އަލްފާޟިލް އަޙްމަދު ނަސީމް
ފޫޅުމާގެއާގެ، ސ.ފޭދޫ

އަޙްމަދު ނަސީމް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، އެއަރ މޯލްޑިވްސްގެ ޓްރެފިކް އެސިސްޓެންޓްކަމުގެ ވަޒީފާގައި 23 ޖުލައި 1987 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އަޙްމަދު ނަސީމް ޚިދުމަތް ކުރެއްވީ، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ދާއިރާގައެވެ.

އަޙްމަދު ނަސީމް އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، އެއަރ މޯލްޑިވްސްގެ ޓްރެފިކް އެސިސްޓެންޓްކަމާއި، ޓްރެފިކް އޮފިސަރުކަމާއި، އޮޕަރޭޝަންސް އޮފިސަރުކަމާއި، ސީނިއަރ އޮޕަރޭޝަންސް އޮފިސަރުކަން ހިމެނެއެވެ. އަދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ ނަމުގައި ކުންފުނި އުފެދުމާ ގުޅިގެން މިހާރުވެސް ވަޒީފާ އަދާކުރައްވާ އެ ކުންފުނީގައިވެސް ތަފާތު މަގާމުތައް ނަސީމް ފުރުއްވައިފައި ވެއެވެ. މިގޮތުން، ފްލައިޓް އޮޕަރޭޝަންސް ސުޕަވައިޒަރުކަމާއި، އެސިސްޓެންޓް މެނޭޖަރ، ފްލައިޓް ޑިސްޕެޗް ކަމާއި، މެނޭޖަރ، ފްލައިޓް ޑިސްޕެޗުގެ މަގާމު ފުރުއްވައިފައި ވެއެވެ. ހީވާގިކަމާއެކު މިހާރު އަދާކުރައްވަމުން ގެންދަވަނީ، ފްލައިޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ސީނިއަރ މެނޭޖަރ، ފްލައިޓް ޑިސްޕެޗުގެ މަގާމެވެ. މި މަގާމުގައި ހުންނަވައިގެން ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކަކީ، ކުންފުނީގެ އިންޓަރނޭޝަނަލް އެންޑް ޑޮމެސްޓިކް ޝެޑިއުލް ހެއްދެވުމާއި، ކުންފުނީގެ ފްލައިޓްތައް ދަތުރުކުރުމަށް ބޭނުންވާ އެއަރޕޯރޓުތަކުގެ ސްލޮޓްސް ހޯއްދެވުމާއި، ކުންފުނީގެ މަތިންދާބޯޓްފަހަރު އުދުހުމަށްޓަކައި ހޯދަންޖެހޭ ހުއްދަތައް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހޯއްދެވުމާބެހޭ ކަންކަމާއި، ކުންފުނި އޮޕަރޭޓް ކުރަން ބޭނުންވާ ޑިސްޕެޗް އެގްރީމެންޓުތަކުގެ ހުއްދައާއި، އެޑްހޮކް ފްލައިޓްތަކަށް ބޭނުންވާ އެންމެހައި ހުއްދަތައް ހޯއްދެވުމުގެ މަސައްކަތެވެ.

އަޙްމަދު ނަސީމަކީ، ފެށުނީއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް، އަދާކުރާ ވަޒީފާއާ ގުޅިގެން އުފުލަންޖެހޭ ޒިންމާ، ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ދިމާވާ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އެހީތެރިކަން ދެއްވުމުގެ އިތުރުން، މަސައްކަތުގެ ތަޖުރިބާގެ އަލީގައި ކަންކަން ކުރަންވީ ގޮތްވެސް ސާފުކޮށްދެއްވަމުން ގެންދަވައެވެ.