އަލްފާޟިލް ފަރުހާދު މުޙައްމަދު
ހަތިކޮޅު އދ. މާމިގިލި

ފަރުހާދު މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މ. މަޑިފުށީ އޮފީހުގެ ކާތިބު ކަމުގެ މަގާމުގައި 1 އެޕްރީލް 1979 ގައެވެ. ދިވެހި ދައުލަތަށް 44 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ފަރުހާދު މުޙައްމަދު މިހާރު ހުންނެވީ، އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، މަޑިފުށީ އޮފީހުގެ ކާތިބު ކަމާއި، ސީނިއަރ ކުލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، މަޑިފުށީ އޮފީހުގެ ކުޑަކަތީބު ކަމާއި، މާމިގިލީ އޮފީހުގެ ކުޑަކަތީބު ކަމާއި، މާމިގިލީ ކައުންސިލްގެ އިދާރާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ފަރުހާދު މުޙައްމަދު، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން، މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވީ، އެކިއެކި އޮފީސްތަކަށް ފޮނުވާ ސިޓީއާއި، މެސެޖް ލިޔުއްވުމާއި، މަހުން މަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރެއްވުމުގެ މަސައްކަތެވެ. އޭގެފަހުން، ކުޑަކަތީބު ކަމުގެ މަގާމުގައި ހުންނެވިއިރު، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނާ އިންޓަރވިއު ކުރެއްވުމުގެ މަސައްކަތާއި، މުވައްޒަފުން ތަމްރީނު ކުރައްވައި މަސައްކަތަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ކުރެއްވިއެވެ. މީގެއިތުރުން، ރަށުގެ ތަރައްޤީއަށް ހިންގޭ ޕުރޮޖެކްޓުތަކުގައި ރައްޔިތުންނާ އެކުގައި، އިސް ވެރިއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ.

ސަރުކާރުން ހިންގެވި އަސާސީ ތަޢުލީމު އުނގަންނައިދޭ ޕުރޮގުރާމު ހިންގެވުމުގައްޔާއި، މިލިއަން ގަސް ޕުރޮގުރާމުގައި ފަރުހާދު މުޙައްމަދު އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. އަދި ބޯހިމެނުމުގެ ޕުރޮގުރާމުތަކާއި، އެކިއެކި އިންތިޚާބުތަކުގެ މަސައްކަތްތަކުގައިވެސް އިސް ބޭފުޅެއްގެ ގޮތުގައި ފަރުހާދު ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ.

ފަރުހާދު މުޙައްމަދު ވަނީ، ސަރުކާރުން ހިންގައިފައިވާ އެކިއެކި ޓްރޭނިންގ ޕުރޮގުރާމުތަކާއި، ކުރު މުއްދަތުގެ ކޯސްތަކާއި، ވާރކްޝޮޕްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ސަރުކާރުން ހިންގަވާ އެކިއެކި ޕުރޮގުރާމުތަކުގައި ކޮށްދެއްވައިފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، އެކި ވުޒާރާތަކުން ހަނދާނީ ލިޔުން ފަރުހާދަށް ދެއްވައިފައި ވެއެވެ.

މާމިގިލީ ކައުންސިލުގެ އިދާރާގެ ސުޕަވައިޒަރީ ލެވެލްގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ތެރެއިން ހާޒިރީއަށް އެންމެ ފަރުވާތެރި މުވައްޒަފުގެ އެވޯޑު، 2020، 2021ވަނަ އަހަރު ފަރުހާދު މުޙައްމަދަށް ލިބިވަޑައިގެންފައި ވެއެވެ.

ފަރުހާދު މުޙައްމަދު ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ރަށުގައި ސްކޫލެއް ގާއިމުކުރެއްވުމުގެ ކުރިން، އަމިއްލައަށް އިސްނަންގަވައިގެން، ރަށުގެ 36 ކުދިންނަށް ތަޢުލީމު ފޯރުކޮށްދެއްވުމަށް، ހިލޭސާބަހަށް ކުލާސްތައް ނަންގަވައި ދެއްވައި، ދަރިވަރުންނަށް ބޭނުންވާ ފޮތް ފަންސުރު، ގަލަން ފަދަ ތަކެތި ހިލޭ ފޯރުކޮށްދެއްވުން ހިމެނެއެވެ. ރަށުގައި ސްކޫލެއް ގާއިމުކުރުމަށްޓަކައި ރައްޔިތުންނާ އެކުގައި އިސްވެ ކުރެއްވި މަސައްކަތުން، އޭރު އަތޮޅު ކޮމިޓީއާ މަޝްވަރާ ކުރައްވައިގެން އަތޮޅު މަދަރުސާއިން އޯ ލެވެލް ނިންމި ދަރިވަރަކު، ރަށު ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި ހަމަޖައްސަވައިގެން، އަމިއްލަ ގޭގައި ބަހައްޓަވައިގެން، އޭނާގެ ޚަރަދުތައް ބެލެހެއްޓެވިއެވެ. ކުރިން ދިރިއުޅުއްވި މ. މަޑިފުށްޓަކީ ދިވެހިރާއްޖެއިން ދުންފަތުގެ އިސްތިޢުމާލު ނުކުރާ ފުރަތަމަ ރަށަށް ހެއްދެވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، މިކަން ކާމިޔާބު ކުރެއްވިއެވެ. މި މަސައްކަތް ކާމިޔާބު ކުރެއްވުމުގެ ގޮތުން، ފަރުހާދު މުޙައްމަދު ވަނީ، ދުންފަތުގެ އިސްތިޢުމާލު ކުރެއްވުން ހުއްޓަވައިލައްވައި، ރައްޔިތުންނަށް ނަމޫނާ ދައްކަވައިފައެވެ.