ލެފްޓިނަންޓް ކާނަލް ޢަބްދުﷲ އިބްރާހީމް
ދަފްތަރު ނަންބަރު ރސ 1280، މާލެ

ލެފްޓިނަންޓް ކާނަލް ޢަބްދުﷲ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޕްރައިވެޓެއްގެގޮތުން 7 މޭ 1987 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެމް.އެން.ޑީ.އެފް.ގެ ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2 ކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 1 ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމުގެ ރޭންކުގައްޔާއި، ކެޕްޓަން ކަމާއި، މޭޖަރ ކަމުގެ ރޭންކުގައި ހުންނަވައިގެން ޚިދުމަތް ކުރައްވައިފައިވެއެވެ.

ލެފްޓިނަންޓް ކާނަލް ޢަބްދުﷲ އިބްރާހީމަކީ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ވަގުތަށް ކަމޭހިއްތަވައިގެން، ޤާބިލުކަމާއި ތެދުވެރިކަމާއެކު ވަޒީފާއަށް އިސްކަން ދެއްވައިގެން ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އަދާކުރައްވާ ވަޒީފާއާ ގުޅޭގޮތުން ރާއްޖޭގައްޔާއި ރާއްޖެއިން ބޭރުގައި ތަފާތު ކޯސްތަކާއި ތަމްރީނު ޕުރޮގުރާމުތައް ޢަބްދުﷲ އިބްރާހީމް ވަނީ ފުރިހަމަ ކުރައްވައިފައެވެ.

ޢަބްދުﷲ އިބްރާހީމް ކުރައްވައިފައިވާ ފާހަގަކޮށްލެވޭ ޚާއްޞަ ޚިދުމަތްތައް ވަރަށްވެސް ގިނައެވެ. ޢަބްދުﷲ އިބްރާހީމަކީ، އެކި ދުވަސްވަރު ސިފައިންގެ އެކި ޔުނިޓުތައް ހިންގެވުމާ ހަވާލުވެ ހުންނަވައިގެން، އެ ޔުނިޓުތަކުގެ ޚިދުމަތްތައް ތަރައްޤީ ކުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ. މީގެއިތުރުން، ސިފައިން ކޮށްފައިވާ ބޮޑެތި މަސައްކަތްތަކާއި ހިންގައިފައިވާ ތަފާތު ހަރަކާތްތަކާއި، އިވެންޓްތަކުގައި ޢަބްދުﷲ އިބްރާހީމް ޢަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

2004 ވަނަ އަހަރު ރާއްޖެއާ ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހި ސިފައިން އިސްނަގައިގެން ކުރި އެންމެހައި މަސައްކަތްތަކުގައްޔާއި، ކޯވިޑް19-ގެ ބަލިމަޑުކަމާ ގުޅިގެން އެމް.އެން.ޑީ.އެފް.އިން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި، އއ.ވެލިދޫ އައިސޮލޭޝަން ފެސިލިޓީގެ ޓީމް ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން، ޢަބްދުﷲ އިބްރާހީމް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރަށް، އެމް.އެން.ޑީ.އެފް.ގެ އެންލިސްޓެޑް ޕްރޮމޯޝަން ބޯޑުގެ ވައިސް ޗެއަރމަންކަމާއި، ރިޓަޔަރމަންޓް ބޯޑުގެ މެންބަރުކަންފަދަ ޚާއްޞަ މަގާމުތައްވެސް ވަނީ ފުރުއްވައިފައެވެ.

ލެފްޓިނަންޓް ކާނަލް ޢަބްދުﷲ އިބްރާހީމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މީހުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، ވަޒީފާއާ އަލަށް ގުޅޭ ސިފައިންނަށް ތަމްރީނު ދެއްވުމާއި، ކަމާބެހޭ ދާއިރާގެ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވުމާއި، އަމިއްލައަށް އެ މަސައްކަތް ކުރެވޭވަރުގެ ޤާބިލު ބަޔަކަށް ސިފައިން ހެއްދެވުމަށް އެކިއެކި ތަމްރީނުތައް ދެއްވައި، ހިންގާ އެކިއެކި ޕުރޮގުރާމުތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

ލެފްޓިނަންޓް ކާނަލް ޢަބްދުﷲ އިބްރާހީމް، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރައްވަމުން ގެންދެވި ޚިދުމަތްތަކުގެ ސަބަބުން މިހާތަނަށް ޝަރަފުގެ ނިޝާނުގެ ގޮތުގައި 7 މެޑެއްޔާއި، 9 ކުލަ ލިބިވަޑައިގެންފައި ވެއެވެ. އޭގެތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ ތިންފަހަރު ހޯއްދަވައިފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ މެޑެލްތަކުގެ ތެރޭގައި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓް މެޑެއްޔާއި، މިނިވަން 50ގެ މެޑެލް އަދި ޖުމްހޫރީ 50ގެ މެޑެލް ހިމެނެއެވެ.