އަލްފާޟިލް އިބްރާހީމް ޢަލީ
ހުޅުމާލެ. ގޯތި 10654ގެ އޭ01- ފްލެޓް

އިބްރާހީމް ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ހއ.ހަތިފުށީ އޮފީހުގެ ކާތިބުކަމުގެ ވަޒީފާގައި 1987 މާރިޗު މަހުގެ 22 ވަނަ ދުވަހުއެވެ. މިއަދާ ހަމަޔަށްވެސް ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވިއިރު، މިހާރު އަދާކުރައްވަމުން ގެންދަވަނީ، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ހަތިފުށީ އޮފީހުގެ ކާތިބުކަމާއި، ސީނިއަރ ކްލާކް ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި ހަތިފުށީ ކަތީބު ކަމާއި، ހަނިމާދޫ ކަތީބުކަންވެސް ކުރައްވައިފައި ވެއެވެ.

އިބްރާހީމް ޢަލީ، ހަތިފުށީ އޮފީހުގައި މަސައްކަތް ކުރެއްވިއިރު، އެ އޮފީހުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށާއި، ރަށުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އެގޮތުން، ރަށުގައި 12 ގަޑިއިރަށް ދެމުން އައި ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރަށް ލިބޭނެގޮތް ހަމަޖެއްސެވުމާއި، ރައްޔިތުން ނަމާދުކުރާ މިސްކިތާއި، ރަށުގެ ސްކޫލް ވަރަށްބޮޑަށް ވީރާނާވެފައިވާތީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރައްވައި، ރަށުގެ މިސްކިތާއި ސްކޫލް، ރަނގަޅު ފެންވަރަކަށް އިމާރާތް ކުރެއްވުމުގައި، އިބްރާހީމް ޢަލީ ވަނީ، ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ހަތިފުށީ ކަތީބުކަމުގެ މަގާމުގައި އިބްރާހީމް ޢަލީ ހުންނަވައިގެން ހިންގެވި އެންމެ ކާމިޔާބު އެއް މަސައްކަތުގެ ތެރޭގައި، ހަތިފުށީގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރެއްވުމަށް ސަރުކާރުން ހިންގެވި މަޝްރޫޢު ނިމި، 2007 ޖުލައި 5 ވަނަ ދުވަހު ހަތިފުށީގެ މުޅި ރައްޔިތުން އެކުގައި އެއްފަހަރާ ހަނިމާދުއަށް ބަދަލުކުރެއްވުން ހިމެނިގެންދެއެވެ. އަދި ހަމައެހެންމެ، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށްޓަކައި ހއ.އަތޮޅުން އެކުލަވައިލި ޓީމުގައި، އިސް ބޭފުޅެއްގެ ހައިސިއްޔަތުން އިބްރާހީމް ޢަލީ މަސައްކަތް ކުރައްވައިފައި ވެއެވެ.

ހއ.ހަތިފުށީ ކަތީބުކަމާއި، ހދ.ހަނިމާދޫ ކަތީބުކަމުގައި އިބްރާހީމް ޢަލީ ހުންނެވި ދުވަސްވަރު، އެކިފަހަރުމަތީން ހއ.އަތޮޅުއޮފީހާއި، ހދ.އަތޮޅުއޮފީސް، ދެ އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިންގަވައިފައި ވެއެވެ. އަދި ހއ.އަތޮޅާއި، ހދ.އަތޮޅާއި، ށ.އަތޮޅުގެ ގިނަ އޮފީސްތައް ހިންގަވައި ބަލަހައްޓަވައި، އަތޮޅުތެރޭގެ ރަށްރަށުގައި ނުނިމިހުރި މަސައްކަތްތަކާއި، ނުނިމިހުރި މައްސަލަތައް ބައްލަވައި، ގިނަ ކަންކަން ހައްލު ކުރައްވައިފައި ވެއެވެ.

ހަނިމާދޫ ކައުންސިލް އިދާރާގައި އިބްރާހީމް ޢަލީ މިހާރު ކުރައްވާ މައިގަނޑު އެއް މަސައްކަތަކީ، ހަނިމާދޫގައި ސަރުކާރުން ހިންގަވާ މަޝްރޫޢުތައް ވިލަރެސް ކުރެއްވުމެވެ. އަދި ހަނިމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކަންކަން އިންތިޒާމު ކުރެއްވުމުގައިވެސް އިބްރާހީމް ޢަލީ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. އިބްރާހީމް ޢަލީއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއާއި މަޢުލޫމާތު، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ހިއްސާ ކުރައްވައި، ކަންކަން ކުރަންވީގޮތް އޮޅުންފިލުއްވައިދެއްވަމުން ގެންދަވައެވެ.