އަލްފާޟިލް މުޙައްމަދު ރަފީޢު
ހުޅުމާލެ. ފްލެޓް ނަންބަރު 02-3-89

މުޙައްމަދު ރަފީޢު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ރޭޑިއޯ ޓެކްނީޝަން ޓްރޭނީއެއްގެ ވަޒީފާގައި 1985 ވަނަ އަހަރުގެ މާރިޗު 19 ގައެވެ. މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި، މެނޭޖަރ، ލޭންޑިންގ ރޭޑިއޯ އެއިޑްސް މެއިންޓެނަންސްގެ މަގާމުގައި ހުންނަވައިގެންނެވެ.
މުޙައްމަދު ރަފީޢު ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ރޭޑިއޯ ޓެކްނީޝަންކަމާއި، ސީނިއަރ ރޭޑިއޯ ޓެކްނީޝަންކަމާއި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އެސިސްޓެންޓް އިލެކްޓްރޯނިކްސް އިންޖިނިއަރކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އިލެކްޓްރޯނިކްސް އިންޖިނިއަރކަމާއި، އެސޯސިއޭޓް މެނޭޖަރ، އެން.އޭ.ވީ. އެއިޑްސް އެންޑް އޭ.ޖީ.އެލް. ކަމާއި، މެނޭޖަރ، އެއިރޮޑްރޯމް މެއިންޓެނަންސްގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

މުޙައްމަދު ރަފީޢު ވަނީ، ޔޫ.އެން.ޑީ.ޕީ.ގެ އެހީގައި ލިބުނު ސްކޮލަރޝިޕެއްގެ ދަށުން ބެންކޮކްގައި ހުންނަ ސިވިލްއޭވިއޭޝަން ޓްރޭނިންގ ސެންޓަރުގައި، 1988 ން 1990 އަށް، ކޮމިއުނިކޭޝަން މެއިންޓެނަންސް އިން ޑިޕްލޮމާ ހާސިލު ކުރައްވައިފައެވެ. އަދި ކޯސް ފުރިހަމަ ކުރެއްވުމަށްފަހުގައި، ކުންފުނީގެ އިންޖިނިއަރ އަދި ސީނިއަރ އިންޖިނިއަރގެ މަގާމުގައި ހުންނަވައިގެން، ނެވިގޭޝަނަލް އިކުއިޕްމަންޓްތައް ބަލަހައްޓަވައި މަރާމާތު ކުރައްވައިފައި ވެއެވެ.

ކުންފުނީގެ ކުރިއެރުމަށް މުޙައްމަދު ރަފީޢު ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އެއަރޕޯޓަށް އައި ތަރައްޤީތަކުގައި، ސިވިލްއޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް އިކުއިޕްމަންޓްތައް ކޮމިޝަން ކުރެއްވުން ހިމެނެއެވެ. ނެވިގޭޝަން އިކުއިޕްމަންޓް ބަލަހައްޓަވައި، ޚިދުމަތް ދިނުމުގައި މިހާރު ރާއްޖޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއްބޭފުޅަކީ މުޙައްމަދު ރަފީޢުކަން ފާހަގަކޮށްލަންޖެހެއެވެ. މުޙައްމަދު ރަފީޢަކީ، ލިބިވަޑައިގެންފައިވާ ތަޖުރިބާއާއި ޢިލްމުގެ އެހީގައި، އެހެން މީހުން ތަމްރީނު ކުރުމުގައި ބައިވެރިވެވަޑައިގަންނަވާ މުވައްޒަފެއްކަންވެސް ފާހަގަކޮށްލެވެއެވެ.

މުޙައްމަދު ރަފީޢަކީ، މަސައްކަތުގެ މާހައުލުގައި އެހެން މުވައްޒަފުންނަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ދެއްވާ އަދި ކުންފުނިން ހިންގަވާ ގިނަ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.