ޢަބްދުއްރަޙްމާން ޙަސަން، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖޫން 1982ގައެވެ. އެއީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ދަށުން ހިންގާ ފެލިވަރު ކޭނަރީގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ގިނަ ވަޒީފާތަކެއް ޢަބްދުރަޙްމާން ޙަސަން އަދާކުރައްވައިފައި ވެއެވެ. އެޗް.އާރް އެންޑް އެޑްމިންގައި މަސައްކަތް ކުރެއްވިއިރު، ޕަރސަނަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް މެނޭޖަރުކަން ކުރެއްވިއެވެ. މީގެ އިތުރުން، އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރު ކަމާއި، ސިވިލް ވާރކްސްގެ ކެންޓީން ސަރވިސްގެ އެސިސްޓެންޓް މެނޭޖަރު ކަމާއި، ޑެޕިއުޓީ މެނޭޖަރު ކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. ޢަބްދުއްރަޙްމާން ޙަސަން މިހާރު ހުންނެވީ، ކެންޓީން ސަރވިސްގެ މެނޭޖަރު ކަމުގެ މަގާމުގައެވެ.
ޢަބްދުއްރަޙްމާން ޙަސަނަކީ، އެކި ފެންވަރުގެ މަގާމުތަކުގައި ހުންނަވައިގެން، ފެލިވަރުގެ ވަރަށް ގިނަ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ޢަބްދުއްރަޙްމާން ޙަސަން ޚިދުމަތް ކުރައްވަން ފެށްޓެވި ދުވަސްވަރަކީ، ވަސީލަތްތައް މަދު ދުވަސްވަރަކަށް ވުމުން، ފެލިވަރުގެ އޮޕަރޭޝަންސް ޑިޕާޓްމަންޓާ ހަވާލުވެވަޑައިގެން ހުންނެވިއިރު، ބޯޓުފަހަރުން މަސް ހުސްކުރުމުގައި، އޭރު ވަޒީފާ އަދާކުރަމުން ގެންދިޔަ މަދު ސްޓާފުން ބޭނުންކުރައްވައިގެން، ވީހާވެސް އަވަސްގޮތަކަށް މަސް ހުސްކުރުމުގެ މަސައްކަތްތައް ރާއްވަވައި ހިންގެވުމަށް، އެކަމަށް ޚާއްޞަ ޑިވައިސްއެއް އީޖާދު ކުރައްވައިފައި ވެއެވެ.
ކޯލްޑް ސްޓޯރޭޖުގައި މަސައްކަތް ކުރެއްވިއިރު، އެތާނގައި ގަނޑުކުރާ މަހާއި، އާރު.އެސް.ޑަބްލިޔު ޓޭންކްތަކުގައި ހުންނަ މަހުގެ ބާވަތާއި، މަސްކިރާ ބޯޓުފަހަރުން ގެންނަ މަހުގެ ސައިޒް އެނގޭނެ ލޮކޭޝަން ޗާޓެއްވެސް ޢަބްދުއްރަޙްމާން ހައްދަވައިފައި ވެއެވެ. ފިޝްރޫމްގައި މަސައްކަތް ކުރެއްވިއިރު، ފެލިވަރުގެ އުފެއްދުންތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އަމިއްލަ ވިސްނުމާއި ފިކުރު ބޭނުންކުރައްވައިގެން، އޮމާންކަމާއެކު ތަނުގެ އޮޕަރޭޝަން ކުރިއަށް ގެންދެވުމުގައި، އިސް ދައުރެއް ޢަބްދުއްރަޙްމާން އަދާކުރައްވައިފައި ވެއެވެ. އަދި މަސައްކަތަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރެއްވުމާއި، ތަނުގެ ހިންގުން ހަރުދަނާ ކުރެއްވުމަށްޓަކައި އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރައްވައިފައިވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.