ޙަސަން ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޓޫރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓުގެ ޕިޔޯނެއްގެ ވަޒީފާގައި 12 މާރިޗު 1979 ގައެވެ. އޭގެފަހުން، އިސްކަންދަރު ސްކޫލްގެ ޕިޔޯނު ކަމާއި، އެ ސްކޫލްގެ ބަޖެޓް ބަލަހައްޓާ ކާތިބުކަންވެސް ކުރެއްވިއެވެ. ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ޓެރިފް ކުލާކެއްގެ ގޮތުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވީ، 4 ނޮވެންބަރު 1982 ގައެވެ. އެ ތާރީޚުން ފެށިގެން މި އަހަރުގެ މާރިޗު މަހުގެ 25ވަނަ ދުވަހު މަގާމުން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ޚިދުމަތް ކުރެއްވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގައެވެ. ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދި ސްޓެލްކޯއަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޙަސަން ޙުސައިން ވަނީ ޚިދުމަތް ކުރައްވައިފައެވެ.
ޙަސަން ޙުސައިން، ސްޓެލްކޯގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ސީނިއަރ ޓެރިފް ކުލާކް ކަމާއި، އެކައުންޓްސް ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އޮފީސް އެސިސްޓެންޓް ކަމާއި، ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް މެނޭޖަރު ކަމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމު އަދާކުރެއްވިއެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ، މެނެޖީރިއަލް ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، ސީނިއަރ މެނޭޖަރ ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޖެނެރަލް މެނޭޖަރ ކަމުގެ މަގާމުގައެވެ.
ޙަސަން ޙުސައިން، ސްޓެލްކޯގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ރީޑިންގ ނަގައި ބިލް ހެއްދެވުމާއި، ބިލިންގ ކަންތައްތައް ހިންގަވައި ބެލެހެއްޓެވުމާއި، އޮފީސް ހިންގުމާ ގުޅޭ އިދާރީ މަސައްކަތްތައް ހިމެނެއެވެ. މީގެއިތުރުން، ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަން ޑިޕާޓްމަންޓް ހިންގެވުމުގެ އެންމެހައި ޒިންމާތައް ފުރިހަމަކަމާއެކުގައި އުފުއްލެވިއެވެ. މިގޮތުން، ކުންފުނީގެ ބޭނުމަށް ކުރަންޖެހޭ އެއްގަމާއި ކަނޑުމަގުން ކުރާ ދަތުރުތަކުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ރާއްވަވައި ހިންގެވުމާއި، ވެހިކަލްތަކާއި ވެސަލްތައް ބެލެހެއްޓެވުމާއި، ކުންފުނީގެ އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓެވުމުގެ އިންތިޒާމު ހަމަޖެއްސެވުމާއި، ކުންފުނީގެ އިމާރާތްތަކުގެ ގޯތިތެރެ ފެހިކޮށް ބޭއްވެވުމަށްޓަކައި ގާއިމުކުރެއްވި ނަރސަރީ ބަލަހައްޓަވައި ސުޕަވައިޒް ކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. މީގެއިތުރުން، ސްޓެލްކޯގެ އިމާރާތުގައި ހިމެނޭ އެކިއެކި މާލަންތަކާއި، އެހެނިހެން ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރުމާބެހޭ ކަންތައްތައް ގަވާއިދުން ހިންގަވައި ބެލެހެއްޓެވުމާއި، ނީލަމަށް ފޮނުވަންޖެހޭ ތަކެތި ނީލަމުގައި ވިއްކުމާބެހޭ ކަންތައްތައް، ސުޕަވައިޒް ކުރައްވައި ބަލަހައްޓަވައިފައި ވަނީ، އިޚުލާޞްތެރިކަމާ އެކުގައިކަން ފާހަގަކޮށްލަންޖެހެއެވެ.
ޙަސަން ޙުސައިން ސްޓެލްކޯގައި މިހާ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާއިރު، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އަދި ޙަސަން ޙުސައިންގެ ބެއްލެވުމުގެ ދަށުން ކުރައްވައިފައިވާ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، 2003ވަނަ އަހަރު ނ. ވެލިދޫ އިންޖީނުގެ ހިންގެވުމާއި، ވިލިނގިލީ އަވަށު އިންޖީނުގެއާއި، ހުޅުމާލޭ އިންޖީނުގެ ހިންގެވުމުގެ އިތުރުން، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީ ކުރެއްވި ކ. ކުޑަގިރީގައި ޑިސްޓްރިބިއުޝަން ކޭބަލް ވަޅުލުމާއި، ބައްތި ޖެހުމާއި، ރެސްޓޯރެންޓް ހަދައި ނިންމުމުގެ މަސައްކަތް ހިންގަވައި ބެލެހެއްޓެވުން ހިމެނެއެވެ. މީގެއިތުރުން، ހުކުރު މިސްކިތުގެ މުންނާރާއި، ވަޅުތަކާއި، މެދުޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ހިންގަވައި ބެލެހެއްޓެވުމާއި، ކ. ދިއްފުށްޓާއި، ކ. ތުލުސްދުއާއި، އދ. މަންދުއާއި، އއ. ތޮއްޑޫ އަދި ވ. ތިނަދޫގެ ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވަރކް އަޕްގްރޭޑް ކުރުމަށް ކޭބަލް ވަޅުލުމާބެހޭ މަސައްކަތްތައްވެސް ޙަސަން ޙުސައިން ހިންގަވައި ބަލަހައްޓަވައިފައި ވެއެވެ. އަދި މާލެއާއި ހުޅުމާލޭގައި ބަހައްޓަންޖެހޭ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތާއި، ހުޅުމާލޭ ފަސްޓް ފޭހުން ސެކަންޑް ފޭހަށް ކަރަންޓް ދިނުމަށްޓަކައި ފުރަތަމަ ވަޅުލަންޖެހޭ ކޭބަލް ވަޅުލުމުގެ މަސައްކަތްވެސް ޙަސަން ޙުސައިން ހިންގަވައި ބަލަހައްޓަވައިފައި ވެއެވެ.
ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، މަސައްކަތުގެ މާޙައުލުގައި ޙަސަން ޙުސައިން ފާހަގަކުރެވިފައި ވަނީ، މަސައްކަތުގެ އަޚްލާޤު ހިފެހެއްޓެވި، މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެއްވި، އޯގާތެރި، ހިންގުންތެރި އަދި ނަމޫނާ އިސްވެރިއެއްގެ ގޮތުގައެވެ. ޙަސަން ޙުސައިންގެ މޭސްތިރިކަމުގެ ދަށުން މަސައްކަތް ކުރެއްވި، ކުންފުނީގައި ކުރާ އެކި މަސައްކަތްތަކުގެ ހުނަރާއި ތަމްރީނާއި ތަޖުރިބާހުރި ގިނަ މުވައްޒަފުން ކުންފުނީގެ ޚިދުމަތުގައި މިހާރުވެސް ދެމިތިބިކަން ފާހަގަކޮށްލަން ޖެހެއެވެ.
ސްޓެލްކޯއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރައްވައި ދެއްވި ހަނދާނީ ފިލާ ޙަސަން ޙުސައިނަށް ވަނީ ލިބިވަޑައިގެންފައެވެ.