އަލްފާޟިލާ ޢަފީފާ ޔޫސުފް
މަހަލް، ރ.އުނގޫފާރު

ޢަފީފާ ޔޫސުފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 15 އެޕްރީލް 1986 ގައެވެ. ވޭތުވެދިޔަ މިދިގު މުއްދަތުގައި ޚިދުމަތް ކުރެއްވީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ. މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ނަރުހެއްގެ ގޮތުން އެ ހޮސްޕިޓަލުގައި ޢަފީފާ ކޮށްދެއްވައިފައިވާ ޚިދުމަތްތައް ފާހަގަކޮށްލަން ޖެހެއެވެ.

ފުރަތަމަ އަދާކުރެއްވީ އެއްނަންބަރު ނަރުސްކަމުގެ ވަޒީފާއެވެ. އޭގެފަހުން، އެސިސްޓެންޓް ނަރސްކަމާއި، ސީނިއަރ އެސިސްޓެންޓް ނަރސްކަމާއި، ޕްރެކްޓިކަލް ނަރސްކަން ކުރައްވައިފައި ވެއެވެ. 2 ޖޫން 2016 އިން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، އެންރޯލްޑް ނަރސްގެ ވަޒީފާއެވެ.

ޢަފީފާ ޔޫސުފަކީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތާ ގުޅިވަޑައިގަތުމަށްފަހު، މިއަދާ ހަމަޔަށް ހޮސްޕިޓަލުން ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކުގައި ވަރަށް މުހިންމު ހިއްސާއެއް ވެދެއްވައިފައިވާ ބޭފުޅެކެވެ. ޢަފީފާ ޔޫސުފް މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ ގައިނީ ޑިޕާޓްމަންޓުގައި ކަމަށްވެފައި، އެ ޑިޕާޓްމަންޓުގެ އެންމެހައި ކަންކަންވެސް ބަލަހައްޓަވަމުން ގެންދަވަނީ ވަރަށް ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާއެކު، ކަމަށް ކަމޭހިއްތަވައިގެންކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެއާއެކު، ހޮސްޕިޓަލުގައި ލޭބަރ ރޫމާއި، އޮޕަރޭޝަން ތިއޭޓަރާއި އައި.ސީ.ޔޫ. ޔުނިޓް ޤާއިމުކުރެވުނު ދުވަހުން ފެށިގެން އެ ތަންތަނުގައިވެސް ވަރަށް މުރާލިކަމާއެކު ޢަފީފާ ޚިދުމަތް ކުރައްވައިފައި ވެއެވެ. ހަމައެހެންމެ، މުޅި ދުނިޔެއަށް ފެތުރުނު ކޯވިޑް19-ގެ ޢާލަމީ ވަބާގެ ދުވަސްވަރު، މާލެ ފުރަ ބަންދުކޮށްފައި އޮތުމުގެ ސަބަބުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އެކި އަތޮޅުތަކުން ފަރުވާ ހޯދުމަށް އައި ބަލިމީހުންނަށާއި، ކަރަންޓީނުގައި ބައިތިއްބަން ޖެހުނު މީހުންނަށް ފަރުވާދީ، އެ މީހުންގެ ކަންކަން ބެލެހެއްޓެވުމުގައިވެސް ޢަފީފާގެ ހީވާގި އަދި މިންނެތް މަސައްކަތްތައް ފެނިގެންދިޔައެވެ.

ހޮސްޕިޓަލުން ކުލަގަދަ ގޮތެއްގައި ކޮންމެ އަހަރަކު ފާހަގަކުރާ ޞިއްޙީ އެކި ދުވަސްތަކުގެ ޙަރަކާތްތަކުގައިވެސް، މުރާލިކަމާއެކު ޢަމަލީގޮތުން އެ ޙަރަކާތްތަކުގައި ޢަފީފާ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހުޅުވައިގެން ޚިދުމަތް ދޭން ފެށި ދުވަސްވަރަކީ، ނިސްބަތުން ރާއްޖޭގައި ޞިއްޙީ ޚިދުމަތްތެރިން މަދު ދުވަސްވަރެއްކަމުން، އިންސާނީ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް، ނަރުހެއްގެ ހައިސިއްޔަތުން ޢަފީފާ ކޮށްދެއްވި ޚިދުމަތްތަކަކީވެސް، ޝުކުރުވެރިކަމާއެކު ހޮސްޕިޓަލުން ބަލައިގެންފައިވާ ޚިދުމަތްތަކެކެވެ.