ޢަބްދުﷲ ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، 18 އެޕްރީލް 1976 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ގަވަރންމަންޓް ޓޫރިސްޓް ބޯޑުގެ ޕިޔޯނު ކަމެވެ. އޭގެފަހުން، އެސް.ޓީ.އޯ.ގެ 2 ނަންބަރު ކާތިބު ކަމާއި، ކަސްޓަމްސްގެ 2 ނަންބަރު ކާތިބުކަން ކުރެއްވިއެވެ. 6 މާރިޗު 1978 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ފެށްޓެވީ 21 ނޮވެންބަރު 1978ގައި، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާޓްމަންޓުގެ ކާތިބު ކަމުގެ މަގާމުންނެވެ. 27 ޖަނަވަރީ 1980 ގައި އެ ޑިޕާޓްމަންޓުގެ ސެކްރެޓެރީ ކަމުގެ މަގާމަށް ބަދަލުކުރެއްވިއެވެ. 10 ޖަނަވަރީ 1981 ގައި އެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، ފުލުސް ކޯޓުގެ ސެކްރެޓެރީ ކަމުގެ މަގާމުން ޚިދުމަތް ފެށްޓެވީ 2 މާރިޗު 1981 ގައެވެ.
ދިވެހި ދައުލަތަށް މިހާތަނަށް 47 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޢަބްދުﷲ ޙަސަން މިހާރު ހުންނެވީ، މާލޭ ސިޓީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ.
ޢަބްދުﷲ ޙަސަން އަދާކުރެއްވި އެހެން ވަޒީފާތަކުގެ ތެރޭގައި، ފުލުސް ކޯޓުގެ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، ކޯޓު ނަންބަރު 6ގެ ސީނިއަރ ސެކްރެޓެރީ ކަމާއި، މާލޭ މުނިސިޕަލްޓީގެ ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. މީގެއިތުރުން، މާލޭ ސިޓީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމާއި، މާލޭ ސިޓީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ޢަބްދުﷲ ޙަސަން، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން، މަގާމުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި އިދާރާތަކަށް ފޮނުއްވާ ސިޓީފަދަ ތަކެތި، އެ ފަރާތްތަކާ ހަވާލުކުރެއްވުމާއި، އެކިއެކި އޮފީސްތަކަށް ފޮނުއްވާ ސިޓީފަދަ ލިޔުންތައް ލިޔުއްވުމާއި، މައްސަލަތަކާ ގުޅުންހުރި މީހުން ޝަރީޢަތަށް ހާޒިރު ކުރެއްވުމާއި، ބަންދެއްގައި ބަހައްޓައިގެން ޙުކުމެއް ތަންފީޒު ކުރަންޖެހޭ މީހުން، ޕްރިޒްންސް ޑިވިޜަނާ ހަވާލުކުރެއްވުން ހިމެނެއެވެ. އަދި ބައިކުރަންޖެހޭ ގޯތިތައް ބައިކުރުމަށްޓަކައި، އިން ފާހަގަ ޖައްސަވައި ދެއްވުމާއި، މާލޭގެ ގޭގެއަށް ރަށްވެހިންގެ ރަޖިސްޓަރީ ހައްދަވައި ދެއްވުމާއި، މާލޭގައި އުފަންވާ ކުދިންނާއި، ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތުންނަށް ލިބޭ ކުދިންގެ އުފަން ދުވަހުގެ ސެޓުފިކެޓު ހައްދަވައި، ރަށްވެހިންގެ ރަޖިސްޓަރީއަށް އިތުރުކުރެއްވުމާއި، މާލެއަށް އުފަން މާލޭގެ ރަށްވެހިންގެ ތެރެއިން ރަށްވެހިވާނެ ގެއެއް ނެތް މީހުންނާއި ކުދިން، މާލޭގެ ޚާއްޞަ ދަފުތަރުގައި ޖެއްސުމަށްފަހު، ދަފުތަރު ރަޖިސްޓަރީ ދޫކުރެއްވުމާއި، ރަށްރަށުން މާލޭގެ ރަށްވެހިކަމަށް ބަދަލުކުރައްވާ މީހުންނަށް މާލޭގެ ރަށްވެއްސަކަށް ވުމުގެ ސެޓުފިކެޓު ދޫކުރެއްވުމާއި، މުވައްޒަފުން އޮފީހުގެ ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.
ޢަބްދުﷲ ޙަސަން ކުރައްވައިފައިވާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، ޚިދުމަތް ހޯދަން އަންނަ މީހުން ހިތްހަމަޖެހޭ ގޮތަށް، ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަވަސް ގޮތެއްގައި ޚިދުމަތް ދެއްވަމުން ގެންދެވުމާއި، މާލޭގެ ގޭގޭގެ ރަށްވެހިންގެ ރަޖިސްޓަރީތަކާއި، ޚާއްޞަ ދަފުތަރު ރަޖިސްޓަރީތަކާއި، މާލޭގެ ރަށްވެއްސަކަށް ވުމުގެ ސެޓުފިކެޓުތަކާއި، މިކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް، ވަރަށް ފަސޭހަކަމާ އެކުގައި ހޯދޭނެގޮތަށް ތަރުތީބު ކުރައްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި މިއީ، ޢަބްދުﷲ ޙަސަން ވަރަށް ރަނގަޅަށް ކުރައްވައިފައިވާ މަސައްކަތެއްކަން އޮފީހުގެ ވެރިންވެސް ބަލައިގެންފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ޢަބްދުﷲ ޙަސަން، ވަޒީފާ އަދާކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ބޭއްވެވި ސްޓާފް ނައިޓުގައި، އޮފީހަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، އެ އިދާރާއަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާތީ ދެއްވި ހަނދާނީ ލިޔުމާއި، ފައިސާގެ އިނާމު ވަނީ ލިބިވަޑައިގެންފައެވެ.
ޢަބްދުﷲ ޙަސަނަކީ، ޤާނޫނާއި ގަވާއިދުތަކަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި، މުވައްޒަފުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެކެވެ.