އަލްފާޟިލް ކަނދި ޙަސަންފުޅު
ހ. ދުނބުގަސް

          1980 ވަނަ އަހަރު، އަވަށް ކުރިއަރުވާ ކޮމިޓީތައް އެންމެ ފުރަތަމަ އުފެދުނުއިރުން ފެށިގެން ހެންވޭރު އަވަށް ކުރިއަރުވާ ކޮމިޓީގައި، ކަނދި ޙަސަންފުޅު ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާފައިވެއެވެ. ކޮމިޓީގެ ހިންގާ ސެކްރެޓަރީގެ ގޮތުން ޚިދުމަތް ކުރެއްވުމުގައި، ފާއިތުވި 27 އަހަރު ދުވަހުގެ ތެރޭގައި، ހެންވޭރު ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ހެންވޭރު ސްކޫލްގައި ޕްރީސްކޫލް ކްލާސްބަރިއެއް ހެދުމުގައާއި، އެމް.ސީ.އެޗް. ކްލިނިކް ހެދުމަށް ސަރުކާރުން  ދެއްވި ބިމުގައި ހެންވޭރު މީހުންގެ ނަމުގައި އިމާރާތެއް ހަދައި، އެ އިމާރާތް އަވަށު އޮފީހެއްގެ ގޮތުގައި ހިންގަން ފެށުމުގައި، ޙަސަންފުޅު ވަރަށް ބޮޑު ހިއްސާއެއް އަދާކުރައްވާފައިވެއެވެ.

          މީގެއިތުރުން، އެކިމުނާސަބަތުތަކާ ގުޅިގެން ހިންގާ ޙަރަކާތްތަކުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވާފައިވެއެވެ. އަދި މާލޭ މުނިސިޕަލް ކައުންސިލް ފުރަތަމަ ފަހަރަށް އުފެއްދެވިއިރު، އެ ކައުންސިލްގައި ހެންވޭރުގެ ފަރާތުން ބައިވެރިވެ، ދެވަނަ ފަހަރަށް ރައްޔިތުން ވޯޓުދީގެން ހޮވިއިރު، އެ ކޮމިޓީގައިވެސް ޙަސަންފުޅު ހިމެނިފައިވެއެވެ. މި މަސައްކަތަކީވެސް ހިލޭސާބަހަށް ޙަސަންފުޅު ކޮށްދެއްވާ މަސައްކަތެކެވެ.