ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނީ، އިޒުޢާންގެ ބޭބެ ޤުރްއާން ހިތުދަސްކުރަން ފެށި ހިސާބުން، އުމުރުން އެންމެ 8 އަހަރުގައެވެ. ޤުރްއާން ހިތުދަސްކުރަން ފުރަތަމަ ފެށީ މަންމައާއެކުގައި ގޭގައެވެ. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެ، ކިޔަވަން ފެށީ 2019 ވަނަ އަހަރުއެވެ. އަދި ސްކޫލްގައި ހޭދަވާ ވަގުތު ފިޔަވައި، ގޭގައި އުޅޭ ގިނަ ވަގުތުތަކުގައި ޤުރްއާން މުރާޖަޢާ ކުރަމުން ގެންދިޔައެވެ. ނަމަވެސް، އިތުރު އެހީތެރިކަމަށް ބޭނުންވާތީ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ބައެއް މުދައްރިސުންގެ އެހީތެރިކަން މިކަމުގައި ވަރަށް ބޮޑަށް ލިބިގެންދިޔައެވެ. އެ މަރުކަޒުގެ މުރާޖަޢާ ކުލާހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. ކީރިތި ޤުރްއާން ހިތުދަސްކޮށް، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، އިޒުޢާންގެ އުމުރުން އެންމެ 13 އަހަރުގައި 20 މޭ 2023 ގައެވެ.