ކުޅިވަރުގެ ދާއިރާއިން މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ މައިޒާން ޢަލީމަނިކަކީ، ރާއްޖޭގެ ކުޅިވަރަށް، ޚާއްޞަކޮށް އެތުލެޓިކްސްގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ އަދި މިހާރުވެސް އަމިއްލަފުޅު ގޮތުން އެ ކުޅިވަރު ކުރިއެރުއްވުމަށްޓަކައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މައިޒާން ޢަލީމަނިކަކީ، ތުއްޕުޅުއިރުން ފެށިގެން އެކި ކުޅިވަރުތައް ކުޅުއްވުމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ބެހެއްޓެވި ބޭފުޅެކެވެ. އޭރު އާންމުގޮތެއްގައި ކުޅުއްވީ، ފުޓްބޯޅައާއި ކްރިކެޓެވެ. މަޖީދިއްޔާ ސްކޫލްގައި ކިޔަވައި ވިދާޅުވާން އުޅުއްވިއިރު، ކެޑޭޓު ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސްރީލަންކާގެ ދިޔަތަލާވާއަށް އެންމެ ފުރަތަމަ ދިޔަ ކެޑޭޓް ސްކޮޑުގައިވެސް ޢަލީމަނިކު ހިމެނިވަޑައިގެންނެވިއެވެ. މިސްޓަރ ހިލްގެ ނާޒިރު ކަމުގައި މަޖީދިއްޔާގައި އެތުލެޓިކްސްގެ ފޯރި ގަދަވެ، އޭރު ބޭއްވުނު އެތުލެޓިކްސް މުބާރާތުގައި ޢަލީމަނިކު ވާދަކުރައްވައިގެން އުސްފުމުމުން 1 ވަނަ ހޯއްދަވައި، ރެކޯޑެއް ޤާއިމުކުރެއްވިއެވެ. އެ ރެކޯޑު ގިނަ އަހަރުތަކެއް ވަންދެން މަޖީދިއްޔާގެ އެހެން އެތުލީޓަކަށް މުގުރައިނުލެވި އޮތްކަން ފާހަގަކޮށްލަން ޖެހެއެވެ.
ޢަލީމަނިކުގެ ހިތްޕުޅުގައި ފުޓްބޯޅައަށް ޝައުޤުވެރިކަން އުފެދުނީ، އަދި ކުޅިވަރުގެ ވާދަވެރި ރޫޙު އުފެދުނީ، މާލޭ ޓެނިސް ކުލަބުގެ ސެކްރެޓެރީއަކަށް އުޅުއްވި ދުވަސްވަރުއެވެ. އޭރު މާލޭ ޓެނިސް ކުލަބަކީ، ރާއްޖޭގައި ނަން ހިނގާ މަޝްހޫރު ކުލަބަކަށް ވުމާއި، އޭރު ބޭއްވުނު ޤައުމީ ފުޓްބޯޅަ މުބާރާތްތަކުގައި، އެ ކުލަބުން ކާމިޔާބީތައް ހޯދަމުން ގެންދިޔައިރު، ޢަލީމަނިކަކީ، އެ ކުލަބަށް ފުޓްބޯޅަ ކުޅުއްވި އެ ކުލަބުގެ މަޝްހޫރު ކުޅުންތެރިއެއްވެސް މެއެވެ.
ޢަލީމަނިކަށް ކުޅިވަރާ ދުރަކަށް ދުވަހަކުވެސް ވަޑައެއްނުގެންނެވުނެވެ. ކުޅިވަރަށް އެކި ރޮނގުރޮނގުން ޚިދުމަތް ކުރައްވަމުން ގެންދަވަނިކޮށް، 1986 ވަނަ އަހަރު އެތުލެޓިކްސް އެސޯސިއޭޝަން ހިންގެވުމާ ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. އެއީ، އަލްމަރްޙޫމް ޢުމަރު ޒާހިރު (ނ.ޢ.ޢ.ވ) ގެ އެދިވަޑައިގަތުމުގެ މަތީންނެވެ. އެތުލެޓިކްސްއަކީ، އޭރު ރާއްޖޭގައި އެހާބޮޑަށް ކުރިއަރައިފައިވާ ކުޅިވަރަކަށް ނުވުމުން، އެ ކުޅިވަރު ދިރުވައި އާލާކުރުމުގެ މުހިންމުކަން އޮނަރަބްލް ޢުމަރު ޒާހިރަށް އިޙްސާސް ކުރެއްވިގެން އެކަމަށް އެދިވަޑައިގަތުމުން، ވައިސް ޗެއަރމަންގެ ގޮތުގައި އެސޯސިއޭޝަން ހިންގެވުމާ ޢަލީމަނިކު ހަވާލުވެވަޑައިގަތީ، ވަރުގަދަ ޢަޒުމެއްގައެވެ. އެ ހިސާބުން ފެށިގެން ޢަލީމަނިކު ހުރިހާ ވަގުތެއް ހުސްކުރެއްވީ އެތުލެޓިކްސް އަށެވެ. އޭރު އޮތް ހާލަތަށް ބައްލަވައި، އެ ކުޅިވަރު ކުރިއަށް ގެންދިޔުމުގެ ވަރަށް ހަރުދަނާ ޕްލޭނެއް އެކުލަވައިލައްވައިގެން މަސައްކަތް ފެށްޓެވީ، އޭރު އެތުލެޓިކްސްއަށް ޝައުޤުހުރި މަދު ކުދިންކޮޅެއްގެ އެހީތެރިކަމާއެކުގައެވެ.
އެތުލެޓިކްސް ކުރިއެރުވުމުގައި، އެންމެ ބޮޑަށް ބޭނުންވަނީ ދުވާނެ ޓްރެކެއް ކަމަށްވުމާއެކު، މިހާރު ކުޅިވަރު އެކުވެނި ހިނގަމުންދާ ސަރަހައްދުގައި 100 މީޓަރުގެ ޓްރެކެއް އެޅުމުގެ މަސައްކަތް ޢަލީމަނިކު އިސްވެ ހުންނަވައިގެން ފެށްޓެވިއެވެ. އެ ސަރަޙައްދުގައި ޓްރެކް އެޅުމުގައި އޭރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގެންނެވިނަމަވެސް، އެ ގޮންޖެހުންތައް ޙައްލުކުރައްވައި، ޓްރެކުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދިޔަކަން އެއީ، ޢަލީމަނިކަށް ވަރަށް ބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެއް ލިބިގެންދިޔަ ކަމެކެވެ. އަދި 400 މީޓަރުގެ ޓްރެކަކަށް އެތަން ބަދަލުވެ، ގިނަ އަދަދެއްގެ ކުދިންނާއި ޒުވާނުންނަށް އެ ޓްރެކް ބޭނުންކުރުމުގެ ފުރުޞަތު މިއަދު ފަހިވެގެން އެ ދިޔައީ، އޭރު އެ ވަރުގަދަ ޢަޒުމުގައި ފެށްޓެވި މަސައްކަތްޕުޅުގެ ސަބަބުންނެވެ.
އެހިސާބުން ޢަލީމަނިކު މަސައްކަތް ފެށްޓެވީ، ރާއްޖޭގެ އަތޮޅުތަކުގައި އެތުލެޓިކްސް ފުޅާކުރެއްވުމަށެވެ. އެގޮތުން، ބޮޑެތި ރަށްރަށުގައި، ރިލޭ ރޭސްތައް އިންތިޒާމު ކުރައްވައި، ވަރަށް ފޯރީގައި އެތުލެޓިކްސްގެ ހަރަކާތްތައް ގެންދެވިއެވެ. އެއަށްފަހު، 1996 ވަނަ އަހަރު އެތުލެޓިކްސްގެ ހަރަކާތްތައް އިތުރަށް ފުޅާކުރައްވައި، 200 މީޓަރުގެ ޓްރެކުތައް އެކި އަތޮޅުތަކުގައި ޤާއިމު ކުރައްވަމުން، އަތޮޅުތަކުގެ ސްކޫލްތަކުގެ މެދުގައި ވާދަވެރި މުބާރާތްތައް ބާއްވަވަން ފެށްޓެވިއެވެ. އޭގެފަހުން، ސްޕޮންސަރުން ހޯއްދަވައިގެން ހުރިހާ އަތޮޅުތަކެއްގެ ސްކޫލްތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިގެން އެތުލެޓިކްސް މުބާރާތް ބާއްވަވަން ފެށްޓެވިއެވެ. މާލޭގައި ބާއްވާ އިންޓަރސްކޫލް އެތުލެޓިކްސް މުބާރާތް، މުޅި ރާއްޖޭގެ ސްކޫލްތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުއްވައިލެއްވުމުގެ ނަތީޖާއަކަށްވީ، ވާދަވެރިކަން އިތުރުވެ، އާ ރެކޯޑުތައް ޤާއިމުކުރަން ފެށުމެވެ.
ރާއްޖޭގައި އެތުލީޓުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔުމުގެ ނަތީޖާއަކަށްވީ، ރާއްޖޭގައި ތިބި ހުނަރުވެރި ދުވުންތެރިންނަށް އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑަރޭޝަންސް (އައި.އޭ.އޭ.އެފް.)ގެ ސްކޮލަރޝިޕްތައް ލިބި، އިންޓަރނޭޝަނަލް އެކި މުބާރާތްތަކުގައި ބައިވެރިވެ، މެޑެލްތައް ހޯދުމުގެ ވާދަވެރިކަން އިތުރުވަމުން ދިޔުމެވެ. ޖެމެއިކާއާއި، އިންޑިއާއާއި، ކެންޔާއާއި، ޤަޠަރާއި، ޕާކިސްތާނުފަދަ ޤައުމުތަކުގައި ދިވެހި ޒުވާން އެތުލީޓުން އެކި ތަމްރީނުތައް ފުރިހަމަކުރުމުގެ މަގު ހުޅުވުމެވެ.
އަލްފާޟިލް މައިޒާން ޢަލީމަނިކު، އެތުލެޓިކްސް އެސޯސިއޭޝަންގެ ވައިސް ޗެއަރމަން ކަމުގެ މަގާމު ފުރުއްވުމަށްފަހު، 1987 ވަނަ އަހަރުން ފެށިގެން ޕްރެޒިޑެންޓް ކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގައި އެތުލެޓިކްސް ކުރިއަށް ގެންދެވުމަށް ކުރެއްވި ގިނަގުނަ މަސައްކަތްޕުޅުތަކަކީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެކެވެ. އެތުލެޓިކްސް އެސޯސިއޭޝަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު 21 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދާކުރައްވައި، ރާއްޖެއިން ބޭރުގައި ބާއްވާ އެތުލެޓިކްސް މުބާރާތްތަކުގައި ވާދަކުރުމުގެ ގިނަ ފުރުޞަތުތަކެއް ރާއްޖޭގެ ދުވުންތެރިންނަށް ލިބި، އެކި ކާމިޔާބީ ހޯދައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ދުވުމުން ފުރަތަމަ އިންޓަރނޭޝަނަލް މެޑެއްޔާއި، ފުރަތަމަ ސައުތު އޭޝިއަން ގޭމްސް މެޑެލް ރާއްޖެއަށް ލިބިގެންދިޔައެވެ. މީގެ އިތުރުން، ބްރޯންޒް މެޑެލްވެސް އެކިފަހަރު ރާއްޖޭގެ އެތުލީޓުން ހާސިލުކޮށްފައި ވެއެވެ.
ރާއްޖެ ތަމްސީލު ކުރި ބައިނަލްއަޤުވާމީ އެތައް މުބާރާތްތަކެއްގެ ޗެފް ޑި މިޝަންގެ ގޮތުގައި މައިޒާން ޢަލީމަނިކު، ސަރުކާރުން ފޮނުއްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
މައިޒާން ޢަލީމަނިކަކީ، ޓެނިސް އެސޯސިއޭޝަނާއި، ސޮފްޓް ޓެނިސް އެސޯސިއޭޝަންގެ ޕްރެޒިޑެންޓްކަންވެސް ކުރައްވައި، ރާއްޖޭގައި ޓެނިސް ކުރިއަށް ގެންދެވުމަށް އިސްނަންގަވައިގެން ތަފާތު ޕުރޮގުރާމުތައް ރާއްވަވައި، މި ރޮނގުން ކުޑަކުދިންނާއި ޒުވާނުން ތަމްރީނު ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްވެސް މެއެވެ.
އެތުލެޓިކްސް ކުރިއަށް ގެންދެވުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގު، އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަންސްއިން ވަޒަންކުރައްވައި،އެ ފެޑެރޭޝަންގެ ވެޓެރަން ޕިން، މައިޒާން ޢަލީމަނިކަށް އަރުވައިފައިވާކަން އެއީ، ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެކެވެ. އަދި މި އަހަރު މައިޒާން ޢަލީމަނިކަށް ޔޫތު މިނިސްޓްރީން ވަނީ، ކުޅިވަރުގެ އެވޯޑުވެސް އަރުވައިފައެވެ.
މައިޒާން ޢަލީމަނިކަކީ މިހާރު ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓްވެސް މެއެވެ. މިހާރުވެސް އެތުލެޓިކްސްގެ ދާއިރާގައި އަމިއްލަފުޅު ގޮތުން ގެންދަވަނީ ޚިދުމަތް ކުރައްވަމުންނެވެ. މިހާރު އެންމެ ބޮޑު އަމާޒަކީ، 1990ގެ އަހަރުތަކުގައި އަތޮޅުތަކުގައި އެތުލެޓިކްސް ހަރަކާތްތައް ކުރިއަށް ގެންދެވިއިރު، ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި، މެދުރާއްޖެތެރޭގައި އެތުލެޓިކްސްގެ ހަރަކާތްތައް ފުޅާކުރައްވައި، ވާދަވެރި އެތުލީޓުން އުފެއްދެވުމަށެވެ. މި މަސައްކަތުގެ ދަށުން މި އަހަރުގެ ފެބުރުވަރީ މަހު، ހައްދުންމަތީ ގަމުގައި 35 ސްކޫލަކުން ބައިވެރިވެގެން ބޭއްވުނު އެތުލެޓިކްސް މުބާރާތް، ކާމިޔާބު މުބާރާތަކަށް ވެގެންދިޔަކަމީވެސް ޢަލީމަނިކަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅަކާއި ހިތްޕުޅުހަމަޖެހިވަޑައިގަތުމެކެވެ.
މައިޒާން ޢަލީމަނިކު ދެކެވަޑައިގަންނަވާ ގޮތުގައި، ކުޅިވަރުގައި ކުރިއަށް ދިޔުމަށް އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކުޅުންތެރިންގެ އަޚްލާޤެވެ. އަދި މީހުންނަށް އިޙްތިރާމް ކުރުމާއި، ޚާއްޞަކޮށް، ރެފްރީންނާއި ކޯޗުންނަށް އިޙްތިރާމްކޮށް، ކިޔަމަންތެރިވުމާއި، ނަފްސުގެ ތަރުބިއްޔަތަކީ، ކޮންމެ ކުޅިވަރެއްގައި ކުރިއަށްދިޔުމަށްވެސް އެންމެ ބޮޑަށް ބޭނުންވާ ކަންތައް ކަމުގައި ޢަލީމަނިކު ދެކެވަޑައިގަންނަވައެވެ.
މައިޒާން ޢަލީމަނިކަކީ، ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. ފުރަތަމަ އަދާކުރެއްވީ ވަޒީރުލްއަޢުޡަމް އޮފީހުގެ 1 ނަންބަރު ކާތިބު ކަމެވެ، އޭގެފަހުން، ސަރުކާރުގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އެގޮތުން ފުރުއްވި ބައެއް މުހިންމު މަގާމުތަކުގެ ތެރޭގައި، ސްޕޯޓްސް ޑިވިޜަންގެ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ ވަކީލު ކަމުގެ މަގާމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމާއި، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ. 24 ޖަނަވަރި 2010 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ. މައިޒާން ޢަލީ މަނިކަކީ، މާލޭ ސިޓީގެ މޭޔަރުކަން ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.