އަލްފާޟިލާ ފާޠިމަތު ރަޝީދާ މޫސާ
މއ. ސަލްވީނިޔާ

ފާޠިމަތު ރަޝީދާ މޫސާ، 1978ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 25ވަނަ ދުވަހު، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، އުމުރުން އެންމެ 15 އަހަރުގައެވެ. ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަނުގެ ޓައިޕިސްޓުގެ ވަޒީފާއިންނެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ކުލާކް ޓައިޕިސްޓް ކަމާއި، ސްޓެނޯ ޓައިޕިސްޓް ކަމާއި، ޓައިޕިސްޓް ގްރޭޑް 1ގެ ވަޒީފާ އަދާކުރެއްވިއެވެ. އެ ޑިޕާޓްމަންޓުގައި ވަޒީފާ އަދާކުރެއްވި މުއްދަތުގައި، ހާޒިރީއަށާއި މަސައްކަތަށް ފަރުވާ ބެހެއްޓެވި މުވައްޒަފެއްކަން އެ ޑިޕާޓްމަންޓުން ފާހަގަކުރައްވައިފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފާޠިމަތު ރަޝީދާ މޫސާ، ޚިދުމަތް ކުރައްވަން ފެށްޓެވީ، 20 ފެބުރުވަރީ 1988 ގައި، ޓައިޕިސްޓް ގްރޭޑް 1ގެ ވަޒީފާގައެވެ. އެ އޮފީހުގެ ވަޒީފާއާ ބެހޭ ސެކްޝަންގައެވެ. އެ ސެކްޝަނުން ފޮނުވަންޖެހޭ ވަޒީފާއާ ބެހޭ ޗިޓުތަކާއި، އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތަކާއި، އިނގިރޭސި ބަހުންނާއި، ދިވެހިބަހުން އަދި ޢަރަބި ބަހުން ޓައިޕް ކުރަންޖެހޭ އެހެނިހެން ލިޔުންތައް ޓައިޕް ކުރުމުގެ މަސައްކަތް، ވަރަށް ހީވާގިކަމާ އެކުގައި ކުރައްވަމުން ގެންދެވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރޭ ޚަބަރުތައް ޓައިޕް ކުރުމުގެ މަސައްކަތްވެސް، އިތުރު މަސައްކަތެއްގެ ގޮތުގައި، 1989ވަނަ އަހަރުން ފެށިގެން ފާޠިމަތު ރަޝީދާ ކުރައްވަމުން ގެންދެވިއެވެ.

ފާޠިމަތު ރަޝީދާ އަދާކުރައްވައިފައިވާ އެހެން މަގާމުތަކުގެ ތެރޭގައި، ސީނިއަރ ކޮމްޕިއުޓަރ އޮޕަރޭޓަރު ކަމާއި، ޗީފް ކޮމްޕިއުޓަރ އޮޕަރޭޓަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ. އަދި، ކޯޑިނޭޓަރު ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓަރު ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފާޠިމަތު ރަޝީދާ ފުރުއްވިއެވެ. 2015ވަނަ އަހަރުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕީޗް އާރކައިވިންގއާ ގުޅޭ މަސައްކަތްތައް އިސްކޮށް ބަލަހައްޓަވަމުން ގެންދަވަނީ، ފާޠިމަތު ރަޝީދާއެވެ. މިހާރު ހުންނެވީ، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

ފާޠިމަތު ރަޝީދާ މޫސާ، ޓައިޕިސްޓެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފަށްޓަވައި، މިހާރުވެސް އެކަމުގައި ދެމިހުންނަވައި، މަސައްކަތުގެ ދާއިރާއިން އެކިއެކި ކުރިއެރުންތައް ހޯއްދަވައިފައިވާކަމީ، ފާޠިމަތު ރަޝީދާގެ ހިތްޕުޅުގައި މި ރޮނގުން ކުރިއަށް ވަޑައިގަތުމަށް އޮތް ޝައުޤުވެރިކަމުގެ ބޮޑުކަމެވެ. ޓައިޕް ކުރުމުގެ މަސައްކަތުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާއިރު، ފާޠިމަތު ރަޝީދާ ފާހަގަކުރެވިފައި ވަނީ، ކުށްނުލައި ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް، ވަރަށް އަވަހަށް ޓައިޕް ކުރައްވާ ޓައިޕިސްޓެއްގެ ގޮތުގައެވެ.

ފާޠިމަތު ރަޝީދާ މޫސާއަކީ، އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންގެ ޓައިޕް ކުރުމުގެ ސްޕީޑް ރަނގަޅު ކުރުވުމަށާއި ބަހުގެ ހަމަތަކާ އެއްގޮތަށް ލިޔުންތައް ޓައިޕްކުރުމާ ގުޅޭގޮތުން އެ މުވައްޒަފުންނަށް އިރުޝާދު ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވި ބައެއް ބޭފުޅުން، އެކިއެކި ރަސްމިއްޔާތުތަކާއި، ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވަމުން ގެންދަވާއިރު، ވާހަކަފުޅު ދައްކަވާ ސްޕީޑުގައި ވަގުތުން ޓައިޕް ކުރައްވަމުން ގެންދަވާކަން އެއީ، ފާޠިމަތު ރަޝީދާއަށް ލިބިވަޑައިގެންފައިވާ ޚާއްޞަ ހުނަރެކެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ޕްރެސް ކޮންފަރެންސްތަކާއި، އެހެނިހެން ޙަފުލާތަކުގައި ދައްކަވާ ވާހަކަފުޅުތައްވެސް ފާޠިމަތު ރަޝީދާ ޓައިޕް ކުރައްވަމުން ގެންދަވައެވެ.

ފާޠިމަތު ރަޝީދާ މޫސާ ކުރައްވާ އިތުރު އެހެން މަސައްކަތްތަކުގެ ތެރޭގައި، ދައުލަތުން ދެއްވާ ޢިއްޒަތާއި، ޤައުމީ އިނާމާއި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޕްރޮފައިލްތައް ޓައިޕް ކުރެއްވުންވެސް ހިމެނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދައްކަވާ ވާހަކަފުޅުތަކުގެ ފޮތް ހެދުމުގެ މަސައްކަތުގައިވެސް މުހިންމު ދައުރެއް ފާޠިމަތު ރަޝީދާ އަދާކުރައްވައެވެ.

ފާޠުމަތު ރަޝީދާ މޫސާ ކުރެއްވި އެންމެ ޚާއްޞަ އެއް މަސައްކަތަކީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ދައުރުގައި، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ޓައިޕް ކުރެއްވުމުގެ މަސައްކަތެވެ. މީގެ އިތުރުން، 1991ވަނަ އަހަރު މާލޭގައި ބޭއްވުނު އަތޮޅުވެރިންގެ ބައްދަލުވުމުގެ ލިޔުންތައް ޓައިޕް ކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމާއި އިޚުލާޞްތެރިކަން ފާހަގަކުރައްވައި، އޭރުގެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އިލްޔާސް އިބްރާހީމް އެކަމުގެ އަގު ވަޒަން ކުރައްވައިފައި ވެއެވެ.

ރަސްމީ ވަޒީފާގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ލިޔުންތެރިންގެ ދީނީ ފޮތްތަކާއި، ވާހަކަ ފޮތްތަކާއި، ރާއްޖޭގައި ހިނގައިފައިވާ ބޮޑެތި ހާދިސާތަކާ ގުޅޭ ލިޔުންތަކާއި، އަދި އެކިއެކި ޅެންވެރިންގެ ޅެންތަކާއި، އެކި މަޖައްލާތަކަށް މަޒުމޫނު ފަދަ ލިޔުންތައް، އެކި ބޭފުޅުންގެ އެދިވަޑައިގަތުމާ ގުޅިގެން، ފާޠިމަތު ރަޝީދާ މޫސާ ހިލޭސާބަހަށް އަދި ބައެއްފަހަރު ކުޑަ އަގެއް ނަންގަވައިގެން ޓައިޕް ކޮށްދެއްވައިފައި ވުމުން، ވަރަށްގިނަ ބޭފުޅުންގެ ލޯތްބާއި އިޙްތިރާމު ލިބިވަޑައިގެންފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ފާޠިމަތު ރަޝީދާ މޫސާއަށް އެކަމުގެ ހަނދާނީ ފިލާ، 2022ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން ޑިރެކްޓަރ ޖެނެރަލާ ދެމެދުގެ މުވައްޒަފުންގެ ތެރެއިން އެންމެ މަޤުބޫލު މުވައްޒަފެއްގެ ގޮތުގައި ފާޠިމަތު ރަޝީދާ ހޮވިވަޑައިގެންފައިވާތީ، އެކަމުގެ އަގު ވަޒަންކުރައްވައި، 2017 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަނދާނީ ލިޔުމެއް ދެއްވައިފައި ވެއެވެ.

ފާޠިމަތު ރަޝީދާ މޫސާ ފާހަގަކުރެވިފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންމެ ގިނަ ދުވަހު، އެއިރެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އެކިއެކި މުނާސަބަތުތަކުގައި ދައްކަވައިފައިވާ ވާހަކަފުޅުތައް ޓައިޕް ކުރެއްވި މުވައްޒަފުގެ ގޮތުގައެވެ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚިދުމަތުގައި މިހާރު ހުންނެވި އެންމެ ގިނަ ދުވަހު ވަޒީފާ އަދާކުރެއްވި އަންހެން މުވައްޒަފަށްވީކަން އެއީ، ފާޠިމަތު ރަޝީދާ މޫސާއަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެއް ޝަރަފެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފާޠިމަތު ރަޝީދާ ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 36 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ދައުލަތުގެ ޚިދުމަތުގައި 45 އަހަރު ވެއްޖެއެވެ.