އަލްފާޟިލް އިބްރާހީމް ރަޝީދު
ހ. ފަތްކުރި

އިބްރާހީމް ރަޝީދު، 1977ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20ވަނަ ދުވަހު ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ އެސިސްޓެންޓް ފީލްޑް އޮފިސަރުގެ ވަޒީފާއިންނެވެ. މިނިސްޓްރީ އޮފް އެގްރިކަލްޗަރގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، ގަސްގަހަށް ޖެހޭ ބަލިތަކަށް ގަހަށް ޖަހާ ބޭސް ތައްޔާރުކުރެއްވުމާއި، ދަނޑުވެރިކަމުގެ ދާއިރާއިން އަތޮޅުތަކުގެ ރައްޔިތުން ހޭލުންތެރި ކުރުވުމަށްޓަކައި މައުލޫމާތު ދެއްވުމާއި، މިނިސްޓްރީން ދޫކުރައްވާ "ލަކުޑި ސިޓީ" ތައްޔާރު ކުރެއްވުމުގެ މަސައްކަތެވެ.

28 އޮގަސްޓު 1988 ން ފެށިގެން 22 މާރިޗު 2024 ގައި ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމައަށް ޚިދުމަތް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޑިރެކްޓަރުގެ މަގާމުގައެވެ. އިބްރާހީމް ރަޝީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތް ކުރެއްވިއިރު، އެ އޮފީހުގައި ތަފާތު ވަޒީފާތައް އަދާކުރައްވައިފައި ވެއެވެ. އެގޮތުން، ކްލެރިކަލް އެސިސްޓެންޓް ކަމާއި، ކީބޯޑު އޮޕަރޭޓަރު ކަމާއި، ސީނިއަރ ކްލެރިކަލް އެސިސްޓެންޓް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރެއްވިއެވެ.

އިބްރާހީމް ރަޝީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންމެ ފުރަތަމަ ކުރައްވައިފައި ވަނީ، ސިޓީ ޑްރާފްޓް ކުރެއްވުމާއި، ޓައިޕް ކުރެއްވުމާއި، ސިޓީތަކަށް ނަންބަރު ނެންގެވުމާއި، ސިޓީތަކުގެ ޚުލާޞާ ލިޔުއްވުމާއި، އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓެވުމާއި، އޮފީސް ހުޅުވައި ލައްޕާ މުވައްޒަފުންނާއި، ޕީ.އޭ.ބީ.އެކްސް. އޮޕަރޭޓުންނާއި، ހެލްޕަރ ސުޕަވައިޒަރުންނާއި، ސެކިއުރިޓީ އޮފިސަރުންނާއި، ގާޑުންނާއި އޮފީހުގައި ކުރަންޖެހޭ ޚާއްޞަ ކަންކަމާ ގުޅިގެން ހަދަންޖެހޭ ޑިއުޓީ ތާވަލުތައް ހެއްދެވުމުގެ މަސައްކަތެވެ. މީގެއިތުރުން، ޖެނެރަލް ސަރވިސަސް އޮފިސަރުންނާއި، މަސައްކަތު މީހުން މަސައްކަތް ކުރަމުންގެންދާ ގޮތް ބެއްލެވުމާއި، އެ މީހުންނާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބެއްލެވުމާއި، އޮފީހުގެ ސާފުތާހިރުކަން ބެލެހެއްޓުމަށްޓަކައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުވުން ހިމެނެއެވެ.

އިބްރާހީމް ރަޝީދު އެންމެ ދިގު މުއްދަތަކަށް ކުރައްވައިފައި ވަނީ ފައިލިންގއާއި އާކައިވިންގގެ މަސައްކަތްތަކެވެ. މިގޮތުން، އޮފީހުގެ ތަފާތު ޔުނިޓުތަކުން މާސްޓަރ ފައިލަށް ފޮނުވާ ލިޔުންތައް، ވަކި ތަރުތީބެއްގެ ދަށުން ރަޖިސްޓަރީކޮށް، އެ ތަކެތި ފައިލް ކުރުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި، އޮފީހުގެ އެކިއެކި އިމާރާތްތަކުގައި ހުރި ގިނަ ދުވަސްވީ ލިޔުންތައް ދިގު މުއްދަތަކަށް ރައްކާކުރެވޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގައި އިބްރާހީމް ރަޝީދުގެ ހިއްސާ ވަރަށް ބޮޑެވެ.

އިބްރާހީމް ރަޝީދު ކުރެއްވި ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތަށް އަކިރި ހަދިޔާކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން އަކިރި ހަދިޔާކުރުމުގެ މަސައްކަތުގައްޔާއި، އެކިއެކި މުނާސަބަތުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުންތަކުގެ ދަޢުވަތު ކާޑު ލިޔުއްވުމާއި، ފޮނުއްވުމާއި، އެހެނިހެން އިންތިޒާމުތައް ހަމަޖެއްސެވުމުގައި އިބްރާހީމް ރަޝީދު ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އެކިއެކި ދަރިފަސްކޮޅުތަކުގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތާއި، ރާއްޖޭގައި ފުރަތަމަ ބޭއްވުނު ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާރކް) ސަމިޓަށް ތައްޔާރުކުރެއްވި "ދަރުބާރުގެ" ޒީނަތްތެރިކުރުމުގެ މަސައްކަތްތަކާއި، 2011ވަނަ އަހަރު އައްޑުއަތޮޅުގައި ބޭއްވުނު ސާރކް ސަމިޓުގެ އެކިއެކި އިންތިޒާމުތައް ހަމަޖެއްސެވުން ފަދަ ގިނަ މަސައްކަތްތަކެއްގައި އިބްރާހީމް ރަޝީދު ބައިވެރިވެވަޑައިގެންފައި ވެއެވެ.

45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާއިރު، އިބްރާހީމް ރަޝީދު ފާހަގަކުރެވިފައި ވަނީ، މުވައްޒަފުންނާ ގާތުން މަސައްކަތް ކުރެއްވި، އަދި ހަވާލުކުރެވޭ މަސައްކަތްތައް ކުރެއްވުމުގައި، އޮފީހުގެ އުސޫލުތަކަށާއި ސުޕަވައިޒަރުންނާއި، އޮފީހުގެ އެންމެ އިސްވެރިންގެ އިރުޝާދުތަކާ އެއްގޮތަށް، ޒިންމާދާރުކަމާ އެކުގައި މަސައްކަތް ކުރެއްވި، ގަޑިއަށް ފަރުވާ ބެހެއްޓެވި، މަސައްކަތުގައި ރީތި ނަމޫނާ ދެއްކެވި ބޭފުޅެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މެދުކެނޑުމެއްނެތި 33 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އިބްރާހީމް ރަޝީދަށް ވަނީ އެކަމުގެ ހަނދާނީ ފިލާ 2022ވަނަ އަހަރު އަރުވައިފައެވެ.