އަޙްމަދު ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 31 އޮގަސްޓު 1954 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އަނގޮޅިތީމު މުދިމު ކަމާއި، ދުޢާ މައުލޫދު ޞަލަވާތް ފާތިޙާ ކިޔުއްވުމާއި، ކަށުކަމާކެމީގެ ކަންތައް ކުރެއްވުމުގެ ވަޒީފާއެވެ. އޭގެފަހުން، އަނގޮޅިތީމު މުދިމު ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. މުދިމު ކަމުގެ ވަޒީފާގައި ހުންނެވިއިރު އަޙްމަދު ރަޝީދު ވަނީ، ރަށުގައި އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދުވެސް ކުރައްވައިފައެވެ. މުދިމު ކަމުގައި 14 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވުމަށްފަހު ބަދަލުވެވަޑައިގަތީ، މިނިސްޓްރީ އޮފް ޖަސްޓިސް (ވ)ގެ ޤާޟީކަން ދަސްކުރާ މަގާމަށެވެ. އެއަށްފަހު، ރ. އަތޮޅުގެ ވަގުތީ ޤާޟީ ކަމާއި، ރ. އަތޮޅު ކޯޓުގެ ޤާޟީ ކަމާއި، ރ. އަނގޮޅިތީމު ކޯޓުގެ ޤާޟީ ކަމާއި، ރ. އަތޮޅު އަތޮޅުއޮފީހުގެ އިންވެސްޓިގޭޓަރު ކަމާއި، ރ. އަނގޮޅިތީމު ކޯޓުގެ މެޖިސްޓްރޭޓް ކަމާއި، އަނގޮޅިތީމު ކަތީބު ކަމާއި، ރ. އަތޮޅުގެ އެޓަރނީ ޖެނެރަލްގެ އެހީތެރިޔާ ކަމާއި، ރ. އަލިފުށީ ކޯޓުގެ މެޖިސްޓްރޭޓް ކަމާއި، ސީނިއަރ މެޖިސްޓްރޭޓްކަންވެސް ކުރެއްވިއެވެ. ޝަރުޢީ ދާއިރާގައި 31 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އަޙްމަދު ރަޝީދު ޚިދުމަތް ކުރެއްވިއެވެ.
އަޙްމަދު ރަޝީދު، ތިން ފަހަރެއްގެ މަތިން ވަޒީފާއިން ވަކިވެވަޑައިގެންފައިވާއިރު، 51 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ދައުލަތަށް ވަނީ ޚިދުމަތް ކުރައްވައިފައެވެ. އަޙްމަދު ރަޝީދަކީ، އަނގޮޅިތީމުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި އަދި އާންމުކޮށް މުޅި އަތޮޅަށާއި، ޚާއްޞަކޮށް، އަނގޮޅިތީމަށް ޚިދުމަތް ކުރެއްވުމުގައި މުޅި ޙަޔާތް ހޭދަކުރެއްވި ޚިދުމަތްތެރިއެކެވެ. ރަސްމީ ވަޒީފާއެއް ހަމަޖެހިފައި ނެތި، އަޙްމަދު ރަޝީދު ވަނީ، އަނގޮޅިތީމު ކާޑުގޭގެ ކާތިބެއްގެ ގޮތުގައިވެސް ޚިދުމަތް ކުރައްވައިފައެވެ.
އަނގޮޅިތީމުގެ ތަރައްޤީއަށް ކުރެވުނު ހުރިހާ ކަމެއްގައިވެސް އަޙްމަދު ރަޝީދުގެ ހިއްސާ ވަރަށްބޮޑެވެ. އަޙްމަދު ރަޝީދަކީ، އަނގޮޅިތީމުގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިފައިވާ ބޭފުޅެކެވެ. އަދި ރަށުގައި އިމާރާތް ކުރެވުނު ރަށުއޮފީހާއި ރަށުކޯޓާއި، މިސްކިތާއި، އަނގޮޅިތީމު މަކުތަބާއި، ރަށުގެ ގޭގެޔަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި، އެންމެ އިސްކޮށް އުޅުއްވި ބޭފުޅަކީވެސް އަޙްމަދު ރަޝީދެވެ. އެންމެ ފުރަތަމަ މުދިމު ކަމުގެ ވަޒީފާގައި ހުންނެވި ކަމުގައިވިޔަސް، އަޙްމަދު ރަޝީދަކީ، ރަށުގެ ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަވައި، ރައްޔިތުންގެ ހާލު އަހުވާލު ބައްލަވަމުން ގެންދެވި ބޭފުޅެކެވެ. މީހަކު ބަލިވެއްޖެނަމަ، ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވިއެވެ. އެ ދުވަސްވަރު ހާލަތު ހުރިގޮތުން ރައްޔިތުން ދިރިއުޅެމުން ގެންދިޔައީ ވަރަށް ނިކަމެތި ހާލުގައެވެ. ބަނޑުފުރާނަ މުއްތި ކުރެވޭނެފަދައެއް ނެތް އެންމެންގެ ހާލު ބައްލަވައި، އެހީތެރިކަން ފޯރުއްވައި ދެއްވަމުން ގެންދެވީ، އެއްވެސް ފަރުދަކު ތަފާތުކުރެއްވުމެއް ނެތިއެވެ.
އަޙްމަދު ރަޝީދު، ޝަރުޢީ ދާއިރާގައި ޚިދުމަތް ކުރެއްވިއިރު، އެންމެ ބޮޑަށް ބެއްލެވީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ވީހާވެސް އިންޞާފުވެރިކަމާއެކު، ވީހާވެސް އަވަހަކަށް ނިންމެވުމަށެވެ. ބައެއްފަހަރު އަތޮޅުގެ އެހެން ކޯޓުތަކަށް ވަޑައިގެން، އެ ކޯޓުތަކުގެ މައްސަލަތައްވެސް ބައްލަވައި ނިންމަވައެވެ. އަދި ޝަރުޢީ ވަފުދުތަކާ އެކުގައި އެކި ރަށްރަށަށް ޒިޔާރަތް ކުރައްވައިފައި ވެއެވެ.
12 މޭ 2009 ގައި ދައުލަތުގެ ވަޒީފާއިން އަޙްމަދު ރަޝީދު ރިޓަޔަރ ކުރެއްވިއިރު 51 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އޭރު ހުންނެވީ ރ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައެވެ. އަޙްމަދު ރަޝީދަކީ، ރާއްޖޭގެ އަތޮޅުތަކަށް ފުރަތަމަ ހަމަޖެއްސެވި އިސް މެޖިސްޓްރޭޓުންގެ ތެރެއިން އެއް ބޭފުޅެއްވެސް މެއެވެ.
އަޙްމަދު ރަޝީދަކީ، އަނގޮޅިތީމު ރައްޔިތުންނަށް ތަޢުލީމު އުނގަންނައިދެއްވުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަޙްމަދު ރަޝީދުގެ މަސްއޫލުވެރި ކަމުގައި "މަކުތަބު ރަޝީދު"ގެ ނަމުގައި 1980 ވަނަ އަހަރު މަކުތަބެއް ރަޖިސްޓަރީ ކުރެއްވިއެވެ. އަނގޮޅިތީމު މަކުތަބު އިމާރާތްކޮށް ޚިދުމަތް ދޭން ފެށެންދެން "މަކުތަބު ރަޝީދު"ގެ ޚިދުމަތް ރައްޔިތުންނަށް ދެއްވަމުން ގެންދެވިއެވެ. އަނގޮޅިތީމު މަކުތަބުގައި ޤުރްއާން ކިޔަވައިދެއްވައި، މަކުތަބު ހިންގުމުގައިވެސް އަޙްމަދު ރަޝީދު އެހީތެރިކަން ފޯރުއްވައި ދެއްވިއެވެ.
މުޅި ރާއްޖެއިން ލިޔަންކިޔަން ނުދަތުން ނައްތައިލުމަށް ސަރުކާރުން ހިންގެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި، މުޅި ރާއްޖެއިންނާއި އަތޮޅުން 1 ވަނަ މަގާމު އަނގޮޅިތީމު ހޯދުމުގައިވެސް އަޙްމަދު ރަޝީދު މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.
އަޙްމަދު ރަޝީދަކީ، ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިއެއްކަން ފާހަގަކޮށްލަންޖެހެއެވެ.