އަލްފާޟިލް އިސްމާޢީލް ޝަރީފު
ދަފްތަރު. ނަންބަރު ރސ 4348، މާލެ

އިސްމާޢީލް ޝަރީފު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 6 ޖޫން 1978ގައި، އުމުރުން 16 އަހަރުގައެވެ. އިސްމާޢީލް ޝަރީފު މެދުނުކެނޑި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 45 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ ޕިޔޯނު ކަމުގެ ވަޒީފާއެވެ. އޭގެފަހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނު ކަމާއި، މުލީއާގޭ 2 ނަންބަރު ޕިޔޯނު ކަމާއި، 1 ނަންބަރު ޕިޔޯނު ކަމާއި، ސުޕަވައިޒަރުކަން ކުރައްވައިފައި ވެއެވެ. އަދި ރިޔާސީ ގަނޑުވަރުގެ ޖެނެރަލް ސަރވިސް އޮފިސަރ ގްރޭޑް 1 ކަމާއި، ޖެނެރަލް ސަރވިސް އޮފިސަރ ގްރޭޑް 2 ކަމާއި، ޖެނެރަލް ސަރވިސް ސުޕަވައިޒަރު ކަމާއި، ޖެނެރަލް ސަރވިސް ސުޕަވައިޒަރ ގްރޭޑް 2ގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ.

އިސްމާޢީލް ޝަރީފު، މުލީއާގެއާއި ރިޔާސީ ގަނޑުވަރުގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، ރިޔާސީ ގަނޑުވަރުގެ އެތެރޭގައި ކުރަންޖެހޭ ކަންތައްތަކާއި، މުޅި އިމާރާތުގެ އެތެރެއާއި ބޭރު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާގެ ބޭފުޅުންނަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދެއްވުން ހިމެނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައްޔާއި، ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާއަށް ދޭންޖެހޭ ޚިދުމަތްތައް ވަރަށް ފަރުވާތެރިކަމާއެކުގައި ދެއްވައިފައި ވެއެވެ.

އިސްމާޢީލް ޝަރީފު، 1 ޖުލައި 2009 ން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖެނެރަލް ސަރވިސް ސުޕަވައިޒަރ ގްރޭޑް 2 ކަމެވެ. މި ވަޒީފާގައި ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހައުސް ކީޕިންގގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމާއި، އޮފީސް ހުޅުވައި ލެއްޕުމުގެ މަސައްކަތް ކުރެއްވުމުގެ އިތުރުން، ޖަސްޓިސް ބިލްޑިންގގެ ހައުސް ކީޕިންގގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުން ހިމެނެއެވެ. މީގެއިތުރުން، ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ޝައްވާލް މަހަށް ހަނދު ބެލުމަށް ބާއްވާ ޖަލްސާތަކަށް ތަން ތައްޔާރުކުރެއްވުމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޤަޟާއީ އަހަރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަވަމުން ގެންދަވާ ޖަލްސާ ބޭއްވުމުގެ އެންމެހައި ތައްޔާރީތައް ކުރެއްވުން ހިމެނެއެވެ. އަދި މެޖިސްޓްރޭޓުންނާއި ފަނޑިޔާރުން ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތު ބާއްވާ ތަން ތައްޔާރުކުރެއްވުމުގެ މަސައްކަތްވެސް އިސްމާޢީލް ޝަރީފު ކުރައްވަމުން ގެންދަވައެވެ.

އިސްމާޢީލް ޝަރީފަކީ، އޮފީހުން ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއި ހީވާގިކަމާއެކުގައި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.