އަލްފާޟިލް ޙުސައިން ރަޝީދު
ހ. ދޮންތުނޑި

ޙުސައިން ރަޝީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ސިވިލްއޭވިއޭޝަން އޮތޯރިޓީގެ އިލެކްޓްރިޝަން
ގްރޭޑް 3 ގެ ވަޒީފާގައި 1987 ވަނަ އަހަރުގެ ޖަނަވަރީމަހު 26 ގައެވެ. އޭގެ ފަހުން 12 ޑިސެންބަރު 1988 ގައި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ އިލެކްޓްރިޝަން ގްރޭޑް 3 ގެ މަގާމަށް ބަދަލުވެވަޑައިގަތެވެ. އެ އޮތޯރިޓީގައި، އިލެކްޓްރިޝަން ގްރޭޑް 2 ގެ މަގާމާއި، ގްރޭޑް 3 ގެ މަގާމާއި، ސީނިއަރ އިލެކްޓްރިޝަން ގްރޭޑް 1ގެ މަގާމާއި، ގްރޭޑް 2 ގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޙުސައިން ރަޝީދު މިހާރު ޚިދުމަތްކުރައްވަމުން ގެންދަވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓުގައިވެސް، ޓެކްނީޝަން އިލެކްޓްރޯމެކޭނިކަލްގެ މަގާމާއި، ސީނިއަރ
ޓެކްނީޝަން އިލެކްޓްރޯ މެކޭނިކަލް ލެވެލް 7ގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ، ސީނިއަރ ޓެކްނީޝަން އިލެކްޓްރޯމެކޭނިކަލް ގްރޭޑް 3ގެ މަގާމުގައެވެ.

ޙުސައިން ރަޝީދު ގެންދަވަނީ ޝިފްޓް ޑިއުޓީގެ ސީނިއަރެއްގެ ހައިސިއްޔަތުން ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެތެރޭގައި، މެޝިންތަކުގެ މެއިންޓެނަންސް މަސައްކަތާއި، ބެގޭޖް ކޮންވޭޔަރ ބެލްޓްގެ މަސައްކަތްތަކާއި، ލިފްޓް އެކްސްކަލޭޓަރގެ މަސައްކަތްތަކާއި، އޮޓޮމެޓިކް ސްލައިޑިން ޑޯރގެ މަސައްކަތާއި، ފިއުލް ފާރމްގެ މެޝިނަރީޒްގެ މަސައްކަތްތަކާއި، ކުރިން ބޭނުން ކުރަމުން ގެންދިޔަ ކުނި އަންދާ މެޝިން ބެހެއްޓުމުގައި އިސްކޮށް އުޅުއްވުމާއި، ލޯންޑްރީގެ ދޮންނަ މެޝިންތަކާއި، ޑްރަޔަރ މެޝިންތައް ސަރވިސް ކުރެއްވުންވެސް ހިމެނެއެވެ. އަދި އޭގެ އިތުރުން، ވާރކްޝޮޕަށް ގެންނަ ޕަވަރޓޫލްތައް މަރާމާތު ކުރުމުގެ މަސައްކަތާއި، ވޯޓަރ ސަޕްލައި މީހުންގެ ސަބްމެސިބަލް(ސިންގަލް ފޭސް) އަދި (ތްރީ ފޭސް) ޕަމްޕުތައް ސަރވިސް ކުރުމުގެ މަސައްކަތް ކުރައްވައިފައިވެއެވެ.

ޙުސައިން ރަޝީދު ފާހަގަކުރެވިފައިވަނީ، ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވައި، އަދި ހަވާލުކުރައްވާ ކޮންމެ ކަމެއްވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުންފުނީގައި ޚިދުމަތްކުރައްވާ ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށްހިއްތަވައި، އެ އުސޫލުތަކާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފެއްގެ ގޮތުގައިވެސް މެއެވެ.

ޙުސައިން ރަޝީދު ވަނީ އަދާކުރައްވާ ވަޒީފާގެ އިތުރުން، ކުންފުނީގެ މުވައްޒަފުންނަށް ކުޅިވަރުގެ ރޮނގުންވެސް ޚިދުމަތް ކޮށްދެއްވައިފައެވެ. އެގޮތުން، ފުޓްބޯޅަ ކޯޗުކަން ކޮށްދެއްވައިފައެވެ. އަދި އޮފީހުގައި ބާއްވާ ޚާއްޞަ ޙަފުލާތަކާއި، ކުންފުނިން އިންތިޒާމުކުރާ އެކިއެކި ކުޅިވަރުތަކުގައި ޚިދުމަތްކޮށްދެއްވައި، މިނޫން އެހެނިހެން ކަންކަމުގައިވެސް ޙުސައިން ރަޝީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ.

ޚިދުމަތުގައި ޙުސައިން ރަޝީދު ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފުވެގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.