އަޙްމަދު ޢަލީކަލޭފާނު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 21 ނޮވެންބަރު 1982 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ގިނަ ވަޒީފާތަކެއް އަޙްމަދު ޢަލީކަލޭފާނު އަދާކުރައްވައިފައި ވެއެވެ. އެގޮތުން، މެއިންޓެނަންސް ޔުނިޓުގެ ސުޕަވައިޒަރ ކަމާއި، ކްލީނިންގ އެންޑް ޕެކިންގގެ އެސިސްޓެންޓް މެނޭޖަރ ކަމާއި، މެކޭނިކަލް ވާރކްޝޮޕްގެ އެސިސްޓެންޓް މެނޭޖަރ ކަމާއި، ފިޝްމީލް ޕްލާންޓްގެ އެސިސްޓެންޓް އިންޖިނިއަރ ކަމާއި، އިހަވަންދޫ އައިސް ޕްލާންޓްގެ އެސިސްޓެންޓް އިންޖިނިއަރކަން ކުރައްވައިފައި ވެއެވެ. އަޙްމަދު ޢަލީކަލޭފާނު މިހާރު ހުންނެވީ، ފިޝްރޫމްގެ އިންޖިނިއަރ ކަމުގެ މަގާމުގައެވެ.
އަޙްމަދު ޢަލީކަލޭފާނަކީ، ފެލިވަރު ޕްރޮޑަކްޝަން ޑިޕާޓްމަންޓްގެ ގިނަ ސެކްޝަންތަކެއްގައި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ކުރައްވާ ކޮންމެ މަސައްކަތެއް ވަރަށް ފަރުވާތެރިކަމާއެކު، ކަމަށް ކަމޭހިއްތަވައިގެން ކުރައްވައި، މަސައްކަތް ނިންމަންޖެހޭ ވަގުތަކަށް މަސައްކަތްތައް ނިންމަވާ ބޭފުޅެކެވެ. ފެލިވަރުގެ އިތުރުން، މިފްކޯއިން ހިންގާ އިހަވަންދޫ އައިސް ޕްލާންޓް ހިންގެވުމަށް އަޙްމަދު ޢަލީކަލޭފާނު، އިހަވަންދޫގައި ހުންނަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ.
އަޙްމަދު ޢަލީކަލޭފާނަށް ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި، އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، މަސައްކަތުގެ ދާއިރާއިން މުވައްޒަފުން ތަމްރީނު ކުރައްވަމުން ގެންދަވައެވެ. ފިޝްރޫމްގެ ހުރިހާ މަސައްކަތްތަކެއް ހިނގަމުންދަނީ އަޙްމަދު ޢަލީކަލޭފާނުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.
އަޙްމަދު ޢަލީކަލޭފާނަކީ، މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ގަވާއިދުން މަސައްކަތަށް ނުކުންނަވަމުން ގެންދަވާ، ވަރަށް ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރައްވަމުން ގެންދަވާ މުރާލި، އިޚުލާޞްތެރި ޚިދުމަތްތެރިއެކެވެ.