އަލްއުސްތާޛު ޙަސަންމަނިކު
ކަންމަތީގެ ގދ. ހޯނޑެއްދޫ

 އަލްއުސްތާޛު ޙަސަންމަނިކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 9 މާރިޗު 1978 ގައެވެ. ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޙަސަންމަނިކު މިހާރު ހުންނެވީ، މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ޙަސަންމަނިކު އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، އަމީނިއްޔާ ސްކޫލްގެ 2 ނަންބަރު ކާތިބު ކަމާއި، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ 2 ނަންބަރު ކާތިބު ކަމާއި، އޯޑިޓް އޮފީހުގެ އެސިސްޓެންޓް އެކައުންޓެންޓް ކަމާއި، އެ އޮފީހުގެ އޯޑިޓް އެކައުންޓެންޓް ކަމާއި، މުލީއާގޭ އެކައުންޓެންޓް ކަމާއި، އޯޑިޓް އޮފީހުގެ ސީނިއަރ އޯޑިޓް އެކައުންޓެންޓް ކަމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އޮފީސް އެސިސްޓެންޓް ކަމާއި، އަދި ޕްރޮޖެކްޓްސް ކޯޑިނޭޓަރުކަން ހިމެނެއެވެ. މީގެއިތުރުން، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ނޭޝަނަލް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، އެ ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ހިމެނެއެވެ.

އަލްއުސްތާޛު ޙަސަންމަނިކު ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ދައުލަތުގެ އާމްދަނީގެ މަސްދުވަހުގެ މާލީ ހިސާބުގެ ތަފުސީލުތައް ދިމާކޮށް، އަތުން ރީތިކޮށް ލިޔުއްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވުމާއި، ބަޖެޓުގެ މަސައްކަތްކުރާ މުވައްޒަފުންނަށް އިރުޝާދު ދެއްވުމާއި، އިދާރީ ހިންގުމާބެހޭ ކަންކަން ހިމެނެއެވެ.

މި މަސައްކަތްތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެނީ 1998ވަނަ އަހަރު އޭދަފުށީގައި ބޭއްވުނު އަތޮޅުވެރިންގެ 9ވަނަ ބައްދަލުވުމުގެ އިދާރީ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދެވީ، ޙަސަންމަނިކުގެ އިރުޝާދާއި ބެއްލެވުމުގެ ދަށުން ކަމެވެ. އެ ބައްދަލުވުމުގެ އިންތިޒާމުތައް އެހާ ރަނގަޅަށް ގެންދަވާފައި ވުމާއެކު، އޭރުގެ މިނިސްޓަރު އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު، ޙަސަންމަނިކާ ބައްދަލުކުރައްވައި، އެ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރެއްވިކަން ފާހަގަކޮށްލަންޖެހެއެވެ. މި ފަހުގެ ތާރީޚަށް ބަލާއިރު، މުޅި ދުނިޔެއަށް ފެތުރުނު ޢާލަމީ ވަބާ ކަމުގައިވާ، ކޯވިޑް-19 ގައި މިނިސްޓްރީ އޮފް ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް ކަމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވުމަކީވެސް ޙަސަންމަނިކުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނުނު މުހިންމު ކަމެކެވެ.

އަލްއުސްތާޛު ޙަސަންމަނިކަކީ، އިޖުތިމާޢީ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، 1982ވަނަ އަހަރު ޒުވާނުންގެ މަރުކަޒުގައި ޒުވާނުންގެ ލީޑަރެއްގެ ގޮތުން ކުރެއްވި މަސައްކަތް ފާހަގަކޮށްލެވެއެވެ. އޭގެތެރެއިންވެސް ފާހަގަކޮށްލެވެނީ، 1985ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ ޒުވާނުންގެ އަހަރުގެ ހަރަކާތްތަކާ ގުޅޭގޮތުން ތުލުސްދޫގައި ހިންގި ކޭމްޕް އޯގަނައިޒް ކުރުމުގެ މަސައްކަތެވެ. މި ކޭމްޕްގައި ބޭރުގެ ޤައުމުތަކުންނާއި، ރާއްޖޭގެ ކޮންމެ އަތޮޅަކުން ދެ ޒުވާނުން ބައިވެރިވެފައި ވެއެވެ. މީގެއިތުރަށް، 1986ވަނަ އަހަރު ހިންގެވި ޒުވާނުންގެ މިއުޒިކީ ޢީދުގެ މަސައްކަތަކީވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

މީގެއިތުރަށް، ޙަސަންމަނިކުގެ މަސްއޫލުވެރިކަމުގެ ދަށުން ހޯނޑެއްދޫ ޒުވާނުންގެ ކުލަބު، 1986ވަނަ އަހަރު އުފައްދައި، ފަހުން "ހޯނޑެއްދޫ އެސޯސިއޭޝަން ފޮރ ޑިވެލޮޕްމަންޓް"ގެ ނަމުގައި އެ ޖަމުޢިއްޔާ ހިންގެވުމުގައި، 2005ވަނަ އަހަރާ ހަމަޔަށް ދެމިހުންނެވިއެވެ.