އަލްފާޟިލް ޢަބްދުލްޙަމީދު
ހުޅުމާލެ. ފްލެޓް ނަންބަރު 02-3-114

ޢަބްދުލްޙަމީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިލެކްޓްރިޝަން ގްރޭޑް 3 ގެ ވަޒީފާގައި 1987 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

ޢަބްދުލްޙަމީދު ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ އިލެކްޓްރިޝަންކަމާއި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ސީނިއަރ އިލެކްޓްރިޝަންކަމާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އެސޯސިއޭޓް އެގްޒެކެޓިވްކަމާއި، އެސޯސިއޭޓް އިންޖިނިއަރކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޢަބްދުލްޙަމީދު މިހާރު ހުންނެވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ސީނިއަރ އެސޯސިއޭޓް އިންޖިނިއަރގެ މަގާމުގައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި ޢަބްދުލްޙަމީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، އިލެކްޓްރިކަލް ސެކްޝަންގެ އިސް ބޭފުޅެއްގެ ގޮތުގައެވެ. ޢަބްދުލްޙަމީދު ކުރައްވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، އިލެކްޓްރިކަލް މެއިންޓެނަންސް މަސައްކަތާއި، އިލެކްޓްރިކަލް ޑިސްޓްރިބިއުޝަންގެ މަސައްކަތާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފްލައިޓް އޮޕަރޭޝަންސް ހުއްޓުމަކަށް ނާންނާނެގޮތަށް ކަންކަން ވިސްނަވައި ރާއްވަވައިގެން އިލެކްޓްރިކަލް ސިސްޓަމްސް މެއިންޓެނަންސްކޮށް ބެލެހެއްޓެވުމާއި، ވީ.އައި.އޭ.ގެ އެހެން ސެކްޝަންތައް އޮޕަރޭޓް ކުރުމަށް ބޭނުންވާ އިލެކްޓްރިކަލް ޚިދުމަތްތައް، ދުވަހުން ދުވަހަށް ދެއްވުން ހިމެނެއެވެ.

ކުންފުނިން ބާއްވާ ޚާއްޞަ ޙަފުލާތަކާއި، މިނޫންވެސް އެހެނިހެން ކަންކަމުގައި ޢަބްދުލްޙަމީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. ޢަބްދުލްޙަމީދު ވަނީ ވީ.އައި.އޭ. ގައި ބާއްވާ އެކިއެކި އިވެންޓްތަކާއި، ކުންފުނިން ތައްޔާރުކުރާ ފުޅަނދުތައް ހެދުންފަދަ މަސައްކަތްތައް ރާއްވަވައި ހިންގަވައި، ގިނަ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

ޢަބްދުލްޙަމީދު ފާހަގަކުރެވިފައިވަނީ، ހަވާލު ކުރައްވާ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއެކު އެކަމަކަށް އިސްކަންދެއްވައިގެން މަސައްކަތް ކުރައްވާ ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ.