އަލްފާޟިލާ ފާޠިމަތު ސިމާދާ
މއ.އުއިވަށާގެ

ފާޠިމަތު ސިމާދާ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، 21 މާރިޗު 1987 ގައެވެ. ފެށުނީއްސުރެ ފެށިގެން ސިމާދާ ޚިދުމަތް ކުރައްވަމުން ގެންދަވަނީ، ޕޯސްޓާބެހޭ އިދާރާގައެވެ. މި ވޭތުވެދިޔަ 35 އަހަރު ދުވަހުގެ ޚިދުމަތުގެ ތެރޭގައި ސިމާދާ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ ދެނަންބަރު ކާތިބާކަމާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ދެނަންބަރު ކާތިބާކަމާއި، އެސިސްޓެންޓް ޕޯސްޓަލް އޮފިސަރުކަމާއި، އެކައުންޓްސް އޮފިސަރުކަމާއި، ސީނިއަރ ޕޯސްޓަލް އޮފިސަރުކަމާއި، ސީނިއަރ އެޑްމިން އޮފިސަރުކަން ހިމެނެއެވެ. ފާޠިމަތު ސިމާދާ މިހާރު ހުންނެވީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެސިސްޓެންޓް މެނޭޖަރުކަމުގެ މަގާމުގައެވެ.

ފާޠިމަތު ސިމާދާއަކީ، އިޚުލާޞްތެރިކަމާއި ހީވާގިކަމާއެކު، ކަމަށްކަމޭހިއްތަވައިގެން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ މުވައްޒަފެކެވެ. ފާޠިމަތު ސިމާދާ ކުންފުނީގައި މަސައްކަތް ކުރެއްވި ސެކްޝަންތަކުގެ ތެރޭގައި، ފައިނޭންސް އެންޑް އެކައުންޓްސްއާއި، އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސް ސެކްޝަން އަދި މެއިލް އޮޕަރޭޝަންސް ހިމެނެއެވެ.

ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަންގައި މަސައްކަތްކުރެއްވި މުއްދަތުގެ ތެރޭގައި، ކުންފުންޏަށް ލިބޭ ފައިސާ ބަލައިގަތުމާއި، ފައިސާ ބެލެހެއްޓުމާބެހޭ އިދާރީ މަސައްކަތްތައް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، މެއިލް ބޭގް ކެނޑުމާއި، މެއިލް ސޯޓް ކުރުމާއި، އަތޮޅުތަކުގެ ރަށްރަށަށް މެއިލް ބޭގް ފޮނުއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސް ސެކްޝަންގައި، ފާޠިމަތު ސިމާދާ ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ކުންފުނީގެ މެއިން ސްޓޮކް ބެލެހެއްޓެވުމުގެ މަސައްކަތްތަކާއި، މުދަލާއި ޚިދުމަތް ހޯދުމާބެހޭ މަސައްކަތްތަކާއި، އޮފީސް މެނެޖްމަންޓްގެ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ. ފާޠިމަތު ސިމާދާ މިހާރު ކުރައްވަމުން ގެންދަވަނީ، މެއިލް އޮޕަރޭޝަންސްގެ އިދާރީ މަސައްކަތްތަކެވެ.

ފާޠިމަތު ސިމާދާ ދިގު މުއްދަތެއް ވަންދެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގައި ޚިދުމަތް ކުރެއްވިއިރު ފާހަގަކުރެވިފައިވަނީ، މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނާ ގުޅިގެން، ކަންކަން ކުރަންވީގޮތާއި، ކަންކަން ހިންގަމުން ގެންދާގޮތް މުވައްޒަފުންނަށް އޮޅުންފިލުއްވައިދެއްވައިގެން މަސައްކަތް ކުރައްވާ މުވައްޒަފެއްގެ ގޮތުގައެވެ.

2007 މާރިޗު 21 ގައި، ފާޠިމަތު ސިމާދާއަށްވަނީ، ޕެންޝަން ލިބިވަޑައިގެންފައެވެ.