ފާޠިމަތު ޝަބާނާ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ ޕޯސްޓާބެހޭ ބައިގެ ދެނަންބަރު ކާތިބާއެއްގެ ވަޒީފާގައި 16 މޭ 1987 ގައެވެ. 35 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ހެޑް ކޭޝިއަރު ކަމުގެ މަގާމުގައެވެ. ފާޠިމަތު ޝަބާނާ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެސިސްޓެންޓް ޕޯސްޓަލް އޮފިސަރުކަމާއި، އެކައުންޓްސް އޮފިސަރުކަމާއި، ކޭޝިއަރުކަމާއި، ސީނިއަރ ކޭޝިއަރުކަން ހިމެނެއެވެ.
ފާޠިމަތު ޝަބާނާ، އެންމެ ގިނަދުވަހު ކުރެއްވީ، ކުންފުނީގެ ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓެވުމުގެ މަސައްކަތްތަކެވެ. އެގޮތުން، ފައިސާ ބަލައިގަތުމާއި، ފައިސާ ޖަމާކުރުމާއި، ކްރެޑިޓަށް ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ފޮނުވާ ބިލްތަކަށް، އެފަރާތްތަކުން ދައްކާ ފައިސާއާއި، އެހެނިހެން ގޮތްގޮތުން ކުންފުންޏަށް ލިބޭ ފައިސާއާ ހަވާލުވެ، ބޭންކަށް ޖަމާކުރުމާއި، ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް، ތިޖޫރީގައި ފައިސާ ރައްކާކުރުމާއި، ޖަމާކުރެވޭ ފައިސާގެ ޓްރާންސެކްޝަންތަކުގެ މަޢުލޫމާތު، ސިސްޓަމަށް އެންޓަރ ކުރައްވައިގެން ބެލެހެއްޓެވުން ހިމެނެއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމުގެ މަސައްކަތްވެސް ޝަބާނާ ކުރެއްވިއެވެ. ދިގު މުއްދަތެއް ވަންދެން މި މަސައްކަތްތައް ކުރެއްވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެއާއެކު، މަސައްކަތުގެ މާޙައުލުގައި، މުވައްޒަފުންނާ ގުޅިގެން ކުރައްވަންޖެހުނު ކަންކަންވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައިފައި ވެއެވެ.
ޝަބާނާ ފާހަގަކުރެވިފައިވަނީ، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު ކުންފުންޏަށް ޚިދުމަތް ކުރެއްވި އަދި ހަވާލުކުރާ ކޮންމެ ކަމެއްވެސް، ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާއެކު، ކަމަށް ކަމޭހިއްތަވައިގެން ކުރައްވައި، ވެރިންގެ އިތުބާރު ހޯއްދަވައިފައިވާ ބޭފުޅެއްގެ ގޮތުގައެވެ.