ޒުބައިދާ ޢަބްދުލްޙަމީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓްގެ ސްޓެޓިސްޓިކަލް އޮފިސަރ (ޓްރޭނީ)ގެ ވަޒީފާގައި 6 މާރިޗު 1986 ގައެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އެކި މަގާމުތަކުގައި ތަފާތު ޒިންމާތައް އުފުއްލަވައިފައި ވެއެވެ.
ޒުބައިދާ ޢަބްދުލްޙަމީދު، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓްގެ ސްޓެޓިސްޓިކްސް ޑިވިޜަންގައި ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އިދާރާތަކަށާއި، އެހެނިހެން އިދާރާތަކަށް ބޭނުންވާ ތަފާސްހިސާބާބެހޭ މަޢުލޫމާތު ފޯރުކޮށްދެއްވުމާއި، ސަރވޭ ސެކްޝަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން ޒިންމާ އުފުއްލަވައިގެން މިނިސްޓްރީން ކުރިއަށް ގެންދެވި އެކިއެކި ސަރވޭތައް ކޯރޑިނޭޓް ކުރައްވައި، މެނޭޖް ކުރެއްވުމުގެ ބުރަ މަސައްކަތް ކުރެއްވުން ހިމެނެއެވެ. މިގޮތުން، ގޭބީސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭގެ މަސައްކަތްތަކާއި، ސަރުކާރާއި އެހެން ބައެއް ފަރާތްތަކުން ކުރާ ސަރވޭއަށް ހުއްދަ ދިނުމުގެ މަސައްކަތާއި، އެސްޓެބްލިޝްމަންޓް ސަރވޭގެ މަސައްކަތްވެސް ހިމެނެއެވެ.
ޤައުމީ ފެންވަރެއްގައި ކުރެވޭ ތަފާސްހިސާބު އެއްކުރުމުގެ އެންމެބޮޑު މަސައްކަތް ކަމުގައިވާ ބޯހިމެނުމުގެ ޤައުމީ މަސައްކަތްތަކުގައި ޒުބައިދާ ޢަބްދުލްޙަމީދު ވަނީ 1985ން ފެށިގެން 2000 ވަނަ އަހަރާ ހަމަޔަށް ޢަމަލީގޮތުން އުޅުއްވައިފައެވެ. އެގޮތުން، 1985 ވަނަ އަހަރުގެ ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މަޢުލޫމާތު ކޯޑުކޮށް، ޑޭޓާ އެންޓްރީގެ މަސައްކަތުގައި ޢަމަލީގޮތުންވެސް ޒުބައިދާ ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މަޢުލޫމާތުގެ އަތްމަތީ ފޮތް ތައްޔާރުކުރެއްވުމުގައްޔާއި، ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ސުވާލުދާރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތުގައިވެސް ޢަމަލީގޮތުން އުޅުއްވައިފައި ވެއެވެ. ޒުބައިދާ ވަނީ، 2000 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ މަސައްކަތުގައި މާލޭގެ ފީލްޑް އޮޕަރޭޝަންގައި ޗީފް ކޯޑިނޭޓަރެއްގެ ދައުރު އަދާކުރައްވައި، 2006 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ މަސައްކަތުގައި މާލޭގެ ކޯޑިނޭޓަރެއްގެ ދައުރުވެސް އަދާކުރައްވައިފައެވެ.
ލޭބަރ މާކެޓް އިންފޮމޭޝަން ސިސްޓަމް (އެލް.އެމް.އައި.އެސް.) ޔުނިޓް، ސަރުކާރުން އުފެއްދެވުމަށްފަހު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތަފާސްހިސާބު ފުރަތަމަ ފަހަރަށް އެއްކޮށް، ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގެ ގޮތުން، އިންޓަރނޭޝަނަލް ސްޓޭންޑަޑް ކްލެސިފިކޭޝަން އޮފް އޮކިއުޕޭޝަންސް 2008، (އިސްކޯ 2008) އާ އެއްގޮތަށް ބިދޭސީންނާބެހޭ އޮކިއުޕޭޝަނަލް ކްލެސިފިކޭޝަނެއް ތައްޔާރުކުރައްވައި، ނިންމެވުމުގައި ޒުބައިދާ އިސް ދައުރެއް އަދާކުރެއްވިއެވެ.
އަދި 2013 އިން 2018 އަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ ވަޢުދުތަކުގެ ތެރެއިން "94000 ވަޒީފާގެ ފުރުޞަތު" ހާސިލުކުރެވިފައިވާ މިންވަރު ބެލުމުގެ ގޮތުން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މެނިފެސްޓޯ އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުގައި ޒުބައިދާ ހުންނަވައިގެން، ކާމިޔާބުކަމާއެކު އެކަން ވަނީ ހާސިލުކުރައްވައިފައެވެ.
2018 ވަނަ އަހަރު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ބޭއްވުނު "ޔޫތު ޗެލެންޖް"ގެ މަސައްކަތުގައި އިސްވެރިއެއްގެ ޒިންމާ އުފުއްލަވައިގެން ޢަމަލީގޮތުން އެކަމުގައި ޒުބައިދާ ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި މިނިސްޓްރީގެ ފަރާތުން ބޭއްވި "ރަންއަހަރު 2019 ޙަފުލާ"ގެ މަސައްކަތާއި، މޮރިޝަސްގައި ޖުލައި 19 އިން 28 އަށް ބޭއްވުނު "އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019" ގައި ރާއްޖެއިން ބައިވެރިވި ކުޅިވަރު ޓީމުތަކުގެ ތެރެއިން ބައެއް ޓީމުތަކާއި ކުޅުންތެރިން ރަން ވަނަތައް ހޯދައިފައިވާތީ، އެ ކުޅުންތެރިން ރާއްޖެ އައުމުން، އެ ކުޅުންތެރިންނަށް ހޫނު މަރުޙަބާއެއް ކިޔުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ހަރަކާތުގައި، އެ ވަގުތުގައި ސްޕޯޓްސް ޑިޕާޓްމަންޓް ހިންގެވުމަށް ހުންނެވި އިސް ވެރިއެއްގެ ޒިންމާ ޒުބައިދާ އުފުއްލަވައިގެން، އެ ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދަވައިފައި ވެއެވެ. މީގެއިތުރުން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން ބޭއްވި "ސްޕޯޓްސް އެވޯޑް" 2022 އަދި 2023 ކާމިޔާބު ރަސްމިއްޔާތަކަށް ހެދުމުގައިވެސް ޒުބައިދާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.