ޕިޔާނާ ޅަތުއްތު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 26 މާރިޗު 1958 ގައި މަޙްކަމަތުލް ޚާރިޖިއްޔާގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއިންނެވެ. 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މާލޭ މުނިސިޕަލްޓީގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމުގައެވެ.
ޕިޔާނާ ޅަތުއްތުއަކީ، ސަރުކާރުގެ ތަފާތު އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ޕޯސްޓް އޮފީހުގެ ޕިޔޯނުންގެ ސަރުދާރު ކަމާއި، މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާވެސް އަދާކުރެއްވިއެވެ. އަދި ކަސްޓަމްސްގެ ވަގުތީ ސަރުޖަނު ކަމާއި، ކަސްޓަމްސްގެ 2 ނަންބަރު ކާތިބު ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ 2 ނަންބަރު ކާތިބުކަން ކުރައްވައިފައި ވެއެވެ. އަދި ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ ސެކްރެޓެރީ ކަމާއި، މަޖީދިއްޔާ ސްކޫލްގެ ސެކްރެޓެރީ (އެކައުންޓް ބަލަހައްޓާ) ކަމާއި، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވަރކްސް ޑިޕާޓްމަންޓްގެ ސެކްރެޓެރީ ކަމާއި، ޑިޕާޓްމަންޓް އޮފް ބޯޓްސް އިކްއިޕްމަންޓް ގިޔަރ 2ގެ ސެކްރެޓެރީކަން ކުރައްވައިފައި ވެއެވެ. އަދި މެރިން ޑިވިޜަންގެ ސެކްރެޓެރީ ކަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރުގެ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރުގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގެ ސީނިއަރ ސެކްރެޓެރީ ކަމާއި، މޯލްޑިވްސް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ބޯޑުގެ ސީނިއަރ ސެކްރެޓެރީ ކަމާއި، މާލޭ މުނިސިޕަލްޓީގެ ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަންވެސް ކުރައްވައިފައި ވެއެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގައި ޕިޔާނާ ޅަތުއްތު މައިގަނޑު ގޮތެއްގައި ކުރައްވައިފައި ވަނީ، އިދާރީ އެކިއެކި ކަންކަމާއި، ފައިސާއާބެހޭ ކަންކަމެވެ. މިހާ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާއިރު، އެއްވެސްއިރެއްގައި މައްސަލައެއްޖެހި، އަދި ވަޒީފާއަށް ފަރުވާކުޑަވެގެން އެއްވެސް ނަސޭހަތެއް، އިންޒާރެއް ދެއްވަން ޖެހިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ޕިޔާނާ ޅަތުއްތުއަކީ، އެކި އޮފީސްތަކުގައި ފައިސާއާބެހޭ ކަންތައް ވަރަށްގިނަ ދުވަހު ކުރައްވައިފައިވާ ބޭފުޅަކަށްވާއިރު، ޅަތުއްތު ފާހަގަކުރެވިފައި ވަނީ، ފައިސާ ޚަރަދު ކުރެއްވުމުގައި، ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރެއްވި އިޚުލާޞްތެރި، ތެދުވެރި ބޭފުޅެއްގެ ގޮތުގައެވެ. އަދި އިދާރީ މަސައްކަތްތައް ކުރައްވައިފައި ވަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށެވެ.
ޕިޔާނާ ޅަތުއްތުއަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީ ޚިދުމަތް ކުރެއްވި، އަދި އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދެއްކެވި ބޭފުޅެކެވެ.