އަލްފާޟިލާ ޝަހީމާ މުޙައްމަދު
މ. ލަންސިމޫގެއާގެ (ފްލެޓް 01-03)

ޝަހީމާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 15 އޮގަސްޓު 1976 ގައެވެ. ދިވެހި ދައުލަތަށް 47 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޝަހީމާ މުޙައްމަދު މިހާރު ހުންނެވީ، ސިވިލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަގާމުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ޕަބްލިކް މެއިންޓެނަންސް ޑިވިޜަނާއި، ސްޕޯޓްސް ޑިވިޜަންގެ ކާތިބާ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތުގެ ކާތިބާ ކަމުގެ މަގާމާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)ގެ މެޑިކަލް ސަޕްލައި ޑިޕާޓްމަންޓުގެ ސެކްރެޓެރީ ކަމުގެ މަގާމާއި، ކޯޓު ނަންބަރު 3ގެ ސީނިއަރ ސެކްރެޓެރީ ކަމުގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމާއި، މަދަނީ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމާއި، އާއިލާއާ ބެހޭ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމާއި، މަދަނީ ކޯޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ޝަހީމާ މުޙައްމަދު، ދައުލަތުގެ ވަޒީފާއާ ގުޅިވަޑައިގެން، މަގާމުގެ ހައިސިއްޔަތުން ފުރަތަމަ ކުރެއްވި މަސައްކަތްތަކަކީ، އެކިއެކި އޮފީސްތަކަށް ފޮނުވާ ސިޓީތައް ލިޔުއްވުމާއި، ފޮނުއްވުމުގެ މަސައްކަތާއި، ކުޅިވަރާ ބެހޭގޮތުން ކުލަބުތަކަށް އަންގަންޖެހޭ އެންގުންތައް އެންގެވުމާއި، އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުގެ ލިސްޓުތައް ކުލަބުތަކުން ފޮނުއްވުމުން، ލިސްޓުތައް ޗެކް ކުރެއްވުމާއި، ކޮންމެ މުބާރާތެއް ނިމުމުން، އެ މުބާރާތް ހިނގައިދިޔަ ގޮތުގެ ރިޕޯޓު ތައްޔާރުކުރެއްވުމުގެ މަސައްކަތެވެ. އޭގެފަހުން، ވަޒީފާއަށް އައި ބަދަލާ ގުޅިގެން އެސް.ޓީ.އޯ. މެޑިކަލް ސަޕްލައިޒް ޑިޕާޓްމަންޓުގެ ވަޒީފާ އަދާކުރެއްވިއިރު، ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ބޭހުގެ ބިލުތައް ހައްދަވައި، އެކިއެކި ބޭސްފިހާރަތަކަށް ބޭސް ދޫކުރެއްވުމާއި، ބޭސް ރައްކާކުރާ ގުދަންތަކުގެ ހިސާބު ބެލެހެއްޓެވުމާއި، ސްޓޮކުން މަދުވާ ބޭސްތަކުގެ ލިސްޓު ނަންގަވައި، އޯޑަރު ކުރެއްވުމަށް ހަވާލުކުރެއްވުން ހިމެނެއެވެ.

އޭގެފަހުން، ޝަރުޢީ ދާއިރާއަށް ވަޒީފާ ބަދަލުކުރެއްވުމާ ގުޅިގެން މިއަދާ ހަމަޔަށް ކޯޓުގައި ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ކޯޓުން ދޫކުރެވޭ ޝަރުޢީ އެކިއެކި ލިޔުންތައް ޗެކްކުރައްވައި ދޫކުރެއްވުމާއި، ޝަރީޢަތުން ނިމޭ މައްސަލަތަކުގެ ހިސާބު ބެލެހެއްޓެވުމާއި، ކޯޓުން ނެރޭ އަމުރުތަކުގެ ހިސާބު ބެލެހެއްޓެވުމާއި، ނިމޭ މައްސަލަތަކުގެ ލިސްޓު ތައްޔާރުކުރައްވައި ބެލެހެއްޓެވުމެވެ.

ޝަހީމާ މުޙައްމަދު މި މަސައްކަތްތައް ކުރައްވަމުން ގެންދަވާތާ މިހާ ދިގު މުއްދަތެއް ވެފައިވާއިރު، ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ސަރުކާރުގެ ވަޒީފާގައި މި ހޭދަވި 47 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، އެއްވެސް ދުވަހެއްގައި ގަޑިޖެހިފައިނުވާ ކަމެވެ.

ޝަހީމާ މުޙައްމަދަކީ، އެކިއެކި ކަންކަމުގައި ކޯޓުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށްވެސް އެކަންކަމުގައި ޢަމަލުކުރަން އޮންނަ އެންމެ ރަނގަޅު ގޮތް އޮޅުންފިލުއްވައި ދެއްވަމުން ގެންދަވާ، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތްތެރިއެކެވެ. މިގޮތުން، ސިވިލް ކޯޓުގެ އެންމެ ހީވާގި މުވައްޒަފު ކަމުގެ ޝަރަފު ލިބިވަޑައިގެންފައި ވުމާއި، ހާޒިރީން ނަމޫނާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައި ވެއެވެ. އަދި، ޝަހީމާ މުޙައްމަދު ކުރައްވަމުން ގެންދަވާ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ކުރިން ވަޒީފާ އަދާކުރެއްވި އޮފީސްތަކުންނާއި، މިހާރު ވަޒީފާ އަދާކުރައްވަމުން ގެންދަވާ ސިވިލް ކޯޓުންވެސް އެކިފަހަރުމަތިން ވަނީ، ހަނދާނީ ލިޔުން ލިބިވަޑައިގެންފައެވެ.