އަލްފާޟިލާ މަރްޔަމް ރަޝީދާ
ހ. ސީގަލްގެ

މަރްޔަމް ރަޝީދާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގެ ޓައިޕިސްޓް ކަމުގެ މަގާމުގައި 27 އެޕްރީލް 1978 ގައެވެ. ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި މަރްޔަމް ރަޝީދާ މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމުގައެވެ.

ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ޓައިޕިސްޓް ގްރޭޑް 1 ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ގްރޭޑް 3 ކަމާއި، ސެކްރެޓެރީ ގްރޭޑް 1 ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

މަރްޔަމް ރަޝީދާ، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން، މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވީ، އެކިއެކި އޮފީސްތަކަށް ފޮނުވާ ސިޓީ ޓައިޕް ކުރެއްވުމާއި، ފޮނުއްވުމާއި، ހެލްތު ސެންޓަރުތަކަށް ފޮނުވަންޖެހޭ ބޭސް ފޮނުއްވުމުގެ މަސައްކަތެވެ. 2 އެޕްރީލް 1981 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ބަދަލުވެވަޑައިގެން، އެތާނގައިވެސް ތަފާތު ލިޔުންތަކާއި ސިޓީފަދަ ތަކެތި ލިޔުއްވައި ފޮނުއްވުމާއި، އިދާރީ މަސައްކަތާއި، މުވައްޒަފުންގެ އަހަރީ ޗުއްޓީ ބެލެހެއްޓެވުމާއި، އޮފީހުގެ ވަޒީފާއަށް އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނާ އިންޓަރވިއު ކުރެއްވުމުގެ މަސައްކަތާއި، އެ މީހުންނަށް ވަޒީފާ ހަމަޖެއްސެވުމުގެ މަސައްކަތެވެ. އަދި ޝަރީޢަތުގެ މަޖިލީހުގައި ދެކެވޭ ވާހަކަތައް މަޙްޟަރު ކުރުމާއި، ޝަރީޢަތްތައް ފޮތުގައި ލިޔުއްވުމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ އުއްތަމަ ފަނޑިޔާރާއި، އެހެނިހެން ފަނޑިޔާރުން ހަވާލުކުރައްވާ މަސައްކަތް ކުރެއްވުމާއި، އިސް ފަނޑިޔާރުންގެ ބިއުރޯގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރެއްވުމާއި، އޮފީހުގެ މެއިންޓެނަންސާ ގުޅިގެން ކުރަންޖެހޭ ކަންކަން އިސްކޮށް ބެލެހެއްޓެވުމުގެ މަސައްކަތެވެ. މިހާރު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ޝަރީޢަތުގެ މަޖިލީހުގައި ދެކެވޭ ވާހަކަތަކުގެ ރެކޯޑު އަޑުއައްސަވައިގެން ލިޔުއްވުމާއި، ބަޔާންތައް އަޅައިކިޔުއްވުމުގެ މަސައްކަތާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ތައްޔާރުކުރައްވައި ދޫކުރެއްވުމާއި، ޝަރީޢަތުން ނިމޭ މައްސަލައިގެ ލިޔުންތައް ހަމަކޮށް، ތަރުތީބުކޮށް، ފައިލް ކުރެއްވުން ހިމެނެއެވެ.

މަރްޔަމް ރަޝީދާ ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، 1988ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލައާ ގުޅިގެން ހިންގުނު ތަޙުޤީޤު ބަޔާންތައް ޓައިޕް ކުރެއްވުމާއި، އެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 3 ނޮވެންބަރުގެ ފޮތުގެ ލިޔުންތައް ޓައިޕް ކުރެއްވުން ހިމެނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވައިލެއްވި، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ޓައިޕް ކުރެއްވުމުގެ މަސައްކަތުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަރްޔަމް ރަޝީދާ، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ ދިގު މުއްދަތުގެ ތެރޭގައި، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމަ އެއާއެކު، އެކިއެކި ކަންކަމުގައި އޮފީހަށް އަންނަ ފަރާތްތަކަށްވެސް، އެކަންކަމުގައި ޢަމަލުކުރެވެން އޮންނަގޮތް އޮޅުންފިލުއްވައި ދެއްވައި، ކުރިއަށްދާންވީ ގޮތުގެ އިރުޝާދު ދެއްވަމުން ގެންދަވައެވެ.

މަރްޔަމް ރަޝީދާއަކީ، ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެކެވެ.

މަރްޔަމް ރަޝީދާ ވަޒީފާ އަދާކުރެއްވި މުއްދަތުގެ ތެރޭގައި، ޝަރުޢީ ދާއިރާގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވި އެވޯޑުވެސް ވަނީ ލިބިވަޑައިގެންފައެވެ.