޕްލޭނިންގ އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޢަބްދުއްސައްތާރު ޙަސަން މިހާރު ހުންނެވީ، ނާލާފުށީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަގާމުގައެވެ. ޢަބްދުއްސައްތާރު ޙަސަން، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 44 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. 

މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ޢަބްދުއްސައްތާރު ޙަސަނާ ހަވާލުކުރެއްވި އެންމެހައި މަސައްކަތްތައް، ވަޒީފާގެ މަސްއޫލިއްޔަތާ އެއްގޮތަށް ވަނީ ކުރައްވައިފައެވެ. އެގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އަތޮޅުއޮފީހުން ފޮނުވާ މެސެޖުތައް ފޮނުވާ ވަގުތު ލިޔުއްވުމާއި، ރަށުގެ މަސްދޯނިފަހަރުގެ މަސްވެރިކަމުގެ ހިސާބުތައް ދުވަހުން ދުވަހަށް ހޯއްދަވައި އަތޮޅުއޮފީހަށް ފޮނުއްވުމާއި، އޮފީހުން ހަދަންޖެހޭ މަސްދުވަހުގެ ރިޕޯޓުތައް ހައްދަވައި އަތޮޅުއޮފީހަށް ފޮނުއްވުމުގެ މަސައްކަތް ހިމެނެއެވެ. އަދި ރަށުގެ އާބާދީއާ ބެހޭ މަޢުލޫމާތު ހޯއްދަވައި، ރިޕޯޓު ތައްޔާރުކުރެއްވުމާއި، ވިހާ މަރުވާ މީހުންގެ މައުލޫމާތާއި، އުމުރުން 65 އަހަރު ފުރިހަމަވާ މީހުންގެ މައުލޫމާތު، ކުރިއާލައި ފޮނުއްވުންވެސް ޢަބްދުއްސައްތާރު ޙަސަން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން، ނާލާފުށީ ރައްޔިތުންގެ ފަރާތުން ރަށަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެ ގޮތުން، 1981ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް 15 އަހަރެއްހާ ދުވަހު، ހިލޭސާބަހަށް ކޮންމެ ދުވަހެއްގެ ހަވީރު 6 ން ރޭގަނޑު 11 އަށް، ޖަނަރޭޓަރު ހިންގައި ބަލަހައްޓަވައި، ނާލާފުށީގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވައިފައި ވެއެވެ.

ޢަބްދުއްސައްތާރު ޙަސަނަކީ، ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން، އެ މަސައްކަތް ކުރެއްވުމަށް ބޭނުންވާ ފަންނީ ތަމްރީނު ހޯއްދެވުމަށާއި، ތަމްރީނު ޕުރޮގުރާމުތައް ފުރިހަމަކުރެއްވުމަށް އިސްކަމެއް ދެއްވާ ބޭފުޅެކެވެ. އެގޮތުން، މަސައްކަތާ ގުޅޭގޮތުން ސަރުކާރުން ހިންގަވާ ކޮންމެ ތަމްރީނު ޕުރޮގުރާމެއް ފުރިހަމަކުރައްވައިފައި ވަނީ، ޝައުޤުވެރިކަމާ އެކުގައި، ކަމަށްކަމޭހިއްތަވައިގެން ކުރައްވާ ކަމެއްގެ ގޮތުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި، ޢަބްދުއްސައްތާރު ޙަސަން ފާހަގަކުރެވިފައި ވަނީ، ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރައްވަމުން ގެންދަވާ، މަސައްކަތުގެ އަޚްލާޤު ހިފެހެއްޓެވި، ގަޑިއަށް ފަރުވާތެރި ބޭފުޅެއްގެ ގޮތުގައެވެ.