އަލްފާޟިލް މުޙައްމަދުމަނިކު
ހ. ގޯލްޑްވިލާ

މުޙައްމަދުމަނިކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 23 މާރިޗު 1978 ގައެވެ. ލައިންސްމަން އެސިސްޓެންޓްގެ މަގާމުން ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގައި ޚިދުމަތް ފެށްޓެވީއްސުރެ މިއަދާ ހަމަޔަށްވެސް ހުންނެވީ، ސްޓެލްކޯގެ ޚިދުމަތުގައެވެ. މިހާރުގެ ނަމުންނަމަ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓުގެ ސަރވިސް އިންޖިނިއަރގެ މަގާމުގައެވެ. ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 46 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި، ތަފާތު މަގާމުތައް ވަނީ ފުރުއްވައިފައެވެ. އެގޮތުން، ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީގެ ލައިންސްމަން ކަމާއި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ސީނިއަރ ލައިންސްމަން ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމާއި، ސުޕަވައިޒަރ ކަމާއި، ސީނިއަރ ސުޕަވައިޒަރކަން ކުރައްވައިފައި ވެއެވެ. އަދި ސްޓެލްކޯގެ ސީނިއަރ ސުޕަވައިޒަރ ކަމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމާއި، އިންޖިނިއަރގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، މުޙައްމަދުމަނިކު ވަނީ މަސައްކަތުގެ މާޙައުލުގައި ތަފާތު އެތައް ތަޖުރިބާތަކެއް ކުރައްވައިފައެވެ. އަދި މުޅި މާލެއިން ކަރަންޓް ކެނޑިގެންދާ ހާލަތްތަކުގައި، ވީހާވެސް އަވަހަކަށް ކަރަންޓް ދިނުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. މުޙައްމަދުމަނިކު ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މާލޭގެ މަގުތަކުގައި މަތިން ދަމާފައިވާ ކަރަންޓް ކޭބަލް ލައިންތައް ވަޅުލުމަށް 1991ވަނަ އަހަރުގެ ތެރޭގައި ފެށި މަސައްކަތްތަކުގައި މުޙައްމަދުމަނިކު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވުމާއި، ޑިސްޓްރިބިއުޝަން ނެޓްވަރކަށް ގެންނަންޖެހުނު ބަދަލުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި، މުޙައްމަދުމަނިކު އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، 5ވަނަ ސާރކް ސަމިޓަށް މާލެ ދިއްލުމުގެ މަސައްކަތްތަކުގައްޔާއި، މިނިވަން 25އާ ގުޅިގެން ކުރަންޖެހުނު މަސައްކަތްތަކުގައިވެސް މުޙައްމަދުމަނިކު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. 2014ވަނަ އަހަރު އެމް.ޑަބްލިޔޫ.އެސް.ސީ.ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، މުޅި މާލެއިން ފެނުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ކަރަންޓް ޕަވަރ ސިސްޓަމް އަލުން އިއާދަކުރުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތްތަކެއްގައި މުޙައްމަދުމަނިކު ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، މުޙައްމަދުމަނިކު ވަނީ ސްޓެލްކޯއަށް ވަރަށް އިޚުލާޞްތެރިކަމާ އެކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން އިޞްލާޙީ ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. މުޙައްމަދުމަނިކު ފާހަގަކުރެވިފައި ވަނީ، މަސައްކަތުގެ އަޚުލާޤު ހިފެހެއްޓެވި، މުވައްޒަފުންނާ ގުޅިގެން ޚިދުމަތް ކުރެއްވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.

މުޙައްމަދުމަނިކަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، މަސައްކަތުގެ މާޙައުލުގައި މުޙައްމަދުމަނިކު ފާހަގަކުރެވިފައި ވަނީ މުވައްޒަފުންނާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާ، އޯގާތެރި، ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. މުޙައްމަދުމަނިކުގެ ބެއްލެވުމުގެ ދަށުން، މަސައްކަތްތަކުގެ ހުނަރާއި ތަމްރީނު ލިބުނު ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު ކުންފުނީގެ ޚިދުމަތުގައި ތިބިކަން އެއީ، މުޙައްމަދުމަނިކަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ. 

ރާއްޖެއަށް ކަރަންޓުގެ ޚިދުމަތް ތަޢާރުފުވިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، އާންމު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ނުހަނު ހީވާގިކަމާއެކުގައި މަސައްކަތް ކުރައްވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރައްވައި މުޙައްމަދުމަނިކަށް ސްޓެލްކޯއިން ހަނދާނީ ފިލައެއް ދެއްވައިފައިވާކަންވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.