ޝަމީމާއަކީ، މީގެ 38 އަހަރުކުރިން ފެށިގެން ސްކޫލް ކުދިންގެ ބެޖް ހައްދަވަމުން ގެންދަވާ ބޭކަނބަލެކެވެ. މި މަސައްކަތް އެހެން ފަރާތްތަކަށް ދަސްކޮށްދެއްވުމަށްޓަކައި 1986 ވަނަ އަހަރުން ފެށިގެން ފަހާފޮށިން މާޖަހަން ދަސްކޮށްދެއްވަން ފަށްޓަވާފައިވެއެވެ. މިކަން ފުޅާ ދާއިރާއެއްގައި ކުރެއްވުމުގެ ގޮތުން "ސަރަނގު ޖަރީ"ގެ ނަމުގައި ކްލާހެއް ރަޖިސްޓަރީ ކުރައްވައި، އެ ކްލާސް ނިންމާ ފަރާތްތަކަށް ސެޓްފިކެޓް ދެއްވަމުން ގެންދަވައެވެ. މިގޮތުން މިހާތަނަށް 6000 އެއްހާ މީހުންނަށް އަގަށާއި ހިލޭސާބަހަށް މި މަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ.
ޝަމީމާއަކީ، ކަސަބުއެޅި ލިބާހާއެކު ބޭނުންކުރާ ރުމާފަޅިވެސް ހައްދަވާ ބޭކަނބަލެކެވެ. މި މަސައްކަތަކީ މީގެ 15 އަހަރު ކުރިން ފެށިގެން މީނާ ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.
ފެހުމާއި ޖަރީގެ މަސައްކަތުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު 1993 ގައި ޝަމީމާއަށް ލިބިވަޑައިގެންފައިވެއެވެ.