ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޢަދުނާން އަނީސް، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 21 ޑިސެންބަރު 1987 ގައި، އެން.އެސް.އެސް.ގެ ޕްރައިވެޓެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، އެން.އެސް.އެސް.ގެ ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓްކަން ކުރައްވައިފައި ވެއެވެ. 1 ސެޕްޓެންބަރު 2004ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ، މޯލްޑިވްސް ޕޮލިސް ސަރވިސްގައެވެ. އަދި މިހާރު ދިވެހި ފުލުހުންގެ ޚިދުމަތުގައެވެ. އެގޮތުން، ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރ ކަމާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ކަމާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ކަމާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ. މިހާރު ހުންނެވި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ކަމުގެ ރޭންކުގައި ޚިދުމަތް ކުރައްވަމުން ގެންދަވަނީ، 1 ނޮވެންބަރު 2021ން ފެށިގެންނެވެ.
މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އިބްރާހީމް ޢަދުނާން އަނީސް ވަނީ އެން.އެސް.އެސް.އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދި މިހާރު ދިވެހި ފުލުހުންގެ ޚިދުމަތުގައި އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވައިފައެވެ. މިގޮތުން، އެން.އެސް.އެސް.ގެ ކޯސްޓްގާޑްގައްޔާއި، އެން.އެސް.އެސް. ހދ.ކުޅުދުއްފުށީ މަރުކަޒުގައްޔާއި، ފޭދޫފިނޮޅު ޑިޓެންޝަން ޔުނިޓުގައްޔާއި، އެން.އެސް.އެސް.ގެ ޓްރާންސްޕޯޓް ސަރވިސްގައްޔާއި، މާފުށީ ޕްރިޒަން ސެކިއުރިޓީގައްޔާއި، މާލޭ ޑިޓެންޝަން ސެންޓަރުގައްޔާއި، ލޮޖިސްޓިކް ސަޕޯޓް ޑިޕާޓްމަންޓްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކްޓިންގ ހެޑް އޮފް މެރިން ފްލީޓް ޑިޕާޓްމަންޓް ކަމާއި، ހެޑް އޮފް މެރިން ޕޮލިސްގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނީ ވާޖިބުތަކާއި ލަނޑުދަނޑިތައް ހާސިލުކުރެއްވުމަށްޓަކައި މެރިން ޕޮލިސް އިން ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް ކުރުމުގައްޔާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައްޔާއި، ކަނޑުމަތީގައި ހިނގާ ހާދިސާތަކަށް ރައްކާތެރިވެ، އެކަންކަން ބައްލަވައި، އެފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި އިބްރާހީމް ޢަދުނާން އަނީސް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. މީގެއިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކުން އެދޭ ކަނޑުދަތުރުތައް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެއްވުމާއި، ދިވެހި ރައްޔިތުންނަށް ދުރާއި ގާތުން އެންމެ އަވަސް ގޮތަކަށް ކަނޑުމަގުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭން ޖެހިއްޖެ ކޮންމެ ޙާލަތެއްގައި، އެ ޚިދުމަތެއް އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދެއްވުމާއި، ކަނޑުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުން ޤައުމަށާއި ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދެއްވުމުގައިވެސް އިބްރާހީމް ޢަދުނާން އަނީސް މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި ހިނގާ އެކްސިޑެންޓްތަކާއި، ކަނޑުމަތީގައި ހިންގާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށާއި، އެފަދަ ޢަމަލުތައް ތަޙުޤީޤު ކުރެއްވުމަށާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަން އާންމު ރައްޔިތުންނަށް އަންގަވައި ދެއްވުމަށާއި، ހޭލުންތެރިކުރުވުމަށް އިބްރާހީމް ޢަދުނާން އަނީސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގައި އެން.އެސް.އެސް.ގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިބްރާހީމް ޢަދުނާން އަނީސް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 9 ކުލައާއި،9 މެޑެލް ވަނީ ލިބިވަޑައިގެންފައެވެ. އެގޮތުން، ލިބިވަޑައިގެންނެވި ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، އަޚްލާޤީ ކުލަ، ފުލުހުންގެ ޚިދުމަތުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ކާމިޔާބުގެ ކުލަ ހިމެނެއެވެ. އަޚްލާޤީ ކުލަ، ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، ފުލުހުންގެ ޚިދުމަތުގެ މެޑެލް، އަޚްލާޤީ މެޑެލް، ޖުމްހޫރީ 50ގެ މެޑެލް، މިނިވަން 50ގެ މެޑެލް، ސުނާމީ ކާރިސާގެ މެޑެލް، ފުލުހުންގެ މެޑެލް، ސައްތައިގެ މެޑެލް އަދި 3 ނޮވެންބަރުގެ މެޑެލް ހިމެނެއެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޢަދުނާން އަނީސް ވަނީ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދު (އެކްސްކްލޫސިވް އިކޮނޮމިކް ޒޯން) ބެލެހެއްޓެވުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ އުޅަނދުފަހަރުގައި ނުކުމެވަޑައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، ރާއްޖޭގެ ކަނޑުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންގެންދިޔަ ގިނަ އަދަދެއްގެ ބޯޓުފަހަރު ހިފަހައްޓައި، ކަމާބެހޭ ފަރާތްތަކާ ހަވާލުކުރައްވައިފައެވެ. އަދި އިބްރާހީމް ޢަދުނާން އަނީސަކީ، ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ގިނަ ހާދިސާތަކެއް ތަޖުރިބާ ކުރައްވައިފައިވާ އަދި އެތައް ބައެއްގެ ފުރާނައާއި މުދާ ސަލާމަތްކޮށްދެއްވުމުގައި، ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.