ޢަލީ ޒަކަރިއްޔާ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 7 ޖޫން 1986 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 36 އަހަރަށްވުރެ ދިގު މުއްދަތުގައި އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ކްލީނިންގ އެންޑް ޕެކިންގގެ ޕެކަރ އޮޕަރޭޓަރ ކަމާއި، މެކޭނިކް ގްރޭޑް 3 ކަމާއި، މެކޭނިކް ގްރޭޑް 2 ކަމާއި، ޕްރޮޑަކްޝަން ރިލޭޓެޑް ސަރވިސްގެ ޖޫނިއަރ މެކޭނިކް ގްރޭޑް 2 ކަމާއި، ޖޫނިއަރ މެކޭނިކް ގްރޭޑް 3 ކަމާއި، ސީނިއަރ މެކޭނިކް ކަމާއި، އެސިސްޓެންޓް އިންޖިނިއަރކަން ހިމެނެއެވެ.
ޢަލީ ޒަކަރިއްޔާ، ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ފެލިވަރު ކޭނަރީގައި ޢަމަލީގޮތުން ކުރަންޖެހުނު ހުރިހާ ކަމެއްގައާއި، ކޭނަރީގައި ކުރަންޖެހުނު މެކޭނިކަލް ހުރިހާ މަސައްކަތްތަކެއް ކުރެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. ޢަލީ ޒަކަރިއްޔާއަކީ، ކުރައްވާ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއި، ކަމަށްކަމޭހިއްތެވުމާއެކު، ކުރަންޖެހޭ މަސައްކަތްތައް ވަގުތަށް ނިންމެވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެއްވެސް މެއެވެ.
ޢަލީ ޒަކަރިއްޔާއަކީ ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، މުވައްޒަފުންނަށް އެ ދާއިރާއާ ގުޅޭ ތަމްރީނުތައް ދެއްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، އަލަށް ވަޒީފާއާ ގުޅިވަޑައިގަންނަވާ މުވައްޒަފުން، އެ ދާއިރާގެ މަސައްކަތްތަކަށް އަހުލުވެރިކުރުވައި، މެކޭނިކަލް މަސައްކަތާ ގުޅޭ ތަމްރީނުތައް ދެއްވުން ފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
ފެލިވަރަކީ ދަޅުގައި މަސްބަންދުކުރުމުގެ މަސައްކަތްކުރާ ތަނަކަށްވެފައި، އެ މަސައްކަތް ކުރުމުގައި ބޭނުންކުރާ މެޝިނަރީތައް ބެލެހެއްޓުމާއި، މަރާމާތު ކުރުމާއި، އޯވަރހޯލް ކުރުންފަދަ ގިނަ މަސައްކަތްތަކުގައި ޢަލީ ޒަކަރިއްޔާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
ޢަލީ ޒަކަރިއްޔާއަކީ، ފެލިވަރުގައި ޤާއިމުކޮށްފައިވާ އެކިއެކި މެޝިންތައް، މަސައްކަތް ފެށެންވާއިރަށް، ތައްޔާރީ ހާލަތަކަށް ގެންނެވުމުގައި ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. އަދި ވަރަށް ހީވާގިކަމާއެކު ޚިދުމަތުގައި މިހާރުވެސް ދެމިހުންނެވި ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.