އަލްފާޟިލް ޢަބްދުލްމުޙްސިން ރާމިޒް
ވ. ތީރު

ޢަބްދުލްމުޙްސިން ރާމިޒް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 15 ސެޕްޓެންބަރު 1976 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގެ ފައިލޭރިއާ ކުލިނިކުގެ ޑޮމިސިލިއަރީ ވަރކަރެއްގެ ވަޒީފާއެވެ. މި ވަޒީފާއިން 25 ނޮވެންބަރު 1977 ގައި ވަކިވެވަޑައިގެންނެވިއެވެ. އެއަށްފަހު، ވަޒީފާ އަދާކުރައްވަން ފެށްޓެވީ، 7 ޖަނަވަރީ 1979 ގައި، ޝިޕިންގ ޑިޕާޓްމަންޓުގެ ޓެލީ ކުލާކެއްގެ ގޮތުގައެވެ. 16 ސެޕްޓެންބަރު 1980 ގައި، ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ މީޓިއޮރޮލޮޖިކަލް އޮބްޒަރވަރ (ޓްރޭނީ)ގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. ޢަބްދުލްމުޙްސިން، ދައުލަތަށް ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި، ފައިލޭރިއާ ކުލިނިކުގައްޔާއި، ޝިޕިންގ ޑިޕާޓްމަންޓްގައްޔާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި، 43 އަހަރާއި 4 މަސް ދުވަހު، މޫސުމާބެހޭ ދާއިރާގައި ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ، 13 ޖުލައި 2024 ގައެވެ.

މޫސުމާބެހޭ އިދާރާގެ ތަފާތު މަގާމުތައް، ޢަބްދުލްމުޙްސިން ރާމިޒް ވަނީ ފުރުއްވައިފައެވެ. އެ މަގާމުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ މީޓިއޮރޮލޮޖިކަލް އޮބްޒާވަރ ކަމާއި، މީޓިއޮރޮލޮޖިކަލް ޝިފްޓް ސުޕަވައިޒަރ ކަމާއި، އެސިސްޓެންޓް ފޯކާސްޓަރ ކަމާއި، ވެދަރ ފޯކާސްޓަރ ކަމާއި، މީޓިއޮރޮލޮޖިކަލް ފޯކާސްޓަރ ކަމާއި، ސީނިއަރ މީޓިއޮރޮލޮޖިކަލް ފޯކާސްޓަރ ކަމާއި، މީޓިއޮރޮލޮޖިސްޓްކަން ހިމެނެއެވެ. އަދި އެ ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ، މީޓިއޮރޮލޮޖީ ކަމުގެ މަގާމުވެސް ހިމެނެއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޑިރެކްޓަރ، މީޓިއޮރޮލޮޖީގެ މަގާމުގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ޢަބްދުލްމުޙްސިން ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތައް، ވަގުތުން ވަގުތަށް ދެނެގަތުމަށް ބޭނުންވާ މީޓިއޮރޮލޮޖިކަލް އޮބްޒަރވޭޝަންތައް ނަގައި، އެއްކުރެވޭ މައުލޫމާތުތައް، އެކި ފަރާތްތަކަށް ފޯރުކޮށްދެއްވުމާއި، މޫސުމާބެހޭ ދާއިރާއާ އަލަށް ގުޅޭ މީޓިއޮރޮލޮޖިކަލް އޮބްޒަރވަރުންނަށް ބޭސިކް މީޓިއޮރޮލޮޖީ ކޯސް ހިންގެވުމާއި، މި ދާއިރާއިން އާންމުންނާއި، މަދަރުސާތަކުގެ ދަރިވަރުން ހޭލުންތެރި ކުރުވުމުގެ ޕުރޮގުރާމުތައް ހިންގެވުމާއި، ސަރުކާރުގެ ބައެއް މުއައްސަސާތަކުން ހިންގާ ތަމުރީނު ޕުރޮގުރާމުތަކުގައި މައުލޫމާތު ދެއްވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. އަދި މޫސުން ކުރިއަށް ލަފާކުރާ ގޮތް ތައްޔާރުކުރައްވައި، ކަމާބެހޭ ފަރާތްތަކަށާއި ރައްޔިތުންނަށް ފޯރުކޮށްދެއްވުމާއި، ޤުދުރަތީ ކާރިސާތަކުން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށާއި، ތަކެއްޗަށާއި ވަސީލަތްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ބިންހެލުމާ ބެހޭ މައުލޫމާތު ދެއްވުމާއި، މޫސުމާއި ސުނާމީ އިންޒާރު ތައްޔާރުކުރައްވައި، ސަރުކާރުގެ ގުޅުންހުރި އިދާރާތަކަށާއި، މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. ޢަބްދުލްމުޙްސިން ވަނީ، މޫސުމާބެހޭ ސަރަޙައްދީ އަދި ބައިނަލްއަގުވާމީ ޖަލްސާތަކާއި ބައްދަލުވުންތަކުގައި، މޫސުމީ ދާއިރާ ތަމްސީލު ކުރައްވައިފައެވެ. މީގެ އިތުރުން، މޫސުމީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި، އިސް ސަފުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

ޢަބްދުލްމުޙްސިން ރާމިޒް ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، 2004ގެ ސުނާމީއަށްފަހު ދައުލަތުން އުފެއްދެވި "ޓެކްނިކަލް ކޮމިޓީ އޮން އަރލީ ވޯރނިންގ އެންޑް އިމަރޖެންސީ ކޮމިޔުނިކޭޝަން" ކޮމިޓީގައްޔާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ "ޓެކްނިކަލް ކޮމިޓީ"ފަދަ ފަންނީ ކޮމިޓީތަކުގައި މެންބަރެއްގެ ހައިސިއްޔަތުން ފާހަގަކޮށްލެވޭ ގޮތެއްގައި މޫސުމާބެހޭ ދާއިރާ ތަމްސީލު ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ސިވިލް ސަރވިސްގެ ކޮމްޕްލަޔަންސް އޯޑިޓް ޓީމުގައި، 2012 އިން 2014 އަށް ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި އެންވަޔަރަންމަންޓް ދާއިރާގެ ބިޑް ކޮމިޓީގެ ޗެއަރމަންގެ ގޮތުގައިވެސް 15 އަހަރު ޚިދުމަތް ކުރައްވައިފައި ވެއެވެ.